ޗެމްޕިއަންކަން ލިބުމުން ރާއްޖޭގައި އުޅޭ އާޖެންޓީނާގެ ސަޕޯޓަރުން ސައިކަލު ބުރެއް ބާއްވަނީ

މެސީއާއި އާޖެންޓީނާގެ ކާމިޔާބީއާއެކު މުޅި މާލޭގައި އުފާ ފާޅުކުރުން ---- ސަންފޮޓޯ/ ނާއިލް ހުސައިން

ފީފާ ވޯލްޑް ކަޕް 2022 ކާމިޔާބުކޮށް، އާޖެންޓީނާއިން މުބާރާތުގެ ތަށި އުފުލާލުމުގެ އުފާ ފާޅުކުރުމުގެ ގޮތުން، ރާއްޖޭގައި އުޅޭ އާޖެންޓީނާގެ ސަޕޯޓަރުން ސައިކަލު ބުރެއް ބާއްވަން ނިންމައިފިއެވެ.

"ސަން"އާ ވާހަކަދައްކަމުން މި ސައިކަލު ބުރު އިންތިޒާމްކުރުމުގައި އިސްކޮށް އުޅޭ ރަޝްވާން ރަޝީދު ބުނީ، މި ސައިކަލު ބުރު ބޭއްވުމަށް ނިންމާފައި ވަނީ މި ހުކުރު ދުވަހުގެ ހަވީރު ކަމަށެވެ.

ރަޝްވާން ބުނީ މި ސައިކަލު ބުރުގައި އާޖެންޓީނާގެ ހުރިހާ ސަޕޯޓަރުންނަށް ވެސް ބައިވެރިވުމުގެ ފުސަތު އޮންނާނެ ކަމަށެވެ. އަދި ސައިކަލު ބުރުގައި ބައިވެރިވާން އަންނައިރު، ޓީމުގެ ޖާޒީގައި ނުވަތަ އެ ޖާޒީ ރަމްޒުކޮށްދޭ ކުލަތައް (ނޫ ކުލަ / ހުދު ކުލަ) ބޭނުން ކުރުމަށް އެދޭ ކަމަށެވެ.

މި ސައިކަލު ބުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ހުކުރު ދުވަހުގެ ހަވީރު 04:30 އަށް އާޓިފިޝަލް ބީޗު ސަރަހައްދަށް އައުމަށް އެދޭކަމަށް ރަޝްވާން ބުނެފައިވެއެވެ.

މެސީއާއި އާޖެންޓީނާގެ ކާމިޔާބީއާއެކު މުޅި މާލޭގައި އުފާ ފާޅުކުރުން ---- ސަން ފޮޓޯ/ ނާއިލް ހުސައިން

ސައިކަލް ބުރު ކުރިއަށްދާނީ އާޓިފިޝަލް ބީޗު ސަރަހައްދުން ފެށިގެން، ބޮޑުތަކުރުފާނު މަގުން ކަމަށާއި، މާލެ ވަށާލުމަށްފަހު ސައިކަލު ބުރު ނިންމާލުމަށް ނިންމާފައި ވަނީ އާޓިފިޝަލް ބީޗާ ހަމައަށް އާދެވުމުންނެވެ.

އާޖެންޓީނާއަށް ސަޕޯޓުކުރާ ވީހާ ވެސް ގިނަ ސަޕޯޓަރުންތަކެއް މި ސައިކަލު ބުރުގައި ބައިވެރިވުމަށް، މި ސައިކަލު ބުރު އިންތިޒާމްކުރާ ފަރާތްތަކުން އެދެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ވޯލްޑް ކަޕް ފެށުނުއިރު، މި މަހުގެ 18 ވަނަ ދުވަހު ވޯލްޑް ކަޕް ނިމުމާ ހަމައަށް ވެސް އެންމެ ފޯރިގަދަ މަންޒަރުތަކެއް ފެނިގެންދަނީ އާޖެންޓީނާ ކުޅޭ މެޗުތަކުގައެވެ. އެގޮތުން ކޮންމެ މެޗެއްގައި ވެސް އާޖެންޓީނާގެ ޖާޒީ ލައިގެން، އާޓިފިޝަލް ބީޗުގައި ހުންނަ އުރީދޫ ފޭން ޒޯންއަށް ގިނަ ބަޔަކު މެޗު ބަލަން އެއްވާއިރު، މެޗަށްފަހު އުފާ ފާޅުކުރުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް މަގުތަކަށް ނުކުމެއެވެ.

https://sun.mv/gallery/view/6724

ހާއްސަ ގޮތެއްގައި ފައިނަލް މެޗުގައި ފްރާންސް ބަލިކޮށް އާޖެންޓީނާއިން ތަށި އުފުލާލުމާ ގުޅިގެން މި އުފާ ފާޅުކުރުންތަކުގެ އަޑު ގަދަވެ، ބައިވެރިވާ ފަރާތްތަކުގެ އަދަދު ގިނަވުމުގެ އިތުރުން، ގިނައިރުތަކެއް ވަންދެން މަގުތަކުގައި އެ ޓީމުގެ ސަޕޯޓަރުން އުފާ ފާޅުކުރަމުން ދިޔައެވެ.

މެސީއާއި އާޖެންޓީނާގެ ކާމިޔާބީއާއެކު މުޅި މާލޭގައި އުފާ ފާޅުކުރަނީ ---- ސަންފޮޓޯ/ ނާއިލް ހުސައިން

އުފާ ފާޅުކުރުމުގެ ގޮތުން ރާއްޖޭގައި އާޖެންޓީނާގެ ސަޕޯޓަރުން ސައިކަލު ބުރެއް ރާވަމުން ގެންދާއިރު، އާޖެންޓީނާގައި ވެސް އުފާ ފާޅުކުރުމުގެ ގޮތުން ގިނަ ބަޔަކު މަގުތަކަށް އެއްވެފައި ވެއެވެ. އެގޮތުން ޓްރޮފީއާއެކު އާޖެންޓީނާ ޓީމު އެނބުރި ގައުމަށް ދިޔުމުން ބޭއްވި ބަސް ޕެރޭޑު ވެސް، މީހުން ގިނަވެ ބަހަށް ދަތުރު ނުކުރެވުމުން ވަނީ ހުއްޓާލަން ޖެހިފައެވެ.

އާޖެންޓީނާ އަކީ ދުނިޔޭގައި އެންމެ ބޮޑު އެއް ފޭންބޭސް އޮތް ޓީމެވެ. ހާއްސަ ގޮތެއްގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަކީ ދުނިޔޭގައި އެންމެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ކުޅިވަރުގެ އެންމެ ހައިބަތު ބޮޑު އެއް ތަރިއެވެ.

comment ކޮމެންޓް