ފީފާ ވޯލްޑް ކަޕް 2030 ގައި 64 ޓީމު ބައިވެރިކުރުމާ ގުޅޭގޮތުން މަޝްވަރާކުރަމުންދާތީ، ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ) އިން ކަންކަން ކުރަނީ ނުހަނު ޒިންމާދާރުކަން ކުޑަކޮށް ކަމަށް ބުނެ ސްޕެނިޝް ލާ ލީގާގެ ރައީސް ހާވިއޭ ތެބާސް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އިޓަލީގެ ކުޅިވަރު ނޫހެއް ކަމަށްވާ ލާ ގަޒެޓާ ޑެލޯ ސްޕޯޓް އަށް ދެއްވި އިންޓަވިއުއެއްގައި ތެބާސް ވިދާޅުވީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ވަގުތު މިހާރު ހަމަވެއްޖެ ކަމަށާއި، ފީފާގެ ލީޑަޝިޕް އިންތިޚާބުކުރާ ނިޒާމަކީ ބުރަދަނެއް ނެތް ނިޒާމެއް ކަމަށެވެ.
އެ ނިޒާމުގެ ސަބަބުން އިންފަންޓީނޯއަށް ފީފާގެ ރައީސްކަމުގައި 10 އަހަރު ހޭދަކުރުމުގެ ފުރުސަތު ލިބިފައިވާކަން ފާހަގަކުރައްވަމުން ތެބާސް ވިދާޅުވީ، ފުޓްބޯޅައަކީ ހަމައެކަނި ވޯލްޑް ކަޕެއް ނޫން ކަމަށާއި، އެންމެ 40 ދުވަހަށް ދެމިގެންދާ އަދި މަދު ކުޅުންތެރިންކޮޅެއް ބައިވެރިވާ މުބާރާތަކަށްޓަކައި އެތައް ހާސް ބައެއްގެ ވަޒީފާއާ ގުޅިފައިވާ ފުޓްބޯޅަ އިންޑަސްޓްރީ ފީފާއިން ނައްތާލަމުންދާ ކަމަށެވެ.

ފީފާގެ ރައީސް އިންފަންޓީނޯއާއެކު އެމެރިކާގެ ރައީސް ޓްރަމްޕް--
މުބާރާތްތަކުގެ ތާވަލު ތޮއްޖެހެމުންދާތީ އެކަމުގެ ކަންބޮޑުވުން ފީފާއަށް ތަކުރާރުކޮށް ހުށަހަޅާފައިވާނެ ކަމަށް ތެބާސް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ކުޅިވަރު ދިރިިއޮންނަނީ ގައުމީ ލީގުތަކުގެ ސަބަބުން ކަމަށްވާއިރު، ގައުމީ ޓީމުތަކުގެ މެޗުތައް މަދުކޮށް، ކްލަބް ފުޓްބޯޅައަށް އިތުރު ހިމާޔަތްތަކެއް ބޭނުންވެއެވެ.
2030 ވަނަ އަހަރުގެ 100 ވަނަ އަހަރީ ވޯލްޑް ކަޕް 64 ޓީމަށް ބޮޑުކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަން ފީފާގެ ރައީސް އިންފަންޓީނޯ ފުރަތަމަ ހާމަކުރެއްވީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.
މި މުބާރާތް މައިގަނޑު ގޮތެއްގައި ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯގައި ބާއްވަން ހަމަޖެހިފައިވާއިރު، މުބާރާތުގެ 100 އަހަރުގެ ތާރީޚު ފާހަގަކުރުމުގެ ގޮތުން ފުރަތަމަ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ދެކުނު އެމެރިކާގެ އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭގައެވެ.
ވޯލްޑް ކަޕްގެ ޓީމުތަކުގެ އަދަދު 32 އިން 48 އަށް ބޮޑުކޮށްފައިވަނީ 2026 ވަނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވި މުބާރާތުގައެވެ. އެއަށްފަހު އެންމެ 4 އަހަރު ތެރޭގައި 64 ޓީމަށް ބޮޑުކުރުމަކީ ކުޅުންތެރިންގެ ސިއްހަތަށާއި މުބާރާތްތަކުގެ ފެންވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް ޔޫރަޕުގެ ލީގުތަކުން ދެކެއެވެ.
ތެބާސްއަކީ ފީފާއިން މުބާރާތްތައް އިތުރުކުރުމަށް ނިންމާ ނިންމުންތަކާ، އަދި ޚާއްޞަކޮށް 32 ޓީމާއެކު ބާއްވާ އާ ކްލަބް ވޯލްޑް ކަޕާ ދެކޮޅަށް އެންމެ ވަރުގަދައަށް ވަކާލާތުކުރައްވާ އެކަކެވެ.
ކުޅުންތެރިންގެ މެޗުތައް އިތުރުވެ ވަރުބަލިކަން ބޮޑުވުމުގެ ސަބަބުން ކްލަބް ފުޓްބޯޅައަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބޭކަމަށް އޭނާ ބުނެފައިވާއިރު، ތެބާސް ކުރެއްވި މި ތުހުމަތުތަކާ ގުޅިގެން ފީފާއިން އަދި އެއްވެސް ރަސްމީ ރައްދެއް ދީފައެއް ނުވެއެވެ.