ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު, އެރަށު ހިތަށް ފިނިވާގޭ، ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވާލައިފިއެވެ.
ނޮޅިވަރަމްގައި ނިޝާމާ ދިރިއުޅެމުން ދިޔަ ގޭތެރޭގައި އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑު ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައެވެ.
މިއަދުގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލާފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ނިޝާމާގެ މަރަށް ދެ ހަފުތާ ވާން ކައިރިވެފައި ވާއިރު، އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނުފޮނުވި ދުވަސްތަކެއް ފާއިތުވެފައިވާތީ، ގިނަ ފަރާތްތަކުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް އެރަށަށް ގޮސް ނިޝާމާގެ ޕޯސްޓްމޯޓަމް ހަދަން ނިންމި ނަމަވެސް، މީގެކުރިން އޭނާގެ އާއިލާއިން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.
މި މައްސަލައިގައި އެންމެން ވެސް ތުހުމަތުގެ އިނގިލި ދިއްކުރަނީ ނޮޅިވަރަމް ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައި މަސައްކަތް ކުރާ، އޭނާގެ ފިރިމީހާ، އދ. ފެންފުށި ރޯޒީވިލާ، އަބޫބަކުރު ފައިސަލަށެވެ.
އެކަމަކު، ފައިސަލް ބަންދުކޮށްފައި ހުރި ގޮޅީގައި އަމިއްލައަށް ދަން ޖެހިގެން މިމަހުގެ 13 ވަނަ ދުވަހު އޭނާ ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ހޮސްޕިޓަލުގެ އައިސީޔޫގައި އޭނާއަށް ފަރުވާދެމުން ދަނިކޮށް މީގެ ދެ ދުވަސް ކުރީން އޭނާ ވަނީ މަރުވެފައެވެ.
ފައިސަލް މަރުވި ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
ނިޝާމާގެ މަރުގެ ހަގީގަތް ހޯދަން، އެ މަރުގެ ތުހުމަތުކުރެވޭ ފައިސަލް ވެސް މަރުވުމުން އިތުރު ގޮންޖެހުމަކަށް ވެގެން ދިއުމާއެކު، ނިޝާމާގެ ޕޯސްޓްމޯޓަމް ހެދުން ނޫން ގޮތެއް ދެން ނެތްކަމަށާއި، ޕޯސްޓްމޯޓަމް ހަދަން ފުލުހުންނަށް އެއްބާރުލުން ދޭނެ ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.
ނިޝާމާއާއި ފައިސަލްގެ ކައިވެންޏަށް ތިން ކުދިން ވަނީ ލިބިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކުއްޖާއަށް ހަތް އަހަރު ފުރިފައިވާއިރު ދެވަނަ ކުއްޖާގެ އުމުރަކީ ހަތަރު އަހަރެއެވެ. އެންމެ ހަގު ކުއްޖާއަށް ދެ އަހަރެވެ.