ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައި، ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލަށް ބަރޯސާވުން ކުޑަކުރަން ޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ޤައުމީ ކަރަންޓް ކުންފުނި، ސްޓެލްކޯގެ 73 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކަރަންޓުގެ ޚިދުމަތަކީ، ސާފުވައި ފަދަ އަސާސީ އެއްޗަކަށް މިހާރު ވެފައިވާ ނަމަވެސް, މި ޚިދުމަތްދިނުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
މިގޮތުން ދުނިޔޭގެ އިޤުތިޞާދަށް އަންނަ ލޮޅުންތަކާއެކު ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަރަންޓުގެ ޚިދުމަތް ދިނުމުގައި ގޮންޖެހުންތައް ހުރިކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ.
"ކޮވިޑް-19ގެ ހާލަތުންނާއި، މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ހާލަތުގެ ސަބަބުންވެސް ކަރަންޓްގެ ޚިދުމަތަށް ހުރި ގޮންޖެހުންތައް އެނގި ހާމަވޭ. ތެލުގެ އަގު އުފުލުމާއެކު ކުރިމަތިވަމުން އަންނަ ދަތިތަކާއެކުވެސް ސްޓެލްކޯއިން ކޮށްފައިވާ މަސައްކަތްތަކާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށްލެވޭ،" ފައިސަލް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޮޑެތި މަޝްރޫޢުތަކެއް މިހާރުވެސް ހިންގަމުންދާކަން ފާހަގަކުރައްވައި އެމަސައްކަތްތައް އަދިވެސް އިތުރަށް ފުޅާ ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ މާލޭގެ ކަރަންޓުގެ ޚިދުމަތުގެ ތާރީޚަށާއި، ސްޓެލްކޯއިން މާލޭ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މީގެ އިތުރުން ސްޓެލްކޯގެ އިޖުތިމާޢީ ޒިންމާގެ ދަށުން މުޖުތަމަޢުގެ ފައިދާއަށް ކޮށްފައިވާ މުހިއްމު ގިނަ މަސައްކަތްތައްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، 2018 ވަނަ އަހަރު މި ސަރުކާރު ވެރިކަމަށް އައި އިރު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއް އޮތީވެސް ކަރަންޓުގެ ޚިދުމަތާ މެދުގައި ކަމަށެވެ. އަދި ފެނަކަ އާއި ސްޓެލްކޯގެ މަސައްކަތުން 100 އަށް ވުރެ ގިނަ އިންޖީނުގެ އަލަށް އިމާރާތްކުރެވި، 300 އަށްވުރެ ގިނަ ޖަނަރޭޓަރު ސެޓް އަތޮޅުތަކުގެ ރަށްރަށަށް ފޮނުވިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަނީ ސްޓެލްކޯގެ ކުރިއަށްއޮތް 75 އަހަރުގެ އަލިމަސް ޔޫބީލް ލޯގޯވެސް އިފްތިތާހްކޮށްފައެވެ. އަލިމަސް ޔޫބީލް ލޯގޯ އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ސްޓެލްކޯގެ ކުރިއަށްއޮތް އަލިމަސްޔޫބީލް ލޯގޯ އިފްތިތާހްކޮށްދެއްވަނީ-- ފޮޓޯ/ރައީސް އޮފީސްރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދޭން ފަށާފައިވަނީ 1949 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެކި ނަންނަމުގައި މާލޭގެ ކަރަންޓުގެ ޚިދުމަތްދެވި ތަރައްޤީ ކުރެވެމުން އައިސް، މިހާރުގެ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އުފެއްދީ 1997 ވަނަ އަހަރުގައެވެ.