ސަރުކާރުން ކަނޑައެޅި ހިސާބުތައް ފަތުރުވެރިކަމުގެ ދާއިރާއިން މި އަންނަ އަހަރު ކަޑައްތު ކުރެވޭނެ: މައުސޫމް

މިއަހަރު ރާއްޖެ ޒިޔާރަތް ކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއާއެކު މިނިސްޓާ މައުސޫމް - ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ

މި އަހަރު ފަތުރުވެރިކަން ކުރިއަރަމުންދާ ސްޕީޑުގައި ކުރިއަރާނަމަ، އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރާ ފަތުރުވެރިންގެ އަދަދު ކަޑައްތުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖެއަށް 1.6 މިލިއަން ވަނަ ފަތުރުވެރިޔާ އައުން ފާހަގަ ކުރުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް މިއަދު ލިބުނު ކާމިޔާބަކީ އެންމެން އެކުގައި ދިވެހި ރާއްޖެއަށް ހޯދައިދިން ކާމިޔާބީއެއް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ތަކުރާރުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ދައުރު ބޮޑު ކަމުގައިވެސް މައުސޫމް ވިދާޅުވިއެވެ.

"ތަނެއް ރަނގަޅިއްޔާ ތަކުރާރުކޮށް އަންނާނެ. އަޅުގަނޑުމެންނަށް ފިހާރައެއްގެ ޚިދުމަތާ އެއްޗެހި ރަނގަޅިއްޔާ އެފިހާރައަށް ދެވަނަ ފަހަރަށް ދަންޏާ އެ ފިހާރަވެސް ކާމިޔާބު ވާނެ،" މައުސޫމް ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއަށް 1.6 މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތް ކުރުމަުގެ މުނާސަބަތުގައު ބޭއްވި ޙަފްލާގެ ތެރެއިން-- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ

މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ދަށްވެފައި އޮތުމަށްފަހު މިހާރު ކުރިއަރަމުން އަންނަ ކަމަށެވެ. ނަމަވެސް ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރުގެ އަގުބޮޑު ވުމަކީ އޭގެ ސަބަބުން ރާއްޖެއަށް ގެއްލުން ލިބޭ ކަމެއް ކަމަށް މައުސޫމް ވިދާޅުވިއެވެ.

"ތެޔޮ އިންތިހާއަށް އަގުބޮޑުވީ، އޭގެ ސަބަބުން ފްލައިޓްތައް ވެސް އަގު ބޮޑުވީ،" މިނިސްޓަރު ވިދާޅުވިއެވެ.

މައުސޫމްގެ ވާހަކަފުޅުގައި 2019 ވަނަ އަހަރާ އަޅާބަލާއިރު މިހާރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 1.8 އިންސައްތަ ދަށް ކަން ފާހަގަ ކުރެއްވިއެވެ. އެހެން އެކަންތައްވީ ރާއްޖޭގެ މަގުބޫލު މާކެޓުތައް ބަންދުކޮށްފައި އޮތުމުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިސާލެއްގެ ގޮތުގައި ޗައިނާ މާކެޓާއި ޖަޕާނު މާކެޓު ބަންދުކޮށްފައި އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ މަޝްހޫރު މީހުން ޚިޔާރު ކުރާ މަންޒިލެއްގެ ގޮތުގައި ރާއްޖެ މިހާރު ހިމެނޭ ކަމަށާއި، އެއީ ރާއްޖެއިން އެމީހުންނަށް ބޭނުންވާ ޕްރައިވެސީ ދޭތީ ކަމަށެވެ.

"އަޅުގަނޑުމެން އެޝުއާ ކުރާނަން އެބޭޭފުޅުންނަށް ދޭން ޖެހޭ ޕްރައިވެސީ،" މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު އެހެން ވިދާޅުވިއިރު މި ދުވަސްވަރަކީ ވޯލްޑް ކަޕް ނިންމުމަށްފަހު ގިނަ ފުޓްބޯޅަ ތަރިން ރާއްޖެއަށް އަންނަމުންދާ ދުވަސްވަރެކެވެ. އެގޮތުން ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް އާއި އުރުގުއޭގެ ލުއިސް ސުއަރޭޒް ފަދަ ކުޅުންތެރިން މިހާރުވެސް ރާއްޖޭގައި ދަނީ ޗުއްޓީ ހޭދަ ކުރަމުންނެވެ.

މައުސޫމްގެ އިތުރުން އެމްއެމްޕީއާރްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުޙައްމަދު ވެސް ނޫސްވެރިންނާ ވާހަކަފުޅު ދެއްކެވިއެވެ.

ތޮއްޔިބު ވިދާޅުވީ މިއަހަރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވި އަމާޒު ހާސިލް ކުރެވުމުން އެކުންފުނިން ވަރަށް އުފާ ކުރާ ކަމަށާއި، އެފަދަ އަމާޒުތައް ސަރުކާރުން ކަނޑައަޅާނީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.

"އަބަދުވެސް އަޅުގަނޑުމެން ޓާގެޓަކަށް ވުރެ އިތުރު ކުރެވޭތޯ ބޮޑަށް މަސައްކަތް ކުރަން،" ތޮއްޔިބް ވިދާޅުވިއެވެ.

ތޮއްޔިބުގެ ވާހަކަފުޅުގައި ވަނީ އަންނަ އަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ފަތުރުވެރިންގެ އަދަދު އެމްއެމްޕީއާރުސީން ރައީސަށް ފޮނުވާފައިވާ ކަމަށާއި، އަންނަ އަހަރުގެ އަމާޒު ކަނޑައަޅުއްވާނީ ރައީސް ކަމަށް ވިދާޅުވެފައެވެ.

މިއަހަރުގެ 1.6 މިލިއަން ވަނަ ފަތުރުވެރިޔަކީ އިންޑިއާގެ ރައްޔިތެކެވެ. މިއަހަރު އެ އަދަދަށް ފަތުރުވެރިން އަންނާނެ ކަމަށް ރައީސް އަންދާޒާ ކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އެ ފަތުރުވެރިޔާއަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.

މިއާއެކު މިދިޔަ އަހަރު ރާއްޖެ ޒިޔާރަތް ކުރި ޓޫރިސްޓުންނަށް ވުރެން މި އަހަރު ޒިޔާރަތް ކުރި ޖުމުލަ ޓޫރިސްޓުންގެ އަދަދު ވަނީ ތިން ލައްކައިން އިތުރުވެފައެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރީ 1.3 މިލިއަން ޓޫރިސްޓުންނެވެ.

comment ކޮމެންޓް