ގުޅީފަޅުން އަނެއްކާވެސް އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ

އަލިފާން ރޯވީ ތިލަމާލެ، ބްރިޖު ހަދާ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ތިބި އެކޮމެޑޭޝަނެއްގައި--- ފޮޓޯ/ އެމްއެންޑީއެފް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރޯވި، ގުޅީފަޅުގައި ހުންނަ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކުން އިންސާނެއްގެ ކަށިތައް އަނެއްކާވެސް ފެނިއްޖެއެވެ.

އެ ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މިދިޔަ އާދިއްތަ ދުވަހު އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ވަނީ ފެނިފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ރޭ ވެސް މީހެއްގެ ހަށިގަނޑުގެ ބައިތައް އެތަނުން ވަނީ ފެނިފައެވެ. ނަމަވެސް އެއީ ކުރިން ފެނުނު މީހާގެ ކަށިތައް ކަމެއް ނުވަތަ އިތުރު މީހެއްގެ ކަށިތައް ކަމެއް އަދި ޔަގީންވެފައި ނުވެއެވެ.

މީގެ ކުރިން ފުލުހުން ވަނީ، އެ ސަރަހައްދުން ފެނުނީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ ބެލުމަށާއި އެއީ ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމަށް ކުރަންޖެހޭ ތަހުލީލުތައް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

އެފްކޮންސްއިން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ ހާދިސާގައި 78 މުވައްޒަފުން ޒަހަމްވެގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އޭގެ ތެރެއިން 32 މީހުންނަށް ފަރުވާ ދީފައި ވަނީ އެޑްމިޓު ކޮށްގެން ކަމަށާއި ހަތަރު މީހެއްގެ އޮޕަރޭޝަން ކުރަން ޖެހުނު ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އިތުރު 24 މީހުންނަށް އެކިވަރުގެ ކުދި އަނިޔާ ލިބުނު ކަމަށް ވެސް އެފްކޮންސްއިން ބުންޏެވެ.

އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ ބުރާސްފަތި ދުވަހުގެ ރޭ 00:31 ހާއިރެވެ. ފަޔާމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވައިލެވުނީ 01:52 ހާއިރެވެ.

comment ކޮމެންޓް