އެންމެ މަގުބޫލު ފޮޓޯއަކަށް ވޯލްޑްކަޕް ތަށްޓާއެކު މެސީ ނެގި ފޮޓޯ

މެސީ ވޯލްޑްކަޕް ތަށްޓާއެކު ނެގި ފޮޓޯ---

ވޯލްޑްކަޕްގެ ތަށްޓާއެކު ފުޓުބޯޅަ ރަސްގެފާނު ލިއޮނަލް މެސީ ނެގި ފޮޓޯ އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކު ލިބުނު ފޮޓޯއަކަށް ވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވޯލްޑްކަޕްގެ ފައިނަލުގައި އާޖެންޓީނާއިން ފްރާންސް ބަލިކޮށް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށްފަހު މެސީ ވަނީ އެ ޝަރަފުވެރި ތަށި އުފުލާލައިގެން ހުރެ ފޮޓޯއެއް އިންސްޓާގްރާމުގައި ހިއްސާ ކޮށްފައެވެ.

މި އާޓިކަލް ލިއުމާ ހަމައަށް އެ ފޮޓޯއަށް 61.3 މިލިއަން ލައިކު ލިބިފައިވާއިރު، މިއީ މިވަގުތު އިންސްޓާގްރާމުގައި އެންމެ ގިނަ ބަޔަކު ލައިކް ކޮށްފައިވާ ފޮޓޯއަށް މިވަނީ ވެފައެވެ.

މެސީ އިންސްޓަގްރާމްކުރި ފޮޓޯ---

މީގެކުރިން އެންމެ ގިނަ އިންސްޓަގްރާމް ލައިކް ހޯދައި އެ ރެކޯޑު ހަދައިފައިވަނީ ވޯލްޑް ރެކޯޑު އެގްގެ ނަމުގައި ހަދާފައިވާ އެކައުންޓަކުން ލައިފައިވާ ބިހެއްގެ ފޮޓޯއަކަށެވެ. އެ ފޮޓޯއަށް ލިބިފައިވަނީ 56.7 މިލިއަން ލައިކެވެ.

ވޯލްޑް ރެކޯޑް އެގް އަކީ އިންސްޓަގްރާމްގެ އެންމެ ގިނަ ލައިކު ހޯދައި ރެކޯޑު ފޮތުން ޖާގަ ހޯދުމުގެ މަގުސަދުގައި 2019 ވަނަ އަހަރު ހަދާފައިވާ އެކައުންޓެކެވެ. އެ އެކައުންޓު ހެދީ އޭރު ދުނިޔޭގެ މަޝްހޫރު މޮޑެލް ކައިލީ ޖެނާގެ އަތުގައިވާ ރެކޯޑު މުގުރާލުމަށެވެ. އޭނާ އަތުގައި އޭރު އެ ރެކޯޑު އޮތީ އޭނާގެ ފޮޓޯއަކަށް 18 މިލިއަން ލައިކު ހޯދައިގެންނެވެ.

ވޯލްޑް ރެކޯޑް އެގް އިކް ލައިފައިވާ ފޮޓޯ---

ވޯލްޑް ކަޕުގެ ތަށްޓާއެކު މެސީ ހިއްސާކުރި ފޮޓޯއަށް ރެކޯޑެއް ލިބިފައިވާއިރު، އެ ތަށި އުފުލާލުމާއެކު މެސީ އަކީ ފުޓުބޯޅައިގައި އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައިވާ ކުޅުންތެރިޔާއެވެ. ކުޅުންތެރިއަކަށް ފުޓުބޯޅައިގައި ހޯދޭނެ އެންމެހާ ޓްރޮފީއެއް މެސީ ވަނީ ހޯދާފައެވެ.

މިއާއެކު މެސީ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ނުވަތަ "ގޯޓް" ކަމަށް ގިނަބަޔަކު އިއްތިފާގުވެއެވެ.

comment ކޮމެންޓް