ނައިބު ރައީސް، އައްޑޫއާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގެންފި

ނައިބު ރައީސް އައްޑޫއާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީއަށް ކުރެއްވި ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މާލެ ވަޑައިގެންފިއެވެ.

ބުރާސްފަތި ދުވަހު، ނައިބު ރައީސް ފެއްޓެވި މި ދަތުރުފުޅުގައި، އެންމެ ފުރަތަމަ ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ.

ނައިބު ރައީސް، ފުވައްމުލައް ސިޓީގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫޢުތައް ބައްލަވައިލެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އައްޑޫއަށް ވަޑައިގެން އެމަނިކުފާނު، އައްޑޫ ސިޓީ ކައުންސިލާ ބައްދަލު ކުރެއްވުމުގެ އިތުރުން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެ ހޮސްޕިޓަލްގެ ސީނިއާ މެނޭޖްމަންޓާއި މުވައްޒަފުންނާވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އަދި އެ ހޮސްޕިޓަލްގެ ދަށުން ހިންގަމުންދާ، ހުޅުމީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައި، އެ މަރުކަޒުގައި އަލަށް ތައާރަފު ކުރި ޚިދުމަތްތައް އެމަނިކުފާނު ފައްޓަވައިދެއްވިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި، އައްޑޫ ސިޓީގެ ބައެއް ސްކޫލުތަކަށާއި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، މިސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީއަށް ހިންގަމުންދާ މަޝްރޫއުތައް ކުރިއަށްދާގޮތް ވެސް ވަނީ ބައްލަވާލައްވާފައެވެ.

ނައިބު ރައީސް، ފުވައްމުލައް ސިޓީގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވައިލެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސް ފުވައްމުލައް ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި ވަނީ، ފުވައްމުލަކު ހޮސްޕިޓަލަށް އިތުރުކުރި އިމާރާތް ހުޅުއްވައި ދެއްވައި އެ ހޮސްޕިޓަލްގައި އަލަށް ތައާރަފްކުރެވުނު ޚިދުމަތްތައް ވެސް ފައްޓަވައިދެއްވާފައެވެ. އަދި ޏ. އަތޮޅު ތައުލީމީ މަރުކަޒަށް 40 އަހަރު ފުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، އެ މަރުކަޒުގެ އަހަރީ ދުވަހާ ގުޅިގެން ކުރިޔަށް ގެންދިޔަ، ކުޅިވަރު ހަރަކާތްތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ ދުވަހުގެ ކުޅިވަރު ހަރަކާތްތަކުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވުން -- ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ވަނީ، ފުވައްމުލަކު ސްކޫލުގައި އަލަށް އިމާރާތްކުރި ދެ ކުލާސްރޫމް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީގައި ސަރުކާރުން ހިންގަމުންދާ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައި ލެއްވުމަށް ޓަކައި، މަޝްރޫއުތައް ހިނގަމުންދާ ސަރަހައްދުތަކަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރެއްވިއެވެ.

comment ކޮމެންޓް