މަސްކް ޓްވިޓާގެ ސީއީއޯ ކަމުން ދުރުކުރުމަށް ވޯޓެއް، 57 ޕަސެންޓު މީހުން ތާއިދު

ޓްވިޓާގައި ނެގި ވޯޓެއްގައި، އީލޯން މަސްކް ސީއީއޯ ކަމުން އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު ވަނީ ތާއިދުކޮށްފަ -- ފޮޓޯ/ ގެޓީ

ޓްވިޓާގެ ސީއީއޯގެ މަގާމުން މަހުޖަނު އީލޯން މަސްކް ވަކިކުރުމާ ބެހޭ ގޮތުން އޭނާ ޓްވިޓާގައި ނެގި ވޯޓެއްގައި، ވޯޓުގައި ބައިވެރިވި 57.5 ޕަސެންޓު މީހުން އެކަމަށް ތާއިދުކޮށްފިއެވެ.

ޓްވިޓާގެ ސީއީއޯ ކަމުން އިސްތިއުފާ ދޭންވީތޯ އަހައި، ފެންނަ ނުފެންނަ ވޯޓަކަށް އިއްޔެ މަސްކް އެހިއިރު އޭނާ ވަނީ އެ ވޯޓުގެ ނަތީޖާއާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް ބުނެފައެވެ.

އެ ވޯޓުގެ ވަގުތު ހަމަވި އިރު 17.5 މިލިއަން މީހުން ވޯޓު ދީފައިވާ އިރު އޭގެ ތެރެއިން 57.5 ޕަސެންޓު މީހުން ބުނީ މަސްކް އިސްތިއުފާ ދޭން ފެންނަ ކަމަށެވެ. އެއާ ދެކޮޅަށް ވޯޓު ދިނީ 42.5 ޕަސެންޓް މީހުންނެވެ.

މި ޕޯލްގެ ނަތީޖާއަށް ބޯލަނބާނެ ކަމަށް ބުނި ނަމަވެސް، މަސްކް އިސްތިއުފާ ދޭނެ ދުވަހެއް ހާމައެއް ނުކުރެއެވެ.

މަސްކްއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޓެސްލާ ކުންފުނީގެ ހިއްސާގެ އަގު މިފަހަކުން ދަށަށް ދިޔަ ނަމަވެސް މިދިޔަ ހަފުތާގައި ވަނީ ތަންކޮޅެއް މައްޗަށް ޖެހިލައިފައެވެ. އެގޮތުން މަސްކް ޓްވިޓާއިން ދުރަށް ޖެހި، ޓެސްލާއަށް އިސްކަންދޭ މިންވަރު އިތުރުވެދާނެ ކަމުން އުއްމީދާއެކު އިއްޔެ އެ ކުންފުނީގެ ހިއްސާގެ އަގު އުފުލުނެވެ.

ޓެސްލާގެ ހިއްސާގެ އަގު މިދިޔަ ހަފުތާގައި ވަރަށް ބޮޑަށް ދަށަށް ގޮސް، މަސްކްގެ މިލްކިއްޔާތުގެ ބޮޑު ބައެއް މަދުވުމާއެކު، ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުވެސް މަސްކްއަށް ގެއްލުނެވެ.

މަސްކް ޓްވިޓާގެ މަސައްކަތްތަކުގައި އަވަދި ނެތި އުޅުމުން ޓެސްލާއަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. އެގޮތުން އެ ކުންފުނީގެ އުފެއްދުންތަކުގެ އަގު ކުޑަކޮށް، ޗައިނާގައި އުޅަނދުތައް އުފައްދާ މިންވަރު ވަނީ މަދުކޮށްފައެވެ.

ޓްވިޓާއާއި ޓެސްލާގައި އިސްކޮށް ހުރި މަސްކްއަކީ ބިންގަރާސްތައް ހެދުމުގެ ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ބޯރިން ކޮމްޕެނީގެ ބާނީއެވެ. އަދި ރޮކެޓާއި ޖައްވީ އުޅަނދު އުފައްދާ ސްޕޭސް އެކްސް ކުންފުނީގެ ވެސް އިސްކޮށް ހުރި މަސްކް އަކީ މެޑިކަލް ޑިވައިސް ކުންފުންޏެއް ކަމަށްވާ ނިއުރާ ލިންކްގެ ބާނީއެއްވެސްމެއެވެ.

ޓެސްލާގެ އިންވެސްޓަރުން ކަންބޮޑުވަނީ އެފަދަ އިތުރު މަސައްކަތްތަކުގެ ސަބަބުން މަސްކް އެ ކުންފުންޏަށް ދޭ ސަމާލުކަން ކުޑަވާތީއެވެ.

އެހެން ކާރު އުފައްދާ ކުންފުނިތަކެކޭ އެއްފަދައިން ޓެސްލާއަށް ވެސް ސަޕްލައި ޗެއިންގެ މައްސަލަތަކާ ކުރިމަތިވެ، އިލެކްޓްރިކް އުޅަނދު އުފެއްދުމުގައި ވާދަވެރިކަން އިތުރުވެފައިވާތީ ގޮންޖެހުންތައް ވަނީ ގިނަވެފައެވެ.

މީގެ ކުރިން މަސްކް ވަނީ އޭނާ ޓްވިޓާ ހިންގުމަށް އާ ލީޑަރަކު ހޯދާނެ ކަމަށް ބުނެފައެވެ. ނަމަވެސް ދާދި ފަހުން ޓްވިޓާގައި އޭނާ ވަނީ އެ މަގާމަށް އައްޔަން ކުރެވޭނެ މީހަކު އަދި ނެތް ކަމަށް ބުނެފައެވެ.

comment ކޮމެންޓް