ތިލަމާލެ ބްރިޖުގެ މަޝްރޫއު ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ އެއްވެސް މުވައްޒަފަކަށް މުސާރަ ނުދީ ނޯންނާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
މުސާރަ ނުދޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ބުނެ އެކުންފުނީގެ މުވައްޒަފުން އިއްޔެ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ގުޅީފަޅުގައި އިހުތިޖާޖު ކޮށްފައެވެ. އިއްޔެ ހެނދުނުން ފެށިގެން ގުޅީފަޅުގައި ތިބި އެފްކޮންސްގެ 800 އެއްހާ މުވައްޒަފުންގެ ތެރެއިން ބައެއް މީހުން އިހުތިޖާޖު ކުރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ކުންފުނީގެ މުވައްޒަފުން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ.
އެ ހާދިސާގައި ގިނަ މުވައްޒަފުންގެ ތަކެތި އަނދާފައިވާއިރު، އެ މުވައްޒަފުންގެ މުސާރަ އެންމެ ރަނގަޅަށް ދެމުން އައިސްފައި ނުވާތީ އެކަމުގެ ހިތްހަމަނުޖެހުން ވަނީ ފާޅުކޮށްފައިވެއެވެ.
އެފްކޮންސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގުޅީފަޅުގައި ހުންނަ އެކުންފުނީގެ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްގައި ރޯވެ އަލިފާނުން އަސަރުކުރި ހުރިހާ މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ ކަންކަން އެ ކުންފުނިން ފޯރުކޮށްދީ، އަންނައުނާއި މޯބައިލް ފޯނާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އަދި ކުންފުނީގެ މަސައްކަތްތެރިންގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް އެ ކުންފުނިން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށާއި، އެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރާނެކަމުގެ ޔަގީންކަން ދޭ ކަމަށްވެސް ބަޔާނުގައި ވެއެވެ.
އަލިފާނުގެ ހާދިސާއަށް ފަހު އެ މީހުންގެ ތެރެއިން އެކަކު ގެއްލިފައިވަނިކޮށް، އެ މީހާ ހޯދުމުގެ މަސައްކަތުގެ ތެރެއިން، އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް މިއަދު ވަނީ ފެނިފައެވެ.
ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެކިވަރުގެ އަނިޔާ ލިބިގެން ޓްރީޓޮޕްގައި 63 މީހަކަށް ފަރުވާދީފައިވެއެވެ. އަދި އައިޖީއެމްއެޗްގައި 13 މީހަކަށް ފަރުވާ ދީފައިވެއެވެ. އެ ހާދިސާގައި ހާލުގައި ޖެހުނު އެންމެންނަށް ވެސް އެފްކޮންސް އިން ވަނީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.