މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާ ތިލަމާލެ ބުރިޖުގެ އެންމެ އުސް ޕްރީކާސްޓް ނެވިގޭޝަން ސްޕޭން ސެގްމަންޓު މިއަދު ގާއިމުކޮށްފިއެވެ.
އިންޑިއާ ހައިކޮމިޝަނުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެގައުމުގެ އެފްކޮންސް ކުންފުނިން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ދުނިޔޭގެ ވެސް އެންމެ އުސް ކަނޑުއަޑީގެ ޕްރިކާސްޓް ތިލަމާލެ ބްރިޖުގައި ގާއިމުކޮށްފައި ވާކަމަށެވެ.
އެ ޕްރީކާސްޓް ގައި 8.2 މީޓަރުގެ އުސްމިން ހުންނައިރު، 25.3 މީޓަރުގެ ފުޅާމިން ހުންނަ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދީފައިވެއެވެ. އަދި، 216.04 މެޓްރިކް ޓަނުގެ ބަރުދަން ހުންނަ އެ ޕްރީކާސްޓް ގާއިމުކުރެވުމަކީ އިންޖީނިއަރިން ދާއިރާއަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ކޮމިޝަނުން ވަނީ ސިފަކޮށްފައެވެ.
މި ކާމިޔާބީއަ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވެސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ވަނީ މި ކާމިޔާބީއާއެކު މަސައްކަތުގެ ދުވެލި އަވަސްވެ، ތާވަލާ އެއްގޮތަށް މަސައްކަތް ނިންމޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް މި މަޝްރޫއަށް ބަހައްޓަވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާ މުއްތޮލިބް ވަނީ ސަފީރަށް ޝުކުރު އަދާކުރައްވާފައެވެ.
ތިލަމާލެ ބުރިޖުގެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ. އެގޮތުން، އެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ. މި މަޝްރޫއު ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ކުރީ ސަރުކާރަށް ވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ތިލަމާލެ ބްރިޖު މަޝްރޫއިން ނިމިފައި އޮތީ އެންމެ 29 އިންސައްތަ މަސައްކަތެވެ.

ތިލަމާލެ ބުރިޖުގައި ގާއިމުކުރި އެންމެ އުސް ޕްރީކާސްޓު ---- ފޮޓޯ/ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން
މި މަސައްކަތް ނިންމުމުގައި ތާވަލުގައި އޮތް މިންވަރަށްވުރެ މާބޮޑަށް މަސައްކަތް ލަސްވެފައިވާކަމަށް، މި ސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބް ވަނީ 2023ވަނަ އަހަރު ވިދާޅުވެފައެވެ.
އެހެންވީ، ފުން ކަނޑުގައި ބްރިޖު އެޅުމުގެ ތަޖުރިބާ އެފްކޮންސްގައި ނެތުމުން ކަމަށާއި އެފްކޮންސްއިން މަސައްކަތުގެ ބުރަކަމާއި ބޮޑުކަން އަންޑާ އެސްޓިމޭޓްކުރުމުން ކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ. އަދި މަސައްކަތް އަންޑާއެސްޓިމޭޓްކުރުމުގެ ސަބަބުން އެކަށީގެންވާ މިންވަރަށް އެ ކުންފުންޏަށް މި މަސައްކަތަށް ތައްޔާރުވެވިފައި ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ: އިންފިނިޓް މޫމަންޓްސް/ އާއިޝް އަޝްރަފް
އެހެންވެ، އޭރު ސަޕްލިމަންޓަރީ އެގްރިމަންޓެއްގައި ސޮއިކޮށް އެ މަޝްރޫއު ނިންމަން އިތުރު 30 މަސް އެފްކޮންސްއަށް މިނިސްޓްރީން ދިނެވެ.
އޭގެފަހުން، މިދިޔަ އޮކްޓޯބަރު މަހު މުއްތަލިބު ވިދާޅުވީ، މަޝްރޫއު ލަސްކުރުމަށް އެފްކޮންސް އިން ބަހަނާތައް ދައްކަމުން އަންނަ ކަމަށާއި އެއީ ސަރުކާރުން ގަބޫލުކުރާ ކަންތައްތަކެއް ނޫންކަން އަންގަފައިވާ ކަމަށެވެ. އަދި، މަސައްކަތް ލަސްކުރުމަށް އިތުރު މުއްދަތު ނުދެވޭނެކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ.
އެއާއެކު، ބުރިޖުގެ 45.82 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރު އޭރު ވިދާޅުވެފައެވެ. އެއީ، ތަނބުތަކުގެ ޕައިލިން މަސައްކަތުގެ 79.5 ޕަސެންޓާއި ޕްރީކާސްޓު ސެގްމަންޓު 43.5 ޕަސެންޓާއި ޕައިލް ކެޕްގެ މަސައްކަތް 67.8 ޕަސެންޓު އަދި ޕިއާ ކޮމްޕްލެކްސް 62.2 ޕަސެންޓު ކަމަށް ވެސް އޭރު މިނިސްޓަރު ވިދާޅުވެފައިވެެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މާލެއާއި ގުޅީފަޅު ގުޅުވާލުން މާޗު 31، 2026އަށް ނިމޭނެ ކަމަށް ބުނެފައިވާއިރު، އެ މުޅި މަޝްރޫއު ސެޕްޓެންބަރު 30، 2026އަށް ނިމޭނެ ކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.