ގުޅީފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު ގެއްލުނު މީހާ ހޯދަމުން ދަނިކޮށް، އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް މިއަދު ފެނިއްޖެއެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގައި ދިރިއުޅުނު މީހަކު މަދުކަން އެތަނުގައި ދިރިއުޅުނު މީހުންނަށް ފާހަގަކުރެވުމާ ގުޅިގެން އޭނާ ހޯދުމަށް ކުރި މަސައްކަތުން މިއަދު އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެެއް ކަމަށް ބެލެވޭ ބައިތަކެއް، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
އެެއީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ ބެލުމަށާއި އެއީ ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމަށް ކުރަންޖެހޭ ތަހުލީލުތައް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.
އަލިފާން ރޯވީ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން އަންނަ، އިންޑިއާގެ އެފްކޮންސްގެ އެކޮމޮޑޭޝަނެއްގައެވެ. އެ ހާދިސާގައި އެކިވަރުގެ އަނިޔާތައް ލިބުމުގެ ސަބަބުން 63 މީހަކަށް ވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދީފައެވެ. އަދި، 13 މީހަކަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދީފައެވެ.
"އެ މީހުންގެ ތެރޭގައި ސީރިއަސް އަނިޔާވެފައިވާ ހަ މީހުން ހިިމެނޭ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު މީގެ ކުރިން ވިދާޅުވިއެވެ.
އެ ހާދިސާއަށް ފަހު މީހުންގެ އަދަދު ގުނިއިރު، އެކަކު މަދުކަން އެނގިގެން އޭނާ ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ފެށިއެވެ.
އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ ބުރާސްފަތި ދުވަހުގެ ރޭ 00:31 ހާއިރެވެ. ފަޔާމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވައިލެވިފައި ވަނީ 01:52 ހާއިރެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި ގެއްލިގެން މީގެ ކުރިން ހޯދީ ދެ މީހެކެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ފެނިފައިވާއިރު، މިހާރު ހޯދަނީ ޓްރަކް ޑްރައިވަރެކެވެ.
އަލިފާން ރޯވާން މެދުވެރިވީ ސަބަބެއް މިހާތަނަށް ހޯދިފައިނުވާއިރު، އެފްކޮންސްގެ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށް ގުޅީފަޅުގައި އިހުތިޖާޖު ވެސް ކޮށްފައެވެ. މުވައްޒަފުންނާ މަޝްވަރާކޮށް، ކަންބޮޑުވުންތައް އޮޅުންފިލުވައިދެމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ.
ތިލަމާލެ ބްރިޖު މަސައްކަތަށް އެ ކުންފުނީގެ ހާހަކަށްވުރެ ގިނަ މަސައްކަތު މީހުން ރާއްޖޭގައި އެބަތިއްބެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 800އެއްހާ މީހުން އުޅެނީ ގުޅީފަޅުގައެވެ. ބާކީ 200 މީހުން މަސައްކަތް ކުރަނީ މާލޭގައި ހުންނަ ބުރިޖު ސައިޓުގައެވެ.