މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގުޅީފަޅުގައި ހުންނަ ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ބްރިޖްގެ މަސައްކަތް މަޑުޖެހޭތޯ ބަލަމުންދާކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
'ސަން' އާ ވާހަކަދައްކަވަމުން ޕްލޭނިންގް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެ ހާދިސާގެ ސަބަބުން ބްރިޖުގެ މަސައްކަތަށް ކުރާނީ ކޮންކަހަލަ އަސަރެއްކަން ބުނަން އަދި މިވަގުތު ދަތިކަމަށެވެ.
"ކޮންސަލްޓަންޓަކާ އެއްކޮން ބަލަމުން މި ދަނީ އެއްވެސް އިފެކްޓެއް ބްރިޖްގެ މަސައްކަތަށް އަންނާނެތޯ،" އޭނާ ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ބުރަސްފަތި ދުވަހުގެ ރޭ 12:30 ކަންހާއިރު ހިނގި އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށެވެ.
އެ އަލިފާންގަނޑު ނިއްވާލެވުނީ 01:52 ހާއިރުއެވެ. އެ ހާދިސާގައި އެކެމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދާހުލިވެފައެވެ.
ޕްލޭނިންގް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހާލުގައި ޖެހުނު އެންމެންނަށް ވެސް އެފްކޮންސް އިން ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ.
އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިންނާ ގުޅީފަޅުން އެ މީހުންނަށް ދިރިއުޅުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެެވެ.
އޭނާ ވިދާޅުވީ ބޯހިޔާވަހިކަން ހަމަޖެއްސުމަށް އެޗްޑީސީން ވެސް އެފްކޮންސްއަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.
އެ ހާދިސާގައި އެކިވަރުގެ އަނިޔާ ލިބިގެން ޓްރީޓޮޕްގައި 63 މީހަކަށް ފަރުވާދީފައިވެއެވެ. އަދި އައިޖީއެމްއެޗްގައި 13 މީހަކަށް ފަރުވާ ދީފައިވެއެވެ.
މި ހާދިސާގައި އެފްކޮންސްގެ މުވައްޒަފެއް ވަނީ ގެއްލިފައެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިިފައި ނުވާކަމަށް އެފްކޮންސްއިން ބުުނެފައިވާއިރު ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.