އަލިފާނުގެ ހާދިސާގައި ގެއްލުނު އެފްކޮންސްގެ މުވައްޒަފު އަދިވެސް ނުފެނޭ

ގުޅީފަޅުގައި ހުންނަ އެފްކޮންސް އެކޮމޮޑޭޝަން ބްލޮކްގައި އަލިފާން ރޯވުން --

ގުޅީފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު ގެއްލުނު މީހާ އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، އަލިފާން ރޯވީ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން އަންނަ، އިންޑިއާގެ އެފްކޮންސްގެ އެކޮމޮޑޭޝަނެއްގައެވެ.

މި ހާދިސާގައި އެކިވަރުގެ އަނިޔާތައް ލިބުމުގެ ސަބަބުން 63 މީހަކަށް ވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދީފައެވެ. އަދި، 13 މީހަކަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދީފައެވެ.

"އެ މީހުންގެ ތެރޭގައި ސީރިއަސް އަނިޔާވެފައިވާ ހަ މީހުން ހިިމެނޭ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

އެކަމަކު، ހާދިސާއަށް ފަހުގައި މީހުންގެ އަދަދު ގުނިއިރު، އެކަކު މަދުކަން އެނގިގެން އޭނާ ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ވަނީ ފަށާފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި ނަމަވެސް މިހާތަނަށް އޭނާ ފެނިފައިނުވާ ކަމަށެވެ.

އޭނާ ހޯދުމަށްޓަކައި ސިފައިންގެ އެހީތެރިކަމާއެކު އެހެން ސައިޓްތައް ވެސް އަންނަނީ ބަލައި ހޯދަމުންނެވެ.

އެރޭ ދަންވަރު ހިނގި މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ އެ ރޭ 00:31 ހާއިރެވެ. ފަޔާމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވައިލެވިފައި ވަނީ 01:52 ހާއިރެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އިންޑިިއާގެ އެފްކޮންސް ކުންފުުނިން ބުނީ، ގުޅީީފަޅުގައި ހުންނަ އެޗްޑީސީގެ މަސައްކަތްތެރިން ތިބޭ ޓެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެ ކުންފުނީގެ މަސައްކަތްތެރިންނަށް އެކި ވަރުގެ އަނިޔާ ލިބިިފައިވާކަން އެކުންފުނިން ވަނީ ޔަގީންކޮށްދީފައެވެ.

އަލިފާން ރޯވާން މެދުވެރިވީ ސަބަބެއް މިހާތަނަށް ހޯދިފައިނުވާއިރު، އެފްކޮންސްގެ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށް ގުޅީފަޅުގައި އިހުތިޖާޖު ވެސް ކޮށްފައެވެ. މުވައްޒަފުންނާ މަޝްވަރާކޮށް، ކަންބޮޑުވުންތައް އޮޅުންފިލުވައިދެމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ.

ތިލަމާލެ ބްރިޖު މަސައްކަތަށް އެ ކުންފުނީގެ ހާހަކަށްވުރެ ގިނަ މަސައްކަތު މީހުން ރާއްޖޭގައި އެބަތިއްބެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 800އެއްހާ މީހުން އުޅެނީ ގުޅީފަޅުގައެވެ. ބާކީ 200 މީހުން މަސައްކަތް ކުރަނީ މާލޭގައި ހުންނަ ބުރިޖު ސައިޓުގައެވެ.

comment ކޮމެންޓް