އިދިކޮޅު ޕީޕީއެމްގެ ހުރިހާވެސް އުންމީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އަންނަ އަހަރު ފަހުކޮޅު އޮންނަ ރިޔާސީ އިންތިޚާބުގައި އެޕާޓީން އެނޫން މޫނެއް، ނަމެއް ދައްކާކަށް ބޭނުމެއް ނުވެއެވެ.
އެކަމަކު، އެޕާޓީން މިވާހަކަ ދައްކަން ކިތަންމެ ބޭނުންނުވި ނަމަވެސް މި ހަގީގަތް ވެސް ފެންނާން އެބައޮތެވެ. އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ސަބަބުން އެމަނިކުފާނުގެ ރިޔާސީ ހުވަފެނަށް އޮތީ ހިޔަނި އެޅިފައެވެ. މި މަހުގެ ފަހުކޮޅު ކުރާ ހުކުމުން، އެމަނިކުފާނުގެ ސިޔާސީ ހަޔާތް އެފުށް މިފުށަށް ޖެހިގެން ހިނގައިދާނެއެވެ. އެއާއެކު، އެޕާޓީއަށް ވެސް ހީނުކުރާ ވަރުގެ ލޮޅުންތަކެއް އައުމަކީ ނުވާނެ ކަމެއް ނޫނެވެ. ފަހަރުގައި އާ ލީޑަރެއް ވެސް އުފަންވެދާނެތާއެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް، އެފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ދައުލަތުން ވަނީ އެމަނިކުފާނުގެ މައްޗަށް ބޮޑު ދެ ދައުވާއެއް އުފުލާފައެވެ. އެއީ، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާއި، މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ދެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ނިންމައިލައި، މިހާރު އޮތީ ހުކުމާ ހިސާބަށް ވާސިލުވެފައެވެ. އެ މައްސަލައިގައި މިމަހު ކުރާ ހުކުމް ވާނީ ހަމައެކަނި އެމަނިކުފާނުގެ މައުސޫމް ކަމާމެދު ޖަހާލެވޭ ހުކުމަކަށް ނޫނެވެ. ހުކުމް އަންނަ ގޮތަކުން އެމަނިކުފާނުގެ ރިޔާސީ ހުވަފެން ހަގީގަތަކަށް ވެސް ވެދާނެއެވެ.
ނުވަތަ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް އާ ބޭފުޅަކަށް ވެސް ލިބިވަޑައިގެންފާނެއެވެ. އެޕާޓީގެ ނައިބު ރައީސް، އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި، ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފަދަ ބޭފުޅުންނަކީ ރިޔާސީ ކެންޑިޑޭޓަކަށް ވެވިދާނެ ބޭބޭފުޅުންނެވެ.
"ޖަލަށް ދާން ޖެހިއްޖެނަމަ ސިޔާސީ ކުރިމަގު ގެއްލޭނެ"
ޔާމީންގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ، މުޅި ޕާޓީއާއި އެމަނިކުފާނުގެ ސިޔާސީ ހަޔާތަށް ބޮޑެތި ލޮޅުންތަކެއް އަންނާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ޚިޔާލަކީ ވެސް އެއީއެވެ. އަލީ ވިދާޅުވިގޮތުގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ވާނީ ޔާމީންގެ ރިޔާސީ ހުވަފެނުގެ ފަހު ފުރުސަތަށެވެ. އެހެންވެ، އޭގައި ވާދަނުކުރެވޭ ހުކުމެއް ވެގެންދާނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ ކަފުނަށެވެ.
"މި ދަނޑިވަޅުގައި [ޖަލަށް] ލައިފިއްޔާ ވަރަށް އުނދަގޫވާނެ، އަލުން ސިޔާސީ ގޮތުން އާ އައިޑީއެއް ބިނާކުރަން. ވަރަށް ޗެލެންޖިންވާނެ،" އޭނާ ވިދާޅުވިއެވެ.
އަލީގެ މައިގަނޑު ނުކުތާއަކީ އެއީއެވެ. އެމަނިކުފާނުގެ އުމުރާއެކު ރާއްޖޭގެ ސިޔާސީ ޗާޓު ބަދަލުވަމުން އަންނަ ގޮތެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އިތުރު ފަސް އަހަރު ފަހުން ރިޔާސީ އިންތިޚާބެއްގައި ވާދަކުރެއްވުމަކީ ޔާމީނަށް ކުރެއްވޭ ވަރުގެ ކަމެއް ނޫނެވެ. އެހެންވެ، 2023ގެ ރިޔާސީ އިންތިޚާބަކީ އެމަނިކުފާނަށް އޮތް ފަހު ފުރުސަތެއް ކަމަށް އަލީ ގަބޫލުކުރައްވައެވެ.
"ކިތަންމެ ބޮޑު ކަމެއް ދިމާވިޔަސް ތިން، ހަތް ދުވަސް ފަހުން އެމީހަކު އެކަމެއް މަތިން ހަނދާން ނެތޭނެ،" އޭނާ ވިދާޅުވިއެވެ.
"މާބޮޑަށް ސިޔާސީ ކަންކަމުން ދުރުވެގެން ހުންނަން ވެއްޖިއްޔާ އިތުރު ފަސް އަހަރެއް ފަހުން، އަލުން އަނބުރާ އެހުރި ސިޔާސީ ޕޮޒިޝަނަށް އަންނަން ވަރަށް އުނދަގޫވާނެ. ނާދެވޭނެ އެކޭ ނޫން. ވަރަށް އުނދަގޫވާނެ."
އެހެންވެ، މިމަހު ފަހުކޮޅު ކްރިމިނަލް ކޯޓުން ކުރާ ހުކުމް ވާނީ ޕީޕީއެމާއި ޔާމީންގެ ސިޔާސީ ހަޔާތަށް ބޮޑެތި ބަދަލުތަކެއް ގެނުވައިފާނެ ހުކުމަކަށެވެ.
އާންމު މެންބަރުންގެ އެއްވެސް ބަހެއް ނެތި، އަމިއްލަ ބާރު ހިނގާ ޕާޓީގެ ސެނެޓުން އޮތީ ރިޔާސީ ޓިކެޓް ޔާމީނަށް ވެދުމަށް އަރުވާފައެވެ. އެކަމަކު، އެ ޓިކެޓުގެ ބޭނުން ކުރެއްވިދާނެތޯ ނިންމާނީ ޝަރީއަތުންނެވެ.
ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތަސް އެހާލަތު މެދުވެރިވީ ފުރަތަމަ ސިޔާސީ ބޭފުޅަކަށް ޔާމީން ނުވާނެއެވެ. މިއީ، މިފަހުން ރާއްޖޭގެ ސިޔާސީ ތާރީޚުގައި ހިނގާފައިހުރި ދެކެ ފަރިތަ ކަންކަމެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގާތްވަމުން އައިރު އެކަކަށް އެންމެ ބޮޑު ތާއީދެއް އޮތް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އެކަމަކު، އެއަހަރު އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ދޮރު ބަންދުވުމުގެ ސަބަބުން އެމަނިކުފާނުގެ ސިޔާސީ ކުރިމަގަށް ވެސް ވަނީ ވަރަށް ބޮޑަށް ބަނަކަން ކުރިމަތިވެފައެވެ.
ކްރިމިނަލް ކޯޓުން އިއްވި 13 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އިނގިރޭސި ވިލާތަށް އަރުވާލެވިގެން ހުންނަވައި ނަޝީދަށް މަޖުބޫރުވީ ބަދަލުގައި އެޕާޓީން އެހެން މޫނެއް ދައްކާށެވެ.
އެ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، ވާދަކުރެއްވީ ނަޝީދަށް ވާދަކުރެއްވެން ހުރި ހުރިހާ ދޮރެއް ބަންދުވުމުގެ ސަބަބުންނެވެ. އިތުރު އެއްވެސް ގޮތެއް ނެތުމުންނެވެ. ހަދާނެ ގޮތް ހުސްވުމުންނެވެ.
އެކަމަކު، ޕާޓީގެ ރިޔާސީ ޓިކެޓް އެހެން ބޭފުޅަކަށް ހަވާލުކުރެއްވުމަށް ފަހުގައި މިވީ ހަތަރު އަހަރު ތެރޭގައި ނަޝީދަށް އޮތް ތާއީދު ވަނީ ހީނުކުރާ ވަރަށް ދަށްވެފައެވެ. މުށުތެރޭ ގެންގުޅުނު އަމިއްލަ ޕާޓީގެ ކޮންޓްރޯލްވެސް މުޅިންހެން ގެއްލުނީއެވެ. ޕާޓީގެ މަޖިލީސް މެންބަރުން ވެސް އެމަނިކުފާނަށް ޖެއްސުން ކުރައްވަނީއެވެ. ނުވިތާކަށް ފާޅުގައި ހަޖޫވެސް ޖަހަނީއެވެ. އެއީ، ހަމަ ގައިމުވެސް ޓިކެޓް ވެދުން ކުރިއިރު ނަޝީދު އުންމީދުކުރާނެ ގޮތެއް ނޫނެވެ. އެހެނަސް، އެއީ އަދުގެ ސިޔާސީ ހަގީގަތެވެ.
ހަމަ އެފަދައިން، 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަފުޅު ކޮއްކޯފުޅަށް ތާއީދު ކުރެއްވުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް ކުރިމަތިވީ ދާދި އެއް މަގެކެވެ. ޖެހުނީ އެއް ހާލެކެވެ.
ދިގު ތިރީސް އަހަރު ވެރިކަން ކުރެއްވުމަށް ފަހުގައި ވެރިކަން ބަދަލުވީ 2008 ވަނަ އަހަރު ގިނަ ސިޔާސީ ލީޑަރުންތަކެއް މައުމޫނާ ދެކޮޅަށް ނުކުންނެވުމުންނެވެ. އެހެންނަމަވެސް، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އައިއިރު ވެސް ނަޝީދު ފިޔަވާ އެއް ބޭފުޅަކަށް އެންމެ ތާއީދު ބޮޑު، ނުފޫޒު ގަދަ ބޭފުޅެއްގެ ގޮތުގައި ހުންނެވީ މައުމޫނެވެ. އެ ތާރީޚު ބަދަލުވީ ވެސް އެމަނިކުފާނުގެ ރިޔާސީ ޓިކެޓް ޔާމީނަށް ލިބިވަޑައިގަތުމަށް ފަހުގައެވެ.
ޔާމީންގެ އަތްޕުޅުގައި ހިތްޕަވައިގެން ރަށްރަށަށް ވަޑައިގެން ތާއީދު ހޯއްދެވީ މައުމޫނެވެ. ގިނަ ބަޔަކު އެ އިންތިޚާބުގައި ޕީޕީއެމަށް ވޯޓުލީ މައުމޫނަށް އޮތް ލޯތްބެއްގެ ބޮޑު ކަމުންނެވެ. އެމަނިކުފާނަށް ކުރައްވާ އިތުބާރެއްގެ ސަބަބުންނެވެ.
އެކަމަކު، ރިޔާސީ އިންތިޚާބަށް ފަހުގައި މައުމޫނަށް ވަފާތެރިވީ މެންބަރުންނާއި އިސްވެރިން ވެސް ތިއްބެވީ ޔާމީންގެ ފަހަތްޕުޅުގައެވެ. އާންމު މެންބަރުންނަށް ވެސް ބޮޑަށް ކަމުދިޔައީ ޔާމީނެވެ. އެހެންވެ، ޖެހުނު ސިޔާސީ މައްސަލަތަކުގައި ޕާޓީން ވެސް އެއްފަރާތް ކުރީއެވެ. އެއަށްފަހުގައި އެމަނިކުފާނުގެ ސިޔާސީ ހަޔާތް ވެސް ނިމުނީއެވެ. އޮތް ތާއީދު ފަނޑުވެ، ލިބުނު އިހްތިރާމާއި ލޯބި ގެއްލުނީއެވެ.
އެހެންވެ، ސިޔާސީ ގޮތުން އެފަދަ ގޯހެއް ޔާމީން ހައްދަވާފާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
"ގޯސް ތަކުރާރެއް ނުކުރާނެ، ޕާޓީގެ ޓިކެޓު އިތުރު މީހަކަށް ނުދޭނެ"
ޔާމީނުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ވެސް ކުރައްވައި އެމަނިކުފާނާއެކު ގިނަ ސިޔާސީ ތަޖުރިބާތަކެއް ކުރައްވާފައިވާ އުމަރު ނަސީރު ވެސް ވިދާޅުވީ އެފަދައިންނެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީން ނޫން ބޭފުޅަކަށް ނުލިބޭނެއެވެ!
ޕާޓީ ގެއްލިދާނެ މަގަކުން ޔާމީން ހިންގަވައިފާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވައެވެ.
"އެއް ގޮތަކީ އެމަނިކުފާނުގެ އަނބިކަނބަލުން [މެޑަމް ފާތިމަތު އިބްރާހިމް] ރިޔާސީ އިންތިޚާބުގައި ވާދަކުރުން. އޭރުން ޕާޓީ ވެސް ނުގެއްލި އޮންނާނެތާ. އޭރުން ކާމިޔާބު ކުރެއްވިއްޖެ ނަމަ ވެރިކަން ލިބުނީ. އަދި ކާމިޔާބު ނުވިނަމަވެސް އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި ވެސް ޕާޓީގެ ކޮންޓްރޯލް އެމަނިކުފާނަށް އޮންނާނެ،" އުމަރު ވިދާޅުވިއެވެ.
"މެޑަމް ފާތުން އަކީ ޔާމީން ވެރިކަން ކުރެއްވީއިރުގައި ޕްރައިމްމިނިސްޓަރެއްގެ ރޯލް އަދާކުރެއްވި މީހާ. މީހުންނަށް ވަޒީފާ ދީ ނެގުމާއި ކެމްޕޭން ހިންގުމާއި ހުރިހާ ކަމެއް ކުރީ އޭނަ. އެއީ އެންމެނަށް ފެންނަން އޮތް މަންޒަރެއް،"
އުމަރު ގަބޫލުކުރައްވާ ގޮތުގައި އެހެންވެ، ޕާޓީގެ ރިޔާސީ ޓިކެޓް އެނޫން ބޭފުޅަކަށް އަރުވާފާނެ ކަމަކަށް ނުބެލެވެއެވެ. އަދި، އެނޫން ހާލަތެއްގައި ވެސް އެންމެ ގާތް ގޮތަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެއްވެސް ބޭފުޅަކަށް ނުދެއްވައި އެހެން ރިޔާސީ ކެންޑިޑޭޓަކަށް އެމަނިކުފާނު ތާއީދުކުރެއްވުމެވެ.
އުމަރު މިދެއްކެވީ ރާއްޖޭގެ ސިޔާސީ ތާރީޚަށް މުޅިން އާ ސަފްހާއެއްގެ ވާހަކައެވެ. މިއީ އަދި ރާއްޖޭގައި ވީ ކަމެއް ނޫނެވެ. އެކަމަކު، ބޭރުގެ ބައެއް ޑިމޮކްރަސީތަކުގައި މިއީ ވަރަށް ގިނައިން ފެނިފައިހުރި މަންޒަރެކެވެ. އެހެންކަމުން، މިއީ ވެސް ޔާމީން ކަންތައް ކުރައްވާފާނެ މަގެކެވެ.
އަވަށްޓެރި ބައެއް ގައުމުތަކުގައި މި މޭރުމުން ކަން ކުރައްވާފައި އެބަހުއްޓެވެ. އެއީ، އަތުން ދޫކޮށްލާ ޓިކެޓެއް އަލުން އަނބުރާ ނުލިބޭތީއެވެ.
މިގޮތުން، މެލޭޝިޔާގެ މިހާރުގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމަށް ރިޔާސީ ރޭހުގައި ވާދަކުރެއްވުމުގެ ދޮރު ބަންދުވުމުން އަމަލު ކުރެއްވީ ވެސް އެފަދައިންނެވެ. ޕާޓީގެ ރިޔާސީ ޓިކެޓް އެހެން ބޭފުޅަކަށް އެރުވުމުގެ ބަދަލުގައި އޭނާ ކަން ކުރެއްވި ގޮތަކީ އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކުރެއްވީއެވެ. އަދި، އެ ކެންޑިޑޭޓުގެ ރަނިން މޭޓަކަށް އައްޔަންކުރީ އަންވަރުގެ އަނބިކަނބަލުންނެވެ.
އަވަށްޓެރި ސްރީލަންކާގައި ރަނިލް ވިކްރަމްސިންހް ވެސް އެމަގުން އަމަލުކުރެއްވިއެވެ. އޭނާ ވެސް އަމިއްލަފުޅަށް ވާދަކުރެއްވުމުގެ ދޮރު ބަންދުވުމުން ޕާޓީގެ ބާރުވެރިކަން އެހެން ބޭފުޅަކަށް ދޭން ދެކޮޅު ހެއްދެވީއެވެ. އޭނާ ވަނީ އެއް ފަހަރަށް ވުރެ ގިނަފަހަރު އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާފައެވެ.
މި ދެ ބޭފުޅުން ވެސް އެމަގުން އަމަލު ކުރެއްވުމުގެ ނަތީޖާ ވެސް ސާފެވެ. ދެ ބޭފުޅުން ވެސް މިހާރު ތިއްބެވީ ވެރިކަމުގައެވެ. އެހެންކަމުން، މިފަދަ ސިޔާސީ ނިންމުމެއް ޔާމީން ވެސް ނިންމަވާފާނެ ކަމަށް މަޝްރަހް ދިރާސާ ކުރައްވާ ބޭފުޅުން ގަބޫލުކުރެއެވެ.
"އެ ހާލަތަށް ވިސްނަން ވެސް ޕީޕީއެމުން ބޭނުމެއް ނޫން"
މި މަހު ފަހުކޮޅު ކުރަން ތައްޔާރުވަމުންދާ ހުކުމަކީ ސިޔާސީ ގޮތުން ޕީޕީއެމަށް ކިތަންމެ މުހިއްމު ހުކުމެއް ކަމުގައި ވިޔަސް، ނޭދޭ ގޮތަކަށް އެ ހުކުމް އައުމުން، ދެން ކަން ކުރާނެ ގޮތަކާމެދު ވިސްނާކަށް ވެސް އެޕާޓީން އަދި ބޭނުމެއް ނުވެއެވެ. އެއީ، އެޕާޓީ ތެރޭގައި ޔާމީނަށް އޮތް ލޯތްބާއި އިހްތިރާމެއްގެ ބޮޑުކަމުންނެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެއީ ދައްކަން ބޭނުންވާ ވާހަކައެއް ނޫން ކަމަށެވެ. އެއީ އެޕާޓީން ވިސްނަން ވެސް ބޭނުން ނުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ޕްލޭން އޭ އަކީ ވެސް، ބީ އަކީވެސް، ސީ އަކީވެސް، ރައީސް ޔާމީން،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި މިމަހު ކްރިމިނަލް ކޯޓުން ޔާމީން ޖަލަށްލާން ހުކުމްކޮށްފި ނަމަ އެޕާޓީން އިތުރު ބޭފުޅަކަށް ރިޔާސީ ޓިކެޓް ދޭން ނުވިސްނާނެއެވެ. އޭގެ ބަދަލުގައި ޕާޓީން މަސައްކަތް ކުރާނީ އިސްތިއުނާފީ މަރުހަލާތައް ފުރިހަމަކޮށް، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މިނިވަން ކުރުމަށް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
މިއީ ޕީޕީއެމުން ދައްކަން ބޭނުންނުވާ ވާހަކައެވެ. އޭގެ ކުރިން އެކަމާ ވިސްނާކަށް ވެސް އެޕާޓީން ނޭދެއެވެ. އެކަމަކު، މިމަހު ކުރާ ހުކުމުން މި ބާބުގެ ސަފުހާތައް ވެސް ލިޔެވުން އެކަށީގެންވެއެވެ. ހުރިހާ ކަމެއް ބިނާވާނީ ޝަރީއަތުން އިއްވާ ހުކުމެއްގެ މައްޗަށެވެ.