މިފަހަރުގެ ބޯޓިން އެވޯޑުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ގިނަ އެވޯޑުތަކެއް ލިބިއްޖެއެވެ.
ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ، މޯލްޑިވްސް ބޯޓިން އެވޯޑްގެ މި އަހަރުގެ އެވޯޑު ހަފްލާގައި ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީއަށް ވަނީ ޖުމްލަ ނުވަ އެވޯޑެއް ލިބިފައެވެ.

މޯސްޓް ޕްރެފާޑް މެރިން އިންޖިނިއަރިން ސާވިސް ޕްރޮވައިޑާ އޮފް ދަ އިޔާ އެވޯޑު ލިބުނީ ޔަންމާ އިންޖީނަށް--- ފޮޓޯ/އެމްޓީސީސީ
ކުންފުނީގެ ބައިން އެމްޓީސީސީއަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި:
- އެސްއޯއީ އެންޑް ކޮމްޕެނީ އެޕްރިސިއޭސަން އެވޯޑް
- މޯސްޓް ޕްރެފާޑް މެރިން އިންޖިނިއަރިން ސާވިސް ޕްރޮވައިޑާ އޮފް ދަ އިޔާ، މެއިން އިންޖީނުގެ ބައިން ޔަންމާއަށް
- ޑޮކްޔާޑް/ސްލިޕްވޭ އޮފް ދަ އިޔާ: އެމްޓީސީސީ ބޯޓްޔާޑް
- މޯސްޓް ޕްރެފާޑް މެރިން ޖަނަރޭޓަރ ބްރޭންޑް އޮފް ދަ އިޔާ: ޔަންމާ ޖަނަރޭޓަރ
- އެންމެ މޮޅު މެރިން ޕެއިންޓް: އެމްޓީސީސީން ވިއްކާ ޕީޕީޖީ
- ބެސްޓް ލޯކަލް ފެރީ ސާވިސް ޕްރޮވައިޑާ އެވޯޑް

މޯސްޓް ޕްރެފާޑް މެރިން ޖަނަރޭޓަރ ބްރޭންޑް އޮފް ދަ އިޔާ އެވޯޑް ހަވާލުކުރުމުގެ ތެރެއިން--- ފޮޓޯ/އެމްޓީސީސީ
އަމިއްލަ ފަރާތްތަކުގެ ކެޓަގަރީތަކުގެ ބައިން ވެސް އެންމެ ގިނަ އެވޯޑުތައް ހޯދާފައިވަނީ އެމްޓީސީސީގެ މުއައްޒަފުންނެވެ. މީގެ ތެރޭގައި:
- ބެސްޓް އިންޖިނޭރަކަށް އެމްޓީސީސީގެ މުހައްމަދު ރަޝީދު
- ބެސްޓް ކެޕްޓަނަކަށް އެމްޓީސީސީގެ އަހުމަދު ޒަކީ
- ބެސްޓް ކުރޫ މެމްބަރަކަށް އެމްޓީސީސީގެ އިބްރާހިމް އަބުދުލް ހާދީ

ބެސްޓް ކުރޫ މެމްބަރުގެ އެވޯޑު ހަވާލުކުރުމުގެ ތެރެއިން--- ފޮޓޯ/އެމްޓީސީސީ
ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ދަތުރުފަތުރުގެ ޚިދުމަތްދެމުން އަންނަ ކުންފުންޏެވެ. އެމްޓީސީސީއަކީ ކަނޑުދަތުރުފަތުރުގެ އިތުރުން އެއްގަމު ދަތުރުފަތުރުގައިވެސް ރާއްޖޭގައި އެންމެ ނަގާކިޔާ އެއް ކުންފުންޏެވެ.
އެމްޓީސީސީން މާލެއާއި ހުޅުމާލެ އަދި އެއާޕޯޓަށް ދެމުން އަންނަ ބަހުގެ ޚިދުމަތަކީ ރާއްޖޭގައި މިވަގުތު ޤާއިމްކޮށްފައިވާ އެންމެ ބޮޑު އެއްގަމު ދަތުރުފަތުރުގެ ވިއުގައެވެ.

ޑޮކްޔާޑް/ސްލިޕްވޭ އޮފް ދަ އިޔާގެ އެވޯޑު އެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން-- ފޮޓޯ/އެމްޓީސީސީ
މޯލްޑިވްސް ބޯޓިން އެވޯޑުގެ މިއަހަރުގެ އެވޯޑުތައް ދީފައިވާއިރު، ބޯޓިން އެވޯޑް މިފަހަރު ބާއްވާފައި މިވަނީ ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މި އެވޯޑު ނުބޭއްވޭތާ ދެ އަހަރަށް ފަހުއެވެ. މިއީ ބޯޓިން އެވޯޑު ބޭއްވި ހަ ވަނަ އަހަރެވެ. ނެޝަނަލް ބޯޓިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ބޯޓިން އެވޯޑު އެންމެ ފުރަތަމަ ބާއްވާފައިވަނީ 2014 ވަނަ އަހަރުއެވެ.