''ތިއްކަށް'' އަހަރެއް: ލ. އަތޮޅުގެ ސްކޫލުތަކުގައި ތެލެސީމިއާ ސްކްރީނިން ހަރަކާތެއް

"ތިކި" އެޕަށް އަހަރެއް ފުރުމުގެ ގޮތުން ލ. އަތޮޅުގެ ދެ ސްކޫލެއްގެ ދަރިވަރުންނަށް ހިންގި ތެލަސީމީއާ އަށް ސްކްރީން ކުރުމުގެ ހަރަކާތުގެ ތެރެއިން --- ފޮޓޯ/ ތިކި

ފަސޭހަ ގޮތެއްގައި ލޭ ހަދިޔާ ކުރާނެ މީހުން ހޯދުމަށް ވުޖޫދު ކުރެވުނު "ތިކި" އެޕަށް އަހަރެއް ފުރުން ފާހަގަ ކުރުމުގެ ގޮތުން ލ. އަތޮޅުގެ އިހައްދޫ ސްކޫލު އަދި ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލުގެ ދަރިވަރުން ތެލަސީމީއާއަށް ސްކްރީން ކުރުމުގެ ހަރަކާތެއް އެ އެޕްލިކޭޝަން އިން ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން ލ. ގަމު ހޮސްޕިޓަލާ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ހޮސްޕިޓަލުން ވަނީ ތެލަސީމިއާ އާއި، ތެލަސީމިއާ ސްކްރީނިންގެ މުހިންމު ކަމާ ގުޅޭގޮތުން މަޢުލޫމާތު ސެޝަނެއްވެސް ދަރިވަރުންނަށް ނަގައިދީފައެވެ. އޭގެ އިތުރުން ތެލަސީމިއާ ސްކްރީނިން ޓެސްޓްވެސް ކޮށްފައިވެއެވެ.

އެގޮތުން އިހައްދޫ ސްކޫލުގެ 20 ދަރިވަރަކާއި ޙަމަދު ސްކޫލުގެ 83 ދަރިވަރަކު ތެލެސީމިއާ ސްކީރިނިން ޓެސްޓް ވަނީ ކޮށްފައެވެ.

"ތިކި" އެޕަށް އަހަރެއް ފުރުމުގެ ގޮތުން ލ. އަތޮޅުގެ ދެ ސްކޫލެއްގެ ދަރިވަރުންނަށް ހިންގި ތެލަސީމީއާ އަށް ސްކްރީން ކުރުމުގެ ހަރަކާތުގެ ތެރެއިން --- ފޮޓޯ/ ތިކި

މި ޙަރަކާތާ ގުޅިގެން "ތިކި" އެޕުގެ ފައުންޑަރު އަޙްމަދު އަނަސް ޙަބީބް ވިދާޅުވީ މި ޙަރަކާތުގެ މަޤްސަދަކީ "ތިކި" އެޕަށް އަހަރެއް ވުމާއެކު މުޖްތަމައުއަށް ބޭޭނުންތެރި ކަމެއް "ތިކި" އެޕުގެ ފަރާތުން ކުރުން ކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން ތެލެސީމިއާއަށް ދަރިވަރުން އަހުލުވެރިކޮށް، ތެލެސީމިއާ އާ ބެހޭގޮތުން މައުލޫމާތު ދިނުމަކީ ވެސް މަގްސަދެއް ކަމުގައި އަނަސް ވިދާޅުވިއެވެ.

" އަޅުގަނޑުމެން ތިކި އެޕް އުފެއްދީ ރަނގަޅު ނިޔަތެއްގައި، ހެޔޮ މަގްސަދެއްގައި. ލޭ ހަދިޔާކޮށް އެހެން އިންސާނެއްގެ ދިރިއުޅުން ތިކި މެދުވެރިކޮށް ސަލާމަތް ކުރުމަށް. އެހެން ކަމުން ތިއްކަށް އަހަރެއް ވާން ވެސް ބޭނުމީ މުޖްތަމައުއަށް އޭގެން ފައިދާ ކުރާނެ ކަމަކާ އެކު،" އަނަސް ވިދާޅުވިއެވެ.

"ތިކި" އިން ދަނީ އެއް އަހަރު ވުމާ ގުޅިގެން އެކިއެކި ގިވްއަވޭތައް ވެސް ހިންގަމުންނެވެ. އެގޮތުން ޖުމްލަ 12 ގިވް އަވޭއެއް ތިކިގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތައް މެދުވެރިކޮށް ހިންގަމުން އަންނަ އިރު، އިތުރު ފަސް ގިވް އަވޭއެއް ވެސް ހިންގުމަށް އެ އެޕްލިކޭޝަނުން ދަނީ ތައްޔާރު ވަމުންނެވެ.

"ތިކި" ލޯންޗު ކުރެވުނީ ނިމިދިޔަ އަހަރުއެވެ. އެގޮތުން "ތިކި"އަށް އަދި އަހަރެއް ވީއިރު މިއަދާ ހަމައަށް 800 އަށް ވުރެ ގިނަ ލޭ ހަދިޔާ ކުރާ ޑޯނަރުން އެ އެޕްލިކޭޝަނުގައި ރަޖިސްޓާ ވެފައިވެއެވެ.

comment ކޮމެންޓް