ރިލްވާންގެ މަރާ ރައީސް ޔާމީނާ ގުޅުވައި ދެއްކި ވާހަކައާ ގުޅިގެން އަބުރުގެ ދައުވާ ކުރަނީ

ކުރީގެ ރައީސް ޔާމީން: --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މަރާ ރައީސް އަބްދުﷲ ޔާމީންއާ ގުޅުވައިގެން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް ދެއްކެވި ވާހަކައާ ގުޅިގެން އޭނާއަށް އަބުރުގެ ދައުވާ ކުރަން ރައީސް ޔާމީންގެ ވަކީލުން ތައްޔާރުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިސްބާހު ވިދާޅުވީ، ރިލްވާން މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ ތ. އޮމަދޫ މުހައްމަދު މުނާޒު، ސީރިއާއަށް ފުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމްގެ އެހީތެރިކަމާއެކުގައި ކަމަށް މަރު ކޮމިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މި މައްސަލައިގަ ތުހުމަތު ކުރެވޭ ތ. އޮމަދޫ މުހައްމަދު މުނާޒު އޭރުގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭ ގޮތަށް، އަހުމަދު ރިޟްވާން އަބްދުﷲ ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރިގޮތް ކިޔައިދީފަވާ ކަމަށް ކޮމިޝަނަށް މައުލޫމާތު ލިބިފަވޭ އަދި އޭނާ ސީރިއާއަށް ފުރައިގެން ގޮސްފައި ވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާއެކުކަން ވެސް ތަހުގީގަށް އެނގިފައިވޭ،" މިސްބާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައުލޫމާތު ކޮމިޝަނާ ހިއްސާކުރި ފަރާތަކީ މުނާޒާ ވަރަށް ގާތް އަދި މުނާޒު ސީރިއާގައި ހުރެގެން، އެމީހުންނާ ބައިވެރިވެ ހަނގުރާމަ ކުރުމަށް ސީރިއާއަށް ދާން ރެކްރޫޓް ކުރަން އުޅުނު މީހެއް ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ، ރިލްވާންގެ މަރާ ރައީސް ޔާމީނާ ގުޅުވައި ދެއްކި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

"މިސްބާހް އައްބާސް ދެއްކި ވާހަކަތަކަކީ މީހަކު އެހެން މީހަކު ގާތު ބުނި ކަމަށް އެމީހާ ދެއްކި ކަމަށް ބުނެ، ބުނި ބުންޏަށް ދައްކާފައިވާ އެއްވެސް އަސްލެއް ނެތް ޔޯލަ ވާހަކަތަކެއްކަން ޚުދު މިސްބާހް އައްބާސްގެ ވާހަކައިންވެސް އެނގެއެވެ،" އެ ބަޔާނުގައިވެއެވެ.

ރައީސް ޔާމީންގެ ވަކީލުން ތުހުމަތު ކުރެއްވީ އެއީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާތީ، އެމަނިކުފާނުގެ މަގުބޫލުކަން ކުޑަކުރުމަށް، ވަކި ފަރާތެއްގެ ސިޔާސި މަންފާއަކަށް މިސްބާހު ދެއްކެވި ވާހަކަ ކަމަށެވެ.

"އަޅުގަނޑުމެންގެ މުވައްކިލުގެ އަބުރު ނަގާލުމަށްޓަަކައި މިސްބާހް އައްބާސް ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ދައްކާފައިވާތީ އަޅުގަނޑުމެންގެ މުވައްކިލުގެ އަބުރު ނަގައިލުމުގެ ދައުވާ މިސްބާހް އައްބާސްއާ ދެކޮޅަށް ކުރުމަށް ޓަކައި މައްސަލައިގެ ދައުވާ ފޯމު މިހާރު ތައްޔާރު ކުރަމުންދާ ވާހަކައާއި މިކަމުގައި އަޅަން ޖެހޭ ގާނޫނީ އެންމެހައި ފިޔަވަޅެެއް ލަސްކުރުމެއް ނެތި އަޅަމުންދާނެ ވާހަކަ ދަންނަވަމެވެ." ބަޔާނުގައިވެއެވެ.

މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ޔާމީނާ މުނާޒް ބައްދަލުކުރި ކަމަށް ބާރުދޭ ވާހަކަތަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިސްބާހު ވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރިލްވާން މަރުވެފައިވާ ކަމަށް ވަރަށް ޔަގީންކޮށް ރައީސް ޔާމީން ވިދާޅުވިކަން ފާހަކުރައްވާފައެވެ. އަދި މުނާޒް، ރައީސް ޔާމީނާ ބައްދަލުކުރި ކަމުގެ މައުލޫމާތު އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި، ދައުލަތުގެ އިސްވެރިންނާއި ގޭންގުތަކާ އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ، 2014 ވަނަ އަހަރުން ފެށިގެން ގިނަ އަދަދެއްގެ ޒުވާނުންގެ ކުށުގެ ރެކޯޑު ފޮހެދީފައިވާ ކަމަށެވެ. އަދި އެފަދަ ޒުވާނުން ރިހެބިލިޓޭޓް ކުރުމަކާ ނުލައި އެމީހުންނަށް ސަރުކާރުގެ ތެރެއިންނާއި ސަރުކާރުގެ ހިއްސާ އޮންނަ އެހެނިހެން ކުންފުނިތަކުން ވަޒީފާ ދިން ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭރުގެ ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެންނާއި އެހެނިހެން ގޮތްގޮތުން ކުށްކުރާ ގޭންގުތަކަށް ފަންޑު ކުރަމުން ދިޔަ ކަމާއި އަދި އެ ފައިސާ ދީފައި ވަނީ ކުޅިވަރު ޖަމިއްޔާތަކާއި ޒުވާނުންގެ އެކި ކަންކަމަށް އެހީތެރިވެ ދިނުމުގެ ނަމުގައި ކަން އެނގޭ،" ފަރީޝާ ވިދާޅުވިއެވެ.

ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިއަދާހަމައަށް ވެސް އެކަން ކުރެވިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް