ޖެނުއަރީ 25ގައި އޮލިމްޕަސް ހުޅުވަން ތައްޔާރުވެ، ބުކިންއަށް ހުޅުވާލައިފި

އޮލިމްޕަސް ސިނަމާ: ދި އެޑިޝަން ފޮޓޯ ---

އޮލިމްޕަސް ސިނަމާ ހުޅުވަން ތައްޔާރުވެފައިވާތީ އެ ތަން ބުކް ކުރުމުގެ ފުރުސަތު ނެޝަނަލް ސެންޓާ ފޯ އާޓްސް (އެންސީއޭ)އިން މިއަދު ހުޅުވާލައިފިއެވެ.

ކޮވިޑާ ގުޅިގެން އޮލިމްޕަސް މަރާމާތަށް ބަންދުކުރީ 2020 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

އެންސީއޭއިން ކުރި އިއުލާނުގައި ވަނީ އޮލިމްޕަހުގައި އެކިއެކި ހަރަކާތްތައް ބޭއްވުމަށް އެދޭ ފަރާތްތަކުން މިއަދުން ފެށިގެން އެޑްވާންސް ބުކިންއަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އޮލިމްޕަސް ހޯލާއި ޕްރެކްޓިސް ރޫމްތައް ބުކް ކުރެވޭނީ 2023 ވަނަ އަރުގެ ޖެނުއަރީ 15އިން ފެށިގެން ކަމަށް އެ އިއުލާނުގައިވެއެވެ.

އެންސީއޭ އިން ބުނީ އޮލިމްޕަސް އަލުން ބުކް ކުރަން ހުޅުވާލާއިރު، ކޮވިޑުގެ ހާލަތާ ގުޅިގެން 2020 ވަނަ އަހަރު އޮލިމްޕަސް ބަންދު ކުރިއިރު ފިލްމު ދެއްކުމަށް އޮލިމްޕަސް ބުކްކޮށް، އެޑްވާންސް ދައްކާފައިވާ ފަރާތްތަކަށް މިފަހަރު އިސްކަންދޭނެ ކަމަށެވެ.

އެންސީއޭގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ ސެންޓަރުން މިހާރު މަަސައްކަތް ކުރަނީ އަންނަ މަހުގެ 25ގައި އޮލިމްޕަސް ހުޅުވަން ކަމަށެވެ. އަދި އުންމީދަކީ އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ފުރަތަމަ ފިލްމު އެޅުވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޮލިމްޕަސް ސިނަމާ ރަސްމީކޮށް ހުުޅުވާފައިވަނީ 1959 ވަނަ އަހަރުގެ މޭ މަހުގައެވެ. އެއަށްފަހު އެތަނުގައި އައީ ފިލްމު ދެއްކުމާއި މުނިފޫހިފިލުވުމުގެ ތަފާތު ހަފުލާތައް ބޭއްވަމުންނެވެ. އަދި 1990 ހިސާބުގައި ސުކޫލް ކުދިންގެ ލަވަ މުބާރާތް ވެސް އޮލިމްޕަހުގައި ބާއްވަން ފެށިއެވެ.

ކުރީގައި ދިވެހީންގެ ބައިސްކޯފުގޭގެ ގޮތުގައި ކިޔަމުން އައި އޮލިމްޕަހުގައި ދިވެހި ފިލްމްތައް ދައްކަން ފެށީ 1980ގެ އަަހަރުތަކުގެ ތެރޭގައެވެ.

comment ކޮމެންޓް