ރިލްވާންގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މުނާޒް ފުރީ ރައީސް ޔާމީންގެ އެހީތެރިކަމާއެކު: މަރު ކޮމިޝަން

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ---

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ ތ. އޮމަދޫ މުހައްމަދު މުނާޒު، ރާއްޖެއިން ބޭރަށް ފުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމްގެ އެހީތެރިކަމާއެކުގައި ކަމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނެފިއެވެ.

މަރު ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރު މިސްބާހް އައްބާސް ވިދާޅުވީ މުނާޒު ރާއްޖެއިން ފުރުމުގެ ކުރިން އޭރުގެ ރައީސްއާ ބައްދަލުކުރި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވި ގޮތުގައި މުނާޒް ފުރީ 2017 ވަނަ އަހަރެވެ. އޭރު ރައީސް ކަމުގައި ހުންނެވީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމެވެ.

"މި މައްސަލައިގަ ތުހުމަތު ކުރެވޭ ތ. އޮމަދޫ މުހައްމަދު މުނާޒު އޭރުގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭ ގޮތަށް، އަހުމަދު ރިޟްވާން އަބްދުﷲ ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރިގޮތް ކިޔައިދީފަވާ ކަމަށް ކޮމިޝަނަށް މައުލޫމާތު ލިބިފަވޭ އަދި އޭނާ ސީރިއާއަށް ފުރައިގެން ގޮސްފައި ވަނީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާގެ އެހީތެރިކަމާއެކުކަން ވެސް ތަހުގީގަށް އެނގިފައިވޭ،" މިސްބާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައުލޫމާތު ކޮމިޝަނާ ހިއްސާކުރި ފަރާތަކީ މުނާޒުއާ ވަރަށް ގާތް އަދި މުނާޒު ސީރިއާގައި ހުރެގެން، އެމީހުންނާ ބައިވެރިވެ ހަނގުރާމަ ކުރުމަށް ސީރިއާއަށް ދާން ރެކްރޫޓް ކުރަން އުޅުނު މީހެއް ކަމަށެވެ.

ހަމައެއާއެކު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ގދ. މަޑަވެލީގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، ރިލްވާން މަރުވެފައިވާ ކަމަށް ވަރަށް ޔަގީންކޮށް ވިދާޅުވިކަން މިސްބާހު ފާހަގަކުރެއްވިއެވެ. އަދި މުނާޒް ރައީސް ޔާމީނާ ބައްދަލުކުރި ކަމުގެ މައުލޫމާތު އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ އިސްވެރިންނާއި ގޭންގުތަކާ އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފަރީޝާ ވިދާޅުވީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ ނަމުގައި 2014 ވަނަ އަހަރުން ފެށިގެން ވަޒީފާގެ ބޭނުމަށް ކުށުގެ ރެކޯޑު ސާފު ކޮށްދޭން ފަށައި، ގިނަ އަދަދެއްގެ ޒުވާނުންގެ ރެކޯޑު ފޮހެދީފައިވާ ކަމަށެވެ. އަދި އެފަދަ ޒުވާނުން ރިހެބިލިޓޭޓް ކުރުމަކާ ނުލައި އެމީހުންނަށް ސަރުކާރުގެ ތެރެއިންނާއި ސަރުކާރުގެ ހިއްސާ އޮންނަ އެހެނިހެން ކުންފުނިތަކުން ވަޒީފާ ދިން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރިލްވާންގެ މައްސަލައިގައި ދައުރެއް އޮތް ކަމަށް ތުހުމަތު ކުރެވޭ ހ. ހިލްޓަން، އަޒްލިފް ރައުފުގެ މައްޗަށް 2013 ވަނަ އަހަރު ކޮށްފައިވާ ގޭ ބަންދުގެ އަމުރާ ޚިލާފަށް އޭނާ ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ހަފުލާއަކަށް ދިޔަ ކަމަށް ފަރީޝާ ވިދާޅުވިއެވެ.

"އޭރުގެ ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެންނާއި އެހެނިހެން ގޮތްގޮތުން ކުށްކުރާ ގޭންގުތަކަށް ފަންޑު ކުރަމުން ދިޔަ ކަމާއި އަދި އެ ފައިސާ ދީފައި ވަނީ ކުޅިވަރު ޖަމިއްޔާތަކާއި ޒުވާނުންގެ އެކި ކަންކަމަށް އެހީތެރިވެ ދިނުމުގެ ނަމުގައި ކަން އެނގޭ،" ފަރީޝާ ވިދާޅުވިއެވެ.

އެ މައުލޫމާތު ކޮމިޝަނާ ހިއްސާ ކުރީ އޭރުގެ ސަރުކާރުގައި އިސްކޮށް ހުންނެވި ބޭފުޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރިލްވާނުގެ މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް ވަނީ ދައުވާ އުފުލާފައެވެ.

އެއީ މ. ލެގޫންވިއު، އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (ބުރު އަހަނދު)ގެ އިތުރުން މާލޭ ދަފްތަރު، އަހްމަދު މުއާޒް (ގަޓު މުއާ)އެވެ.

ދެހާސް ސާދަ ވަނަ އަހަރު ރިލްވާން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން އިސޫއަށް ކޮށްފައިވަނީ ދެ ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއްކުރުމަށް އެހީތެރިވެދިނުމުގެ ދެ ދައުވާއެވެ.

އަހަނދުއަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވެދީފައިވާ ކަމުގެ ދައުވާއެވެ.

ރިލްވާނާއި، 2017 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މުއާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިއަދާހަމައަށް ވެސް އެކަން ކުރެވިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް