ވޯލްޑް ކަޕް: ހުޅަނގުގެ މީހުންނަށް ގަތަރުން އެންމެ ކަމުދިޔައީ މުސްލިމް ޝަވަރު

ފޮޓޯ/މީސްމީޑިއާ --

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕަކީ އެއްގޮތަށްވުރެ ގިނަ ގޮތުން މުޅި ދުނިޔެއަށް އެތައް ކަމެއް ދައްކައިދީ، އެތައް ކަމެއް ސާބިތުކޮށްދިން ވޯލްޑް ކަޕެކެވެ.

ހާއްސަ ގޮތެއްގައި މުސްލިމުންނާ ދެކޮޅަށް ހުޅަނގުގެ މީޑިއާތަކުން ފަތުރަމުން އައި ޕްރޮޕެގެންޑާއަކީ އެއްވެސް އަސާސެއް، ހަގީގަތެއް ނެތް ކަންތައްތަކެއްކަން މި ވޯލްޑް ކަޕުގެ ތެރެއިން މުޅި ދުނިޔެއަށް ސާބިތުވިއެވެ.

އެގޮތުން އެއް ކަމަކީ، މުސްލިމުންނަކީ އަންހެނުންގެ ހައްގުތަކަށް އިހްތިރާމް ނުކުރާ، އެ ހައްގުތައް ހަނިކުރާ ބައެއްކަމަށް ބުނެ ހުޅަނގުގެ މީޑިއާތަކުން ދެއްކި ވާހަކަތަކަކީ ދޮގެއްކަން، މި ވޯލްޑް ކަޕުގެ މެޗުތައް ބަލަން ގަތަރަށް ދިޔަ އެތައް ބަޔަކު ފާހަގަކުރިއެވެ.

މިފަދަ އެތައް ކަންތައްތަކެއްގެ އިތުރުން މިފަހަރުގެ ވޯލްޑް ކަޕުގައި ހުޅަނގުގެ ގައުމުތަކުގެ ރައްޔިތުންނަށް މިވަނީ މުޅިން ތަފާތު ކަމެއް ފެނި، އެއީ ކިހާ މުހިއްމު ކަމެއްކަން ހާމަވެފައެވެ.

ވޯލްޑް ކަޕު ނިމެން ކައިރިވެފައިވާއިރު، މީސްމީޑިއާގައި، ހާއްސަ ގޮތެއްގައި ޓުވިޓާގައި އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ، ސައުތު އޭޝިއާގެ ގައުމުތަކާއި އަރަބި ގައުމުތަކުގެ އިތުރުން އެހެންވެސް ބައެއް ގައުމުތަކުގެ ގޭގޭގެ ފާހަނައިގައި ހުންނަ މުސްލިމް ޝަވަރުގެ ވާހަކައެވެ. އެއީ ހަގީގަތުގައި ކިހައި މުހިންމު އެއްޗެއް ކަމުގެ ވާހަކައެވެ.

ހުޅަނގުގެ ގައުމުތަކަށް ނިސްބަތްވާ ގިނަ ރައްޔިތުންތަކެއް މި ވާހަކަ ދައްކަމުން އަންނައިރު، އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެކަކުގެ ވާހަކަ ހިއްސާ ކޮށްލާނަމެވެ.

މިއީ ކްރޮއޭޝިއާއަށް އުފަން ޑޭވިޑް ވުޖެނިކް ނަމަކަށްކިޔާ ޔޫޓިއުބާ، ކޮމީޑިއަން، މިއުޒިޝަން އެއް އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ހިއްސާކޮށްފައިވާ އޭނާގެ ތަޖުރިބާއެވެ. ވުޖެނިކް އަކީ އިނގިރޭސި ވިލާތުގައި ދިރިއުޅޭ މީހެކެވެ.

ވުޖެނިކް ބުނި ގޮތުގައި، ގަތަރުގައި ހޭދަކުރި މަހެއްހާ ދުވަހުގެ ތެރޭގައި އޭނާ ވަނީ، ފާހަނަ ކުރުމަށްފަހު ތާހިރުވުމަށް، މުސްލިމް ޝަވަރުން ފެން ބޭނުންކޮށްފައެވެ. އަދި މިއީ ތަފާތު އީޖާދެއް ކަމަށާއި، އެނބުރި އިނގިރޭސިވިލާތަށް ގޮސް، ފާހާނަ ކުރުމަށްފަހު ތާހިރުވާން ޓޮއިލެޓް ޕޭޕަރު ބޭނުންކުރަން ޖެހުން އެއީ އެންމެ ކަންބޮޑުވާ އެއްކަންތައް ކަމަށް ވުޖެނިކް ބުނެފައިވެއެވެ.

ވުޖެނިކް އިތުރަށް ބުނީ، ކޮވިޑް ޕެންޑަމިކުގެ ތެރޭގައި އެންމެން ޓޮއިލެޓް ޕޭޕަރު ނުލިބިގެން އަރާރުންވި ދުވަސްތައް މަތިން ހަނދާންވާ ކަމަށާއި، އެ ދުވަސްވަރުވެސް ކޮންމެ ގެއެއްގައި މުސްލިމް ޝަވަރެއް ހުރިނަމަ އެ ގޮންޖެހުމާއި ކުރިމަތިލާން ނުޖެހުނީސް ކަމަށެވެ.

ވުޖެނިކްގެ މި ޓުވީޓަށް ރިޕްލައިކޮށް ހުޅަނގުގެ ގައުމުތަކުގައި ދިރިއުޅޭ ގިނަ ބަޔަކު އަންނަނީ އެމީހުންނަށް މުސްލިމް ޝަވަރު ފެނުނު ގޮތާއި، އެކަމުގެ ތަޖުރިބާ ހިއްސާކޮށްފައެވެ.

އަދި ފެން ބޭނުންކޮށްގެން ތާހިރުވުމަށްފަހު، ދެން ހަމައެކަނި ޓޮއިލެޓް ޕޭޕާ ބޭނުންކޮށްގެން ތާހިރުވާން އެއީ ފަކުރު ކަމެއްގެ ގޮތުގައި ދެކުނުކަން އެ ފަރާތްތަކުން ހާމަކުރިއެވެ.

comment ކޮމެންޓް