މިލަންދޫގައި ރައްޔިތުންގެ އަގުވަޒަންކޮށް، ފުރަތަމަ ފަހަަރަށް އެވޯޑު ދިނުމުގެ ހަފުލާއެއް ބާއްވަނީ

ފާށަނާ އެވޯޑް 2022 ވީޑިއޯ ތެރެއިން -- މިލަންދޫ ކައުންސިލް

ށ. މިލަންދޫ ރައްޔިތުންނާއި، ރަށަށް ފައިދާކުރަނިވި ޚިދުމަތެއް ކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ފުރަތަމަ ފަހަރަށް އެވޯޑު ދިނުމުގެ ހަފުލާއެއް މިލަންދޫ ކައުންސިލުން ބާއްވަން ނިންމައިފިއެވެ.

މި އެވޯޑު ހަފުލާއަކީ ށ. މާކަނޑޫދޫގެ ރައްޔިތުން މިލަންދޫއަށް ބަދަލުކުރި ދުވަހާ ގުޅުވައިގެން އެ ދުވަސް ފާހަގަކުރުމަށާއެކު ބާއްވާ ހަފުލާއެކެވެ.

މި އެވޯޑު ހަފުލާއާ ގުޅޭ ގޮތުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް މިއަދު "ސަން"އަށް ވިދާޅުވީ މި އެވޯޑު ދޭނީ ރަށަށް އެކި ދާއިރާތަކުން ޚިދުމަތްކޮށްދީފައިވާ މީހުންނަށް ކަމަށެވެ.

"ވަކި ކެޓެގަރީތަކަކަށް ބަހާލައިގެން އިނާމު ދޭނީ. އެންމެ ޝަރަފުވެރި އިނާމެއް ވެސް ލިބޭނެ. ޚިދުމަތުގެ އެވޯޑާއި އެކި ދާއިރާތަކުން އަގުވަޒަން ކުރުމުގެ އިނާމުތަކެއް މި ދެނީ. ރެޑް ކާޕެޓް އިވެންޓެއްގެ ގޮތުގައި މި އިވެންޓު ބާއްވަނީ،" އާތިފް ވިދާޅުވިއެވެ.

މި އެވޯޑުގައި އިސް މަގާމުތަކުގައި ރަށަށް ޚިދުމަތްކޮށްދިން، އެ ރަށަށް ނިސްބަތްވާ މީހުންނަށް އިއްޒަތްތެރިކަމުގެ އިނާމެއް ވެސް ދޭނެއެވެ.

ފާށަނާ އެވޯޑު 2022ގެ ނަމުގައި ބާއްވާ މި އެވޯޑު ދިނުމުގެ ހަފުލާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހެވެ.

ށ. މާކަނޑޫދޫގައި ދިރިއުޅުނު މީހުން އެ އަތޮޅު މިލަންދޫއަށް ބަދަލުކުރީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި 2002ވަަނަ އަހަރެވެ.

އެ ރަށުން މީހުން ބަދަލުކުރީ، އެ ރަށުގެ ޗަކަ ބިމުގެ ސަބަބުން މީހުންގެ ދިރިއުޅުމާއި އެހެނިހެން މަސައްކަތްތަކަށް ދަތިތަކެއް ހުރުމުންނެވެ.

comment ކޮމެންޓް