ހިސާބު ޖަހައިފައި އޮތީ ވަކި ދުވަހެއްގައި ގައުމު ބަނގުރޫޓު ކުރަން: ސައީދު

މިލަންދޫގައި އޮތް ޖަލްސާގައި ސައީދު ވާހަކަ ދައްކަވަނީ-- ސަންފޮޓޯ: މޫސާ ނަދީމް

ކުރީ ސަރުކާރުން ހިސާބު ޖަހައިފައި އޮތީ ވަކި ދުވަހެއްގައި މުޅި ގައުމު ބަނގުރޫޓު ކޮށްލަން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިހާރު ކުރަމުން އަންނަ ދަތުރުފުޅުގައި ށ. މިލަންދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ކުރީ ސަރުކާރުން އޮތީ ބައެއްގެ އެހީތެރިކަމާއިއެކު ގައުމު ބަނގުރޫޓު ކުރަން "ހަމަ ބަރާބަރަށް ޑިޒައިން" ކޮށްފައި ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެ ބަނގުރޫޓު ކުރަން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޮތީ ރާވައިފައި ކަމަށެވެ.

"އޭރުގެ ފޮރިންމިނިސްޓަރާއި، އޭރުގެ ރައީސުލް ޖުމްހޫރިއްޔާއާ ހިސާބު ޖައްސަވައިފައި އޮތީ ރާއްޖެ ބަނގުރޫޓު ކޮށްލަން ވަކި ދުވަސްވަރެއްގައި ވެރިކަން ނުލިބިއްޖިއްޔާ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިން އޮތް ސަރުކާރާ ހެދި ރާއްޖެ ހަމަ މަގުން ކައްސާލަން ދިވެހި ރައްޔިތުން ފުރުސަތެއް ނުދޭނެ ކަމަށެވެ.

މިލަންދޫގައި އޮތް ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ: މޫސާ ނަދީމް

އިތުރަށް އޭނާ ވިދާޅުވީ މި ދަތި ހާލުގައިވެސް މި ސަރުކާރުން އެސްޑީއެފަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށެވެ. އަދި މިގޮތަށް، އަހަރެއްގެ ތެރޭގައި 100 މިލިއަން އެމެރިކާ ޑޮލަރު ރައްޔިތުންގެ ފަހަށް ރައްކާ ކުރާ އެކައުންޓަށް އަދި ރާއްޖެއިން ނަގާ ލޯނު އަދާކުރާ އެކައުންޓަށް ރައީސް ޖަމާ ކޮށްދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެ މުއްސަނދިވާ ގޮތަކީ މިއީ ކަމަށާއި، ރާއްޖޭގެ އިގްތިސާދީ ވިލުންވެރިކަން ވަރުގަދަވާނީ މިހެން ކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް