އިގްތިޞާދު ދެގުނަ ކުރެވޭނެ ވިސްނުންތެރި ލީޑަރަކީ ރައީސް ޞާލިޙް: ސިޔާމް

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު މިލަންދޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ނެގި ލޯނުތަކުން މަންފާވާނެހެން، ރާއްޖޭގެ އިގްތިޞާދު ދެގުނަ ކޮށްދެވޭނެ ވިސްނުންތެރި ވެރިއެއްގެ ގޮތުގައި ހުންނެވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކަމަށް އެ މަނިކުފާނުގެ ކޯލިޝަން ޕާޓްނަރުކަމަށްވާ އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސްގެ ރިޔާސީ ކެމްޕޭން ށ. އަތޮޅުގައި ކުރިއަށްދާއިރު މިލަންދޫގައި އޮތް ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ސަރުކާރުގައި ތިބީ އިގްތިޞާދު ދަންނަ މީހުން ކަމަށެވެ.

އެ މަނިކުފާނުގެ އަމިއްލަ ވިޔަފާރި ފެށިގެން އައި ގޮތުން މިސާލު ދައްކަވަމުން ސިޔާމް ވިދާޅުވީ އެންމެ ފުރަތަމަ އެ މަނިކުފާނުގެ ވިޔަފާރި ފެއްޓެވީ 900 ޑޮލަރުން ކަމަށެވެ. އޭގެ 25 އަހަރު ފަހުން މިއަދު ވިޔަފާރީގެ އަގު ދެ ބިލިއަން ޑޮލަރުގައި ހުރީ ސަބަބުތަކެއް ނެތި ނޫން ކަމަށް ސިޔާމް ވިދާޅުވިއެވެ.

އެއީ އެސެޓްތައް ގުނަކޮށް، އިތުރުކޮށް، ނެތް އެއްޗަކުން މަންފާ ހޯދޭނެކަން ހާމަވާ ކަމެއްކަމަށް ސިޔާމް ވިދާޅުވިއެވެ. ނަމަވެސް އެ ކަން ކުރެވޭނީ ވިސްނުންތެރި ސިކުނޑިއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވެ މި ބުނާ އެއްޗަކީ އިގްތިސާދު ކުރެވިދާނޭ. މަލްޓިޕަލް ކުރެވިދާނޭ. ކަންތައްތައް ކުރެވިދާނޭ. އެ ކަމުގެ ޕްރޫފް މި އޮތީ ފެނިފައި،" ސިޔާމް ވިދާޅުވިއެވެ.

މިހާރުގެ ރައީސަކީ އެ ފަދަ ވިސްނުންތެރި ލީޑަރެއް ކަމަށާއި އެ ކަން ކޮވިޑުގެ ދަތި ހާލަތުގައި ހާމަވެގެން އައި ކަމަށް ސިޔާމް ވިދާޅުވިއެވެ. ޓޫރިޒަމް ނެތި ދިއުމުގެ ބިރު ހީވެފައި އޮތްއިރު ރައީސް އިސްނަންގަވައިގެން ނިންމެވި ނިންމުންތަކާ އެކު ދިވެހިންނަށް މިއަދު ހަމަޖެހިގެން އުޅުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ލޯނު ނުނަގައި ތަރައްގީގެ މަސައްކަތްތައް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމަށްވާ އެމެރިކާއިން ވެސް ދަރަނި ނަގަމުން އަންނަ ކަމަށާއި އެ އަދަދުތައް މަތި ކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ކިހިނެއްތޯ އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން ހޭދަކޮށްގެން އަޅުގަނޑުމެން ދެކޮޅު ޖައްސާނީ. ނުޖެއްސޭނެ އަދި،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މިއަދު މި ރަށާއި ރާއްޖޭގެ އެހެން ރަށްރަށުން ވެސް ތަރައްގީގެ މަސައްކަތްތައް ފެންނަނީ ނެގި ލޯނުތަކުން، އެ މަސައްކަތްތައް ކުރިއަށް ގެންދާތީ ކަމަށެވެ.

އޭނާ ވިދާޅުވީ މި ދައުރުގައި ތަރައްގީ ގެނެވުނީ ހަމަޖެހުމާއި ސުލްހަ ރާއްޖޭގައި ގާއިމްވެފައިި އޮތުމުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ގާއިމުވެފައި އޮތުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް