މިލަންދޫއަށް ރައީސް ދެއްވީ، ވައުދުވެވަޑައިގެންނެވި އެއާޕޯޓު އަޅާނެކަމުގެ ޔަގީންކަން

ރައީސް މުއިއްޒު ށ. މިލަންދޫގައި ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ށ. މިލަންދޫގައި އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދުު ދެއްވައިފިއެވެ.

މިހާރު ށ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިލަންދުއަށް ވަޑައިގެން ރައީސް ވިދާޅުވީ އެ މަނިކުފާނު ވައުދުވެވަޑައިގަންނަވަނީ ވައުދު ފުއްދުމަށް ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުތައް މިހާރު ވެސް ހަނދުމަފުޅުގައި ހުންނެވިކަމަށް ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒެއް މި ރަށުގައި އެޅުމުގެ މަސައްކަތާ ގުޅޭ މަޝްރޫއުގެ މަޝްވަރާތައް މިހާރު ކުރެވެމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. މަގުތަކާއި، ހޮސްޕިޓަލް ތަރައްގީކުރުމާއި، ކުޅިވަރު ކޮމްޕްލެކްސްގެ ވައުދު ވެސް މިލަންދުއަށް ފުއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ދެންނެވި ހުރިހާ ވައުދެއް ވެސް އިރާދަކުރެއްވިއްޔާ ޔަގީންކަމާއެކީ މިލަންދޫގެ ރައްޔިތުން ބޭނުންވެލައްވާ ގޮތަށް އިރާދަކުރެއްވިއްޔާ ފުއްދައިދޭނަން،" ރައީސް ވިދާޅުވިއެވެ.

އެއާއެކު މި ރަށުގައި ވެސް ރައީސް ތަކުރާރުކުރެއްވީ އިގްތިޞާދީ ހާލަތު މިހާރު އޮތް ގޮތުގެ ވާހަކައެެވެ.

އަދި މި މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަން ބޭނުންވާނަަމަ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް އެއްބާރުލުންދޭ މެމްބަރުންތަކެއް ތިބި ތަނަކަށް ހަދައިދިނުމަށް ރައީސްވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

comment ކޮމެންޓް