ސްރީލަންކަން އެއާލައިނުން އައްޑޫ ސިޓީގެ ގަމަށް ކުރަމުން އަންނަ ދަތުރުތައް އިތުރުކޮށްފިއެވެ.
"ސަން"އާ ވާހަކަދައްކަވަމުން ސްރީލަންކަން އެއާލައިނުގެ ރާއްޖޭގެ އޭޖެންޓް، އޭސް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާގު ވިދާޅުވީ، ސްރީލަންކަންއިން އައްޑޫ ސިޓީ ގަމަށް މިހާތަނަށް ބާއްވަމުން އައީ ހަފުތާއަކު ފްލައިޓެއް ކަމަށެވެ.
ނަމަވެސް މިހާރު ހަފުތާއަކު ދެ ފްލައިޓް ބާއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ކޮލަމްބޯއާއި އައްޑޫ ސިޓީ ގަމާ ދެމެދު ސްރީލަންކަންއިން ދަތުރު ކުރާނޭ ކަމަށް ފިރާގު ވިދާޅުވިއެވެ.
ކޮލަމްބޯއިން އައްޑޫ ސިޓީ ގަމަށް ކުރާ ދަތުރުތައް ސްރީލަންކަން އިން އިތުރުކޮށްފައި މިވަނީ ޓޫރިޒަމް ސީޒަނާ ދިމާކޮށް ޑިމާންޑް ބޮޑުވުމުންނެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_167102102815pz4S.jpg)
ސްރީލަންކަންގެ ފްލައިޓެއް ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި ކާގޯ ލޯޑުކުރަނީ--- ފޮޓޯ/އޭސް އޭވިއޭސަން
ސްރީލަންކަން އެއާލައިނުން ވަނީ މިފަހަރުގެ ޓޫރިޒަމް ސީޒަން ނިމެންދެން އައްޑޫ ސިޓީ ގަމަށް ހަފުތާއަކު ދެ ފްލައިޓު ބޭއްވުމަށް ނިންމާފައެވެ. މިގޮތުން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް މި ދަތުރުތައް ކުރިއަށްދާނެއެވެ.
ސްރީލަންކަން އިން ވަނީ މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައިވެސް ހަފުތާއަކު ދެ ދުވަހު ގަމަށް ދަތުރުތައް ބާއްވާފައެވެ. ނަމަވެސް ފަހުން އެ ދަތުރުތައް ވަނީ ޑިމާންޑު ދަށްވުމުން ހަފުތާއަކު އެއް ފުލައިޓަށް މަދުކޮށްފައެވެ.
ސްރީލަންކަން އިން އައްޑޫ ސިޓީ ގަމަށް ކުރާ ދަތުރުތައް އިތުރުކޮށްފައިވާއިރު، ފްލައި ދުބާއީން ވަނީ ކުރިއަށް އޮތް ފެބުރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ގަމަށް އުދުހުންތައް ބޭއްވުމަށް ނިންމާފައެވެ.
ފްލައި ދުބާއީން އައްޑޫސިޓީ ގަމަށް އުދުހުންތައް ބޭއްވުމާ ގުޅޭގޮތުން މީގެކުރިން މީޑިއާތަކާ ވާހަކަދައްކަވަމުން ފްލައިދުބާއީގެ ސީއީއޯ ގައިތު އަލް ގައިތު ވިދާޅުވީ، ފެބުރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ފްލައި ދުބާއީގެ ދަތުރުތައް އައްޑޫ ސިޓީއަށް ފަށާއިރު، ކޮންމެ ދުވަހަކު ފްލައިޓް ބާއްވާނޭކަމަށެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_160379768527pgoB.jpg)
ފްލައި ދުބާއީގެ ފްލައިޓެއް -- ފޮޓޯ: ފްލައި ދުބާއީ
އައްޑޫސިޓީގެ ގަމަށް ފްލައި ދުބާއީގެ ދަތުރުތައް ފެށުމުން، އެ އެއާލައިން ވާނީ ދުބާއީން އައްޑޫސިޓީއަށް އެންމެ ފުރަތަމަ އުދުހުންތައް ބާއްވާ އެއާލައިނަށެވެ.
ފްލައި ދުބާއީން ވަނީ އައްޑޫސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ އަގުތައް ވެސް ހާމަކޮށްފައެވެ. ބިޒްނަސް ކުލާސް ދެކޮޅު ޓިކެޓްގެ އަގަކީ 1600 ޑޮލަރެވެ. އަދި އިކޮނޮމީ ކުލާސް ދެކޮޅު ޓިކެޓުގެ އަގަކީ 550 ޑޮލަރެވެ.