ގެވެށި އަނިޔާއާއި ފުރައްސާރައިގެ މައްސަލަތައް ރިޕޯޓުކޮށް ހުއްޓުވުމަކީ ކައުންސިލްތަކުގެ ޒިންމާއެއް: އެލްޖީއޭ

އެލްޖީއޭގެ ސީއީއޯ، އަފްޝަން ލަތީފް -- ފޮޓޯ/ ރައީސް އޮފީސް

ގެވެށި އަނިޔާއާއި ފުރައްސާރައިގެ އަމަލުތައް ހުއްޓުވުމަކީ ރަށު ކައުންސިލްތަކުގެ ވެސް ޒިންމާއެއްކަމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް, ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފިއެވެ.

އަނިޔާގެ މައްސަލަތައް ރިޕޯޓުކޮށް ހުއްޓުވުމުގައި ކައުންސިލްގެ ދައުރާ ގޫޅޭ ގޮތުން މިއަދު އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް "ސަން"އަށް ވިދާޅުވީ އެއީ ކައުންސިލްތަކުގެ މެންޑޭޓުގެ ތެރޭގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ.

އަދި ރަށުގެ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތް ކަށަވަރުކުރުމުގައި ކައުންސިލުގެ ދައުރު ބޮޑުކަމަށް އަފްޝަން ވިދާޅުވިއެވެ.

އެގޮތުން މި އަހަރު ވެސް ކައުންސިލްތަކާއި ޖެންޑާ މިނިސްޓްރީއާ ގުޅިގެން ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރަ ރިޕޯޓުކުރާނެ ގޮތާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ސެޝަންތަކެއް ބާއްވައިފައިވާކަމަށް އަފްޝަން ވިދާޅުވިއެެވެ.

"އަޅުގަނޑުމެން މިފަދަ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް އޮތް ތަނުގައި އަންނަ އަހަރު ވެސް ބާއްވާނަން. މި ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ލިބިފައިވާ މިންވަރު އިތުރުވާ ވަރަކަށް އެފަދަ ކަމެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތް އެނގޭނީ،" އަފްޝަން ވިދާޅުވިއެވެ.

ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރަ ހުއްޓުވުމުގައި މުޖުތަމައުގެ ހުރިހާ ފަރުދުން ވެސް މުހިންމު ދައުރެއް އަދާކުރަން ޖެހެއެވެ.

ނަމަވެސް އަލުން އެ ވާހަކަ ދެކެވެން ފެށީ، މިދިޔަ ހޮނިިހިރު ދުވަހު، ހދ. ނޮޅިވަރަމަށް ނިސްބަތްވާ ނިޝާމާ މުހައްމަދުގެ މަރާއެކުއެވެ.

އޭނާގެ މަރާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގައި ނިޝާމާއަށް އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލްގެ ފަރާތުން ގެވެށި އަނިޔާ ލިބެމުން އައި ކަަމަށް ބުނެއެވެ.

ނަމަވެސް އެ ކަން ހުއްޓުވުމުގައި އޭނާގެ އާއިލާއަށް ވެސް ފިޔަވަޅެއް އެޅިފައެއްް ނުވެއެވެ. އަދި އޭނާ ދިރިއުޅުނު ރަށުގެ ކައުންސިލާ ހަމައަށް ވެސް އެފަދަ މައްސަަލައެއް އައިސްފައެއް ނުވެއެވެ.

comment ކޮމެންޓް