މަސްތުވާތަކެއްޗަށް އަޅުދާސްވެފައި ތިބި މީހުންގެ ތެރެއިން ފަރުވާއަށް ނަގާ ކްލައިންޓުންގެ އަދަދަށް ބަލާއިރު ކައުންސެލަރުން މަދު ނޫން ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
އެންޑީއޭ އިސްލާހު ކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު "ސަން"އަށް ދެއްވަމުން އިމާދު ވިދާޅުވީ މާލޭ އޭރިޔާއަށް ބަލާއިރު ކައުންސެލަރުން މަދު ނޫން ކަމަށާއި ކައުންސެލަރުންގެ ދަތިކަން އޮތީ ގދ. ތިނަދޫގައި އެކަނި ކަމަށެވެ.
އެންޑީއޭގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހު ކުރުމަށް ގޮވާލައި ހޭންޑްސްޓުގެދާ ޖަމުއިއްޔާއިން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހެޅި ރިޕޯޓުން އެ އެޖެންސީގައި ކައުންސެލަރުން މަދުކަން ވަނީ ފާހަގަ ކޮށްފައެވެ.
އިމާދު ވިދާޅުވީ މާލޭ އޭރިޔާއަށް ބަލާއިރު ކައުންސެލަރުން މަދު ނޫން ކަމަށާއި ފަރުވާ ދޭން ތިބި ކްލައިންޓުންގެ އަދަދާ އެކަށީގެންވާ ވަރަށް ކައުންސެލަރުން އެބަތިބި ކަމަށެވެ.
"މި ތަންތަނަށް ނަގާ ކްލައިންޓުންގެ އަދަދަށް ބަލާއިރު މެޗުއާ އަދަދަކަށް އަޅުގަނޑުމެންގެ ކައުންސެލަރުން އެބަތިބި. މިވަގުތު ސްޕެސިފިކްކޮށް ކައުންސެލަރުންގެ ދަތިކަން އޮތީ ތިނަދޫއަށް އެކަނި. އެ މައްސަލަ ވެސް ދެތިން ދުވަސް ތެރޭގައި ހަމަޖެހޭނެ،" އިމާދު ވިދާޅުވިއެވެ.
އެންޑީއޭގައި މިވަގުތު ތިބި ކައުންސެލަރުން
- މާލޭ ކޮމިއުނިޓީ ސާވިސް ސެންޓަރު: 15
- ގަގަން ކްލިނިކް: 5
- ޓްރީޓްމެންޓް މެނޭޖްމެންޓް ސެކްޝަން: 4
- އެސެސްމެންޓް ސެކްޝަން: 9
- ހުޅުމާލޭ ހާފްވޭ ހައުސް: 5
- ކ. ހިންމަފުށީ ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު: 9
- ގުޅީފަޅު، ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު: 2
- ސ. ހުޅުދޫ، ވިލުނު ސެންޓަރު: 2
- ގއ. ވިލިނގިލި، އައުޓް ޕޭޝަންޓް އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު: 1
- ޏ. ފުވައްމުލަކު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު: 2
- ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު: 2
އެންޑީއޭގައި މަސައްކަތްކުރަމުން އަންނަ ކައުންސެލަރަކު ނަން ނުޖަހާ ގޮތަށް، މި ނޫހަށް ބުނީ އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ރަސްމީ ގަޑީގައި އޮފީހުގެ އެހެން މަސައްކަތްތައް ކުރަންޖެހޭތީ ކޮމިއުނިޓީ ފަރުވާގައި ތިބޭ ކްލައިންޓުންނަށް ގަވައިދުން ސެޝަންތައް ނަގައިދިނުދެވުމާއި އިންޑިކޭޓިވް އެސެސްމެންޓް ހެދުމުގެ އިތުރުން ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބުން ކަމަށެވެ.
"ކައުންސެލިން ސެޝަނަކަށް 30 މިނެޓާއި އެއްގަޑިއިރުގެ ވަގުތު ހޭދަވޭ. އޮފީހުގެ އިދާރީ މަސައްކަތްތައް ކުރަމުން އެކަންކަން އެންމެ އެކަށީގެންވާ ގޮތަށް ނުކުރެވެ. މިހެން މި ދިމާވަނީ ކައުންސެލަރުން އަދިވެސް މަދުކަމުން،" ކައުންސެލަރު ބުންޏެވެ.
ކައުންސެލަރުންނަށް އޮފީހުގެ އިތުރު މަސައްކަތްތައް ކުރަންޖެހޭތީ އެމީހުން ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ދަތިތަކާ ކުރިމަތިވާކަން ފާހަގަ ކުރެވިފައިވާކަން އިމާދު ވެސް ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އަދި ވިދާޅުވީ ކައުންސެލިން ދިނުމަކީ ވަރަށް ޕްރޮފެޝަނަލް މަސައްކަތެއްކަން ގަބޫލު ކުރައްވާ ކަމަށާއި އެހެންކަމުން އެމީހުންގެ މަސައްކަތަށް އެދެވޭ ވަގުތު ދެވިއްޖެ ނަމަ މިހާރު ދިމާވާ މައްސަލަތައް ދިމާ ނުވާނެ ކަމަށެވެ.
"މަސައްކަތް ސްޓްރަކްޗާ ކުރެވިފައި ހުރި ގޮތުން ކައުންސެލަރުން އެބަޖެހޭ ވަރަށް ގިނަ އިދާރީ މަސައްކަތް ކުރަން. އެހެންވެގެން އޯވާބާޑަންވާ ގޮތް މި ވަނީ. އެކަން ހައްލުކުރުމަށް ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން މި އަންނަނީ. އެޑްމިނިސްޓްރޭޝަން މަސައްކަތްތައް ކުރުވުން މަދުކޮށްފައި އެމީހުންގެ ޕްރޮފެޝަނަލް މަސައްކަތްތަކަށް ކޮންސެންޓްރޭޓް ކުރުމަށް އެ ދެވޭ ވަގުތު އިތުރުކުރުމަށް ކޮންކޮން ފިޔަވަޅުތަކެއްތޯ އެޅޭނީ ބަލަމުން މި އަންނަނީ،" އިމާދު ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީގެ ދަށަށް އެންޑީއޭ ބަދަލުވި ފަހުން އެތަނުގެ ކަންކަން ރަނގަޅު ކުރުމަށް ޓަކައި ހިންގުމާ ހަވާލުވެ ތިބި މީހުންނާއި ބޯޑު މެމްބަރުން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ހުރިކަން އިމާދު ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުން މިހާހިސާބަށް އާދެވުނުއިރު ހާސިލް ކުރެވުނު ކަންކަން ވެސް މަދު ނޫން ކަމަށެވެ.
އަތޮޅުތަކުގައި ހިންގާ ސެންޓަރުތަކަށް މީގެ ފަހުން ކައުންސެލަރުން ފޮނުވާނީ މާލޭގައި ތިބެ، ރަނގަޅަށް މަސައްކަތް ދަސްވުމުންކަން އިމާދު ފާހަގަ ކުރެއްވިއެވެ.
"ސީނިޔާ މެނޭޖްމެންޓުގައި މަޝްވަރާކުރެވި މިހާރު ނިންމާފައިވާނެ އެއްވެސް ސެންޓަރަކަށް ކައުންސިލަރުން ފޮނުވާ ނަމަ މާލޭގެ ސެންޓަރުގައި ހުރިހާ ޑިޕާޓްމެންޓް ވައިސްކޮށް މަސައްކަތްކުރެވި މަސައްކަތް ރަނގަޅަށް ދަސްކުރެވުނީމަ އަތޮޅުތެރޭގައި ހުރި ސެންޓަރުތަކަށް އެމީހުން ފޮނުވާނީ،" އިމާދު ވިދާޅުވިއެވެ.
އިމާދު އިތުރަށް ވިދާޅުވީ އަންނަ އަހަރުން ފެށިގެން ހިއުމަން ރައިޓްސް ޑިވެލޮޕްމެންޓަށް މަސައްކަތް ކުރުމަކީ ވެސް ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.