ރަހީނުކޮށް، އިނގިއްޔެއް ބުރިކުރުން: އަނިޔާވި މީހާ ބުނީ ވީ ގޮތެއް ނޭނގޭ ކަމަށް، ނަމަވެސް 4 މީހަކަށް ކުށް ސާބިތުވެއްޖެ

މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް، އޭނާގެ އިނގިއްޔެއް ބުރިކޮށްލި މައްސަލައިގައި ދައުވާކުރި މީހުން --

މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް، އޭނާގެ އިނގިއްޔެއް ބުރިކޮށްލި މައްސަލައިގައި ދައުވާ ކޮށްފައިވާ މީހުން ނޭނގޭ ކަމަށް އަނިޔާ ލިބުނު މީހާ ބުނި ނަމަވެސް، ދައުވާ ލިބުނު ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުވެ ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މާލޭގައި މީހަކު ރަހީނު ކުރުމަށް ފަހު އެ މީހާގެ އިނގިއްޔެއް ބުރިކުރި މައްސަލަ ފެންމަތިވީ 2024 ވަނަ އަހަރެވެ. އެ މައްސަލައިގައި ދައުލަތުން ފަސް މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އެ މައްސަލައިގައި އަނިޔާ ލިބުނު މީހާއަކީ ކުށުގެ ތުހުމަތުވާ ބައެއް މީހުންނާ އެކު އެއް ތަނެއްގައި މަސައްކަތް ކުރި މީހެއްކަން ފުރަތަމަ ހާމަވެފައިވެއެވެ.

އެ މައްސަލައިގައި ދައުވާކުރީ:

  • އަހްމަދު ޒަޔާން / ލިންކް، ލ. ގަން
  • މުހައްމަދު ނައުޝާން ޙުސައިން / އުތުރުގެއާގެ، ތ. ތިމަރަފުށި
  • ޢަލީ ސާމީ / މެހުރާ، ރ. ކަނދޮޅުދޫ
  • މުޙައްމަދު ނަފާހް / ފުލްމޫން، ކ. މާފުށި
  • އަހްމަދު ސާއިފް ވަހީދު / ހުދުވެލި، ގދ. ގައްދޫ

އޭގެ ތެރެއިން ނަފާހް އާއި ޒަޔާން މަސައްކަތް ކުރަމުން ދިޔައީ އެމްއެންޑީއެފްގައިކަން، ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތުން އެނގެއެވެ.

މި މައްސަލައިގެ ބަންދު މަރުހަލާގައި ދައުލަތުން ދައުވާ އުފުލި މީހުން ބުނެފައިވަނީ އެ މީހާ ރަހީނު ނުކުރާ ކަމަށާއި ގަސްތުގައި އަނިޔާ ވެސް ކޮށްފައިނުވާ ކަމަށެވެ. އަދި އޭނާގެ އިނގިލި ބުރިވެފައިވަނީ ޕަވާޓޫލެއް ބޭނުން ކުރަނިކޮށް ކަމަށް ވެސް ބުނެފައިވެއެވެ.

އެ މައްސަލައިގައި ތަހުގީގަށް ދިން ބަޔާނުގައި އަނިޔާ ލިބުނު މީހާ ބުނީ، މެއި 24، 2024 ވަނަ ދުވަހު ސާމީ އޭނާއާ ހަވާލުކުރި މަސްތުވާއެއްޗެއް ގެއްލިގެން އޭނާ މާލޭގެ ގެއަކަށް ގެންގޮސް އަނިޔާކުރި ކަމަށެވެ. އެ އަނިޔާގައި ސާމީއާއި ނައުޝާން ބައިވެރިވި ކަމަށާއި، ނަފާހް ކަންވާރުން މަޅިއެއް ހަދައި އޭނާގެ ކަރުގައި އެޅުވި ކަމަށް ވެސް ބަޔާނުގައިވެއެވެ.

އޭނާ އެ ގޭގައި ރަހީނުކޮށްގެން އުޅުމަށް ފަހު، ޖެހިގެން އައި ޖޫން މަހުގެ 23 ވަނަ ދުވަހު، އޭނާގެ އިނގިލި ބުރިކޮށްލި ކަމަށް އަނިޔާ ލިބުނު މީހުންނަށް ފުލުހުންނަށް ކިޔައިދީފައިވެއެވެ. އެގޮތުން އޭނާގެ ވާއަތުގެ ކުޑަވާ އިނގިލި ޕައިޕް ކަޓަރަކުން ބުރިކޮށްލީ ސާއިފް ކަމަށާއި ހާދިސާ ހިނގި ވަގުތު އެ ތަނުގައި ސާމީއާއި ނައުޝާނާއި ނަފާހް ތިބި ކަމަށް ތަހުގީގުގައި ބުނެފައިވެއެވެ. އަދި އިނގިލި ބުރިކޮށްލި ފަހުން ޒަޔާން ގޮސް އޭނާގެ މޫނުމަތީގައި ޖަހައި އަނިޔާކުރި ކަމަށް ވެސް ބަޔާން ދީފައިވެއެވެ.

އެހެންނަމަވެސް މިއަދު ކުރި ހުކުމުގައިވާ ގޮތުން، އަނިޔާ ލިބުނު މީހާ ޝަރީއަތަށް ހާޒިރުވެ ހެކިބަސް ދެމުން ބުނީ، އެ މައްސަލައަކީ އޭނާގެ އިނގިއްޔަށް ލިބުނު ގެއްލުމަކާ ގުޅިގެން ޖެހިފައިވާ މައްސަލައެއް ކަމަށެވެ. އަދި އޭރު ކަންތައް ހުރި ގޮތުން އެކަން ހިނގައިދިޔަ ގޮތް އެއްގޮތަކަށް ވެސް ހަނދާން ނެތް ކަމަށާއި ދައުވާ ލިބޭ އެއްވެސް މީހަކު ނޭނގޭ ކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ.

މީގެ އިތުރުން ހޮސްޕިޓަލާއި ފުލުހުންނަށް އެއްވެސް މައުލޫމާތެއް ދިންކަން ހަނދާން ނުވާ ކަމަށާއި، ފުލުހަށް ގެންދިޔައިރު ހުންނާނީ ވަރަށް ބޮޑަށް މަސްތުވެގެން ކަމަށް އެ މީހާ ކޯޓުގައި ބުންޏެވެ. އޭނާ ހެކިބަސް ދިނީ، އިނގިލި ބުރިކޮށްލީ ކަމެއް ނުވަތަ ބުރިވީ ކަމެއް ވެސް ނޭނގޭ ކަމަށް ބުނެއެވެ.

https://sun.mv/209949

އެ މައްސަލައިގައި ޝަރީއަތުގައި ވަނީ، އަނިޔާވި މީހާ ތަހުގީގަށް ބަޔާން ދިނުމަށް ފަހު ޝަރީއަތުގެ މަރުހަލާގައި ދިމާ އިދިކޮޅަށް ވާހަކަ ދައްކައި، އޭނާއަށް ކަނޑައެޅިގެން އެނގޭ ކަންކަމުގައި ދޮގު ހަދައިފައިވާކަން އެނގޭކަން ފާހަގަކޮށްފައެވެ. އެހެންވެ، އޭނާގެ ހެކިބަހުގައި ހިމެނޭ ތަހުގީގު ބަޔާނާ ފުށުއަރާ ބައި އެއްފަރާތްކޮށް، އޭނާ ތަހުގީގަށް ދީފައިވާ ބަޔާނުގައިވާ ކަންކަމާ ގުޅުވާލެވޭ ހެކިހުރި މިންވަރަށް، އެ ބަޔާނުގައިވާ ކަންކަމަށް ބުރަދަން ދޭން ޖެހޭ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އެ މައްސަލައިގައި ސާއިފްގެ މައްޗަށް ވަނީ، މީހެއްގެ ގުނަވަނެއް ނެތިދާ ފަދަ ގޮތަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށް ސާބިތުވެފައެވެ. އޭނާއަށް 15 އަހަރުގެ ހުކުމެއް ކޮށްފައިވާއިރު، ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 12 އަހަރާއި 11 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ސާމީއާއި ނައުޝާންގެ މައްޗަށް ވަނީ، މީހެއްގެ ގުނަވަނެއް ނެތިދާ ފަދަ ގޮތަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައެވެ. އެ ދެ މީހުންނަށް 10 އަހަރުގެ ޖަލު ހުކުމެއް ކުރިއިރު، ތަންފީޒު ކުރަން ޖެހޭނީ ހަތް އަހަރާއި 11 މަހާއި 24 ދުވަހުގެ ހުކުމެކެވެ.

https://sun.mv/196895

ޒަޔާނަށް ވަނީ، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށް ސާބިތުވެފައެވެ. އޭނާއަށް ކުރީ ތިން މަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށްވާއިރު، އެ މުއްދަތަށް ބަންދުގައި ހުރުމުން އޭނާ އިތުރަށް ތަންފީޒުކުރަން ޖެހޭ އަދަބެއް ނެތް ކަމަށް ހުކުމުގައިވެއެވެ.

އެ މައްސަލައިގައި، ކުށުގައި ބައިވެރިވިކަމުގެ ދައުވާ ދެން ކުރި ނަފާހުގެ މައްޗަށް ދައުވާ ސާބިތުނުވި ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެއެވެ.

މާލޭގައި 2024 ވަނަ އަހަރު މީހަކު ރަހީނުކޮށް އޭނާގެ އިނގިއްޔެއް ބުރިކޮށްލި މައްސަލައިގައި ދައުވާ އުފުލުނު 5 މީހުންގެ ތެރެއިން 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ ޖަލު ހުކުމް އިއްވާފައެވެ. އަނިޔާ ލިބުނު މީހާ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން، ހާދިސާ ހިނގި ގޮތް ހަނދާން ނެތް ކަމަށާއި ދައުވާ ލިބޭ މީހުން ނޭނގޭ ކަމަށް ބުނެފައިވެއެވެ. ނަމަވެސް، ކޯޓުން ނިންމީ އޭނާ ޝަރީއަތުގައި ކަނޑައެޅިގެން ދޮގު ހަދާފައިވާކަން އެނގޭތީ، ތަހުގީގަށް ދީފައިވާ ބަޔާނަށް ބުރަދަން ދިނުމަށެވެ.

  • މައްސަލައިގައި ދައުވާ ލިބުނު އަޙްމަދު ސާއިފް ވަޙީދުގެ މައްޗަށް މީހެއްގެ ގުނަވަނެއް ނެތިދާ ފަދަ މާރާމާރީއެއް ހިންގުމުގެ ކުށް ސާބިތުވެ، ބާކީ 12 އަހަރާއި 11 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
  • ޢަލީ ސާމީ އަދި މުޙައްމަދު ނައުޝާން ޙުސައިންގެ މައްޗަށް ކުށުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވެ، ކޮންމެ މީހަކު 7 އަހަރާއި 11 މަހާއި 24 ދުވަހު ޖަލުގައި ހޭދަކުރަން ވަނީ ހުކުމްކޮށްފައެވެ.
  • އަޙްމަދު ޒަޔާނަށް އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށް ސާބިތުވެ 3 މަހުގެ ޖަލު ހުކުމެއް އައި ނަމަވެސް، ބަންދުގެ މުއްދަތު ހަމަވެފައިވާތީ އިތުރު އަދަބެއް ނެތެވެ.
  • މި މައްސަލައިގައި ދައުވާ އުފުލުނު މުޙައްމަދު ނަފާޙްގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.
  • އަނިޔާ ލިބޭ ފަރާތުން ޝަރީއަތުގައި ބަޔާން ބަދަލުކުރި ނަމަވެސް، ތަހުގީގުގެ ހެކިތަކުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުކުރެވިދާނެކަން ކޯޓުގެ ނިންމުމުން ކަށަވަރުވެއެވެ.
  • މާރާމާރީއާއި ރަހީނުކުރުން ފަދަ ބޮޑެތި ކުށްތަކުގައި ބައިވެރިވާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ވަނީ ކަނޑައެޅިފައެވެ.
  • ހާދިސާ ހިނގަމުންދާއިރު އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމަކީ ވެސް ގާނޫނީ ގޮތުން ކުށެއްކަން ވަނީ ސާބިތުވެފައެވެ.
  • މިފަދަ އަމަލުތަކުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވުނު ބައެއް ފަރާތްތަކަކީ ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރަމުންދިޔަ މީހުންނެވެ.
comment ކޮމެންޓް