މަސްވެރިންގެ ޝަކުވާއަށް ދާއިމީ ހައްލު ހޯދަން އަދި ވަގުތު ނަގާނެ: މިނިސްޓަރު

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވާހަކަދައްކަވަނީ -- ފޮޓ: ރައީސް އޮފީސް

މަސްވެރިކަމުގެ ސިނާއަތުގައި މަސްވެރިންގެ ހުރި ޝަކުވާތަކަށް ދާއިމީ ހައްލު ހޯދަަން އަދި އިތުރު ވަގުތު ނަގާނެކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ރޭ ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރަން ގދ. ފަރެސްމާތޮޑާގައި ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ވަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން މަސައްކަތްތަކެއް ކުރި ނަމަވެސް އެ ފިޔަވަޅުތަކުގެ ނަތީޖާ ފެނުން ލަސްކަމަށް ވިދާޅުވެފައެވެ.

"ދިވެހިރާއްޖޭގެ މަސްވެރިކަމަށް، ޚާއްސަކޮށް ދޮށީގެ މަސްވެރިކަމަށާއި އަތުރަނުގެ މަސްވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި. މި ގޮންޖެހުންތަކުން އަރައިގަތުމަށް، މަނިކުފާނުގެ ސަރުކާރުން މިހާރު ވެސް މުހިންމު ފިޔަވަޅުތަކެއް އަޅުއްވައިފައިވީ ނަމަވެސް އަދި އެ ކަންކަން ހައްލުކުރުމަށް ޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމަށް ރާއްވަަވައިފައިވާއިރު އެ ކަންކަން ތަންފީޒުކުރެވުމުން ގެންދެވި ނަމަވެސް، މަސްވެރިންގެ ޝިކާޔަތްތަކަށް ދާއިމީ ތަސައްލީއެއް ލިބުމަށް އަދިވެސް ވަގުތުކޮޅެއް ނަގާނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބެނީ ބޮޑު އަގު ދޭ މާކެޓުތަކަށް ދިވެހީންނަށް އެކްސެސް ނެތުމުންކަމަށެވެ.

މަސްވެރިންނަށް ހުރި ދަތިތަކުގެ ވާހަކަ ހިއްސާކުރައްވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ، އިންޑިއާ ކަނޑުގައި ބޮޑު ދަލުގެ މަސްވެރިކަން ފުޅާވެ، ކަނޑު މަހުގެ އަގު ދުނިޔޭގެ ބާޒާރުގައި ދަށްވުމަކީ ވެސް މަސްވެރިންނަށް އޮތް ގޮންޖެހުމެއްކަމަށެވެ.

އަދި މަސްވެރިންނަށް އެން ހޯދުމުގައި ވެސް ދަތިތަކާ ކުރިމަތިވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޑިއާ ކަނޑުގައި ކަނޑުމަހުގެ ސްޓޮކް ދަށްވެ، މަސް ބާނާ މިންވަރު މަދު ކުރަން ޖެހިފައިވުމަކީ އިތުރު ގޮންޖެހުމެއްކަމަށް ވިދާޅުވިއެވެ.

"ޚާއްސަކޮށް ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ވަރަށް ބޮޑަށް މިހާރު ހީނަރުވެފައިވާކަމާއި، އެ އަނބުރައި އިއާދަކުރުމަށް ޓަކައި އެ ބާނާ ވަރު ނުވަތަ ނަގާ ވަރު 22 އިންސައްތަ މަދުކުރަން ޖެހިފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު،" މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ވިދާޅުވިއެވެ.

އެއާއެކު މިވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ސަރުކާރުން ކުރަނީ ކޫއްޑޫ ތަރައްގީކުރުމުގެ މަސައްކަތްކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން އެ ތަނުގެ ފްރީޒިން ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްކުރާކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް