މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޑިޒްނީއިން އުފައްދާ ކޮންޓެންޓުގެ މިންވަރު އަންނަ އަހަރު މަދު ކުރަން ނިންމައިފިއެވެ.
ޑިޒްނީގެ ސްޓްރީމިން ސާވިސްއާއެކު އެކުންފުނިން އަންނަނީ ގިނަ އަދަދަކަށް އޮރިޖިނަލް ކޮންޓެންޓް އުފައްދަމުންނެވެ. ޑިޒްނީ ޕްލަސްއާއެކު ގިނަ އޮރިޖިނަލް ޝޯތަކެއް މިއަހަރުގެ ތެރޭގައި ނެރުނު އިރު އެންމެ ބިޒީ ބަޔަކަށް ވެފައިވަނީ މާވެލްގެ ފޭނުންނެވެ. ޝޯއަކަށް ފަހު ޝޯއެއް ޑިޒްނީއިން ދައްކަމުން އައި އިރު މާވެލްގެ ފޭނުންނަށް ނޭވާ ލާން ވަގުތު ކޮޅެއް ވެސް ނުލިބެއެވެ.
ނަމަވެސް ޑިޒްނީގެ އަންނަ އަހަރުގެ އަމާޒުތައް ހުރީ ތަފާތުކޮށެވެ. މިހާރު އުފައްދަމުން އަންނަ ކޮންޓެންޓުތަކަށް ވުރެ ކޮންޓެންޓު މަދުކުރުމަށް ޑިޒްނީއިން ވަނީ ނިންމާފައެވެ. މި ނިންމުމަކީ ޑިޒްނީގެ ސީއީއޯގެ މަގާމަށް އަލުން އެރި ބޮބް އައިގާގެ ބެލުމުގެ ދަށުން ކުންފުނީގެ ކޮންޓެންޓުތަކަށް ގެންނަ ބަދަލެކެވެ.
ޑިޒްނީގައި ކުރިން މަސައްކަތް ކުރުމަށްފަހު ބޮބް އެކި ކުންފުނިތަކުގައި މަސައްކަތްކޮށް އަލުން ޑިޒްނީ އާ ގުޅިފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. ބޮބްގެ ބެލުމުގެ ދަށުގައި ކުންފުނީގެ ސްޓްރަކްޗާއަށް އަންނަނީ ބޮޑެތި ބަދަލުތައް ގެންނަމުންނެވެ.
މިއަހަރުގެ ޑިޒްނީގެ އަހަރީ ރިޕޯޓަށް ބަލާނަމަ ޑިޒްނީއިން ވަނީ 50އަށް ވުރެ ގިނަ އޮރިޖިނަލް ކޮންޓެންޓު އުފައްދާފައެވެ. އޭގެ ތެރޭގައި އޮރިޖިނަލް ޝޯއާއި ފިލްމުތައް ހިމެނެއެވެ.
ނަމަވެސް އަންނަ އަހަރަށް ލަފާކުރާ ގޮތުގައި ކޮންޓެންޓުގެ އަދަދު 40އަށް ވުރެ ގިނަ ނުކުރުމަށް ވަނީ ނިންމާފައެވެ. މިއާއެކު ޑިޒްނީއިން މާވެލްގެ ކޮންޓެންޓު އުފައްދާ މިންވަރު މަދުކުރާނެއެވެ.
އަދި ގިނަ މާވެލް ކޮންޓެންޓުތައް ހެދުމުގެ ބަދަލުގައި ދެން މަސައްކަތް ކުރާނީ ބޮކްސް އޮފީހުގައި ހިޓަކަށް ވާނެކަން ޔަގީންވާނެ ބޮޑެތި ޕްރޮޖެކްޓުތައް އުފެއްދުމަށެވެ.