ގައްދޫ އަލިފާނުގެ ހާދިސާ: ފިހުނު މީހާ މަރުވެއްޖެ

އަލިފާނުގެ ހާދިސާގައި ފިހިގެން މަރުވި މީހާގެ ފައިވާން --

ރޭ ގދ. ގައްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އުމުރުން ދުވަސްވީ މީހާ މަރުވެއްޖެއެވެ.

ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ 75 އަހަރުގެ އެ ފިރިހެން މީހާ މަރުވީ ހާލު ސީރިއަސްވެ, އޭނާގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ އުއްމީދު ކަނޑާލައިފައިވަނިކޮށެވެ.

ގައްދޫ ކައުންސިލްގެ މެމްބަރު އަލީ އަބްދުﷲ ވަނީ އެ މީހާ މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަން މިރޭ "ސަން"އަށް ވިދާޅުވެފައެވެ.

ފިހުނު މީހާގެ އާއިލާގެ މީހަކު މީގެ ކުރިން "ސަން"އަށް ބުނީ އޭނާގެ ކިޑްނީ މަސައްކަތް ކުރުން ހުއްޓާލާފައިވާ ކަމަށާއި، އިތުރަށް ދެވޭނެ ފަރުވާއެއް ނެތް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އެ ހާދިސާ ހިނގީ، އުނދުނުން ގޭސް ލީކުވެފައި ހުއްޓައި އުނދުން ރޯކުރަން އުޅުމުގެ ތެރޭގައެވެ.

އެގޮތުން ގައްދޫ ކައުންސިލް މެމްބަރު އަހުމަދު ޝަމާހު މީގެ ކުރިން "ސަން"އަށް ވިދާޅުވީ، ބަދިގޭގައި އަލިފާން ހިފީ އެ ފިރިހެން މީހާ، އެއް ފަހަރު އުނދުން ރޯކުރަން މަސައްކަތް ކުރުމަށްފަހު ރޯ ނުވުމުން އިރުކޮޅެއް ފަހުން އައިސް އުނދުން ރޯކުރުމުގެ ތެރޭގައި ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 7:30 ހާއިރެވެ. "ސަން"އާ ވާހަކަ ދެއްކި އެރަށު މީހަކު ބުނީ އެ ހާދިސާ ހިނގުމުން އަލިފާން ނިއްވާލާފައި ވަނީ އެ ފިރިހެން މީހާ އަމިއްލައަށް ކަމަށާއި ސިއްހީ މަރުކަޒަށް ދިޔައީ ވެސް އޭނާ އަމިއްލައަށް ހިނގާފައި ކަމަށެވެ.

ސިއްހީ މަރުކަޒަށް ދިޔަ އިރު އެ މީހާގެ ހަށިގަނޑުގެ 90 އިންސައްތަ ފިހިފައިވުމުން އޭނާ ވަގުތުން އިތުރު ފަރުވާއަށް އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފުރުވާލީއެވެ.

އަބްދުއްސަމަދު ހޮސްޕިޓަލުން އެ މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރި ނަމަވެސް، އޭނާގެ ހާލު ސީރިއަސް ވުމުން އެ މަސައްކަތް ނާކާމިޔާބުވީ ކަމަށް އެ ހޮސްޕިޓަލުން ވަނީ މީގެ ކުރިން "ސަން"އަށް މައުލޫމާތު ދީފައެވެ.

comment ކޮމެންޓް