ރޮވިފައި ހުރެ ރޮނާލްޑޯ ދަނޑުން ފޭބިއިރު، އެތައް ހުވަފެންތަކެއް ފެނަށް

ރޮވިފައިހުރެ ކްރިސްޓިއާނޯ ރޮނާލްޑޯ ދަނޑުން ފައިބަނީ --

ޝައްކެއްވެސް ނެތް ގޮތުގައި ރޮނާލްޑޯ އަކީ ދުނިޔެ ދުށް އެންމެމޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. ފުޓުބޯޅައިގައި އޭނާ ހޯދާފައިވާ ޝަރަފުތަކާއި، ހެދި ރެކޯޑު ތަކަކީ އެ ހިސާބަށް އައުމަށް އެހެން ކުޅުންތެރިންނަށް އުނދަގޫ ކަންތައްތަކެކެވެ.

2003 ވަނަ އަހަރު ޕޯޗުގަލްގެ ސީނިއާ ގައުމީ ޓީމަށް ކުޅެންފެށި ރޮނާލްޑޯ ވަނީ އެ ޓީމަށް ކުޅުނު 196 މެޗުން 118 ލަނޑު ޖަހާފައެވެ. އުމުރުން 18 އަހަރުގައި ގައުމީ ޓީމަށް ކުޅެންފެށި ރޮނާލްޑޯ، މިއަދު 37 އަހަރުގައި ފީފާ ވޯލްޑް ކަޕް 2022 ގައި ކުޅުނުއިރު، ޓީމަށް މިވަނީ މުބާރާތުގެ ކުއާޓާ ފައިނަލާއި ހަމައިން ވަކިވާން ޖެހިފައެވެ.

ޖުމްލަ ފަސް ވޯލްޑް ކަޕެއްގައި ކުޅެ އެ ފަސް މުބާރާތުގައިވެސް ލަނޑު ޖަހައިގެން ރޮނާލްޑޯ ވަނީ ރެކޯޑެއް ގާއިމްކޮށްފައެވެ. އެއީ ފަސް ވޯލްޑް ކަޕެއްގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑެވެ. ރޮނާލްޑޯ ގައުމީ ޓީމަށް ކުޅެން ފެށުމުގެ ކުރިން ޕޯޗުގަލް ކުޅެފައި ވަނީ ތިން ވޯލްޑް ކަޕެއްގައެވެ. އެހެންނަމަވެސް ރޮނާލްޑޯ އާއިއެކު ޕޯޗުގަލްއިން މިހާތަނަށް ފަސް ވޯލްޑް ކަޕެއް ކުޅެފައިވެއެވެ. މިއީ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމު، ފުޓުބޯޅައިގެ މަތީ ފަންތިއަށް ގެނެސްދިން ކަމުގެ ހެއްކެކެވެ.

މޮރޮކޯއަތުން 0-1 ގެ ނަތީޖާއަކުން ކުއާޓާ ފައިނަލުގައި ބަލިވުމާއި ގުޅިގެން ޕޯޗުގަލްއަށް މުބާރާތް ނިމުނުއިރު، ރޮނާލްޑޯ ދަނޑުން ފޭބީ ރޮމުން، ކަރުނަ ފޮހެމުންނެވެ. މިއީ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑުއިރު، މިއީ އޭނާއަށް އިންތިހާއަށް ހިތާމަ ގެނުވާނެ، އަސަރުކުރުވާނެ ކަމެކެވެ.

ރޮނާލްޑޯގެ "ޓްރޮފީ ކެބިނެޓް"ގައި މަދު ހަމައެކަނި ތަށްޓަކީ ވޯލްޑް ކަޕުގެ ތަށްޓޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. 2016 ވަނަ އަހަރު ރޮނާލްޑޯގެ އިސް ދައުރަކާއެކު ޕޯޗުގަލްއިން ވަނީ ޔޫރޯ މުބާރާތް ކާމިޔާބު ކޮށްފައެވެ.

ކޮންމެއަކަސް މިއީ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑުކަމަށް ގިނަ ފަރާތްތަކަކުން ދެކޭއިރު، އޭނާވެސް އަދި އޭނާގެ ގިނަ ސަޕޯޓަރުންވެސް ދެކުނު ހުވަފެންތަކަކަށް މިވަނީ ނިމުން އައިސްފައެވެ. ތަށި އުފުފާލުމުގެ އިތުރުން، ވޯލްޑް ކަޕުގެ ނޮކްއައުޓް ސްޓޭޖުގައި ރޮނާލްޑޯ ޖުމްލަ 8 މެޗު ކުޅެފައިވާއިރު، އެއްވެސް ވޯލްޑް ކަޕެއްގައި ނޮކްއައުޓް ސްޓޭޖުގައި ރޮނާލްޑޯއަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މީގެއިތުރުން ރޮނާލްޑޯގެ ކެރިއަރުގައި ވޯލްޑް ކަޕުގައި 21 މެޗެއް އޭނާ ކުޅެފައިވާއިރު، ޕޯޗުގަލްގެ ޖާޒީގައި ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑުވެސް ރޮނާލްޑޯއަށް ގާއިމްނުކުރެވުނެވެ. ރޮނާލްޑޯ ވޯލްޑް ކަޕުގައި ޖުމްލަ ހަތް ލަނޑު ކާމިޔާބު ކޮށްފައިވާއިރު، ޕޯޗުގަލްއަށް ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖަހައިދިން އިއުސޭބިއޯ ވަނީ ނުވަ ލަނޑު ޖަހާފައެވެ.

މީގެއިތުރުން ރޮނާލްޑޯއާ އެންމެ ވާދަވެރި، ލިއޮނެލް މެސީއަށްވުރެ ވޯލްޑް ކަޕުގައި ގިނަ ލަނޑުޖަހަން ލިބުނު ފުރުސަތުވެސް ރޮނާލްޑޯއަށް މިވަނީ ގެއްލިފައެވެ. މެސީ ވަނީ ވޯލްޑް ކަޕުގައި މިހާތަނަށް 10 ލަނޑު ޖަހާފައެވެ. މިއީ މެސީގެވެސް ފަހު ވޯލްޑް ކަޕަށްވާއިރު، މެސީއާއި އާޖެންޓީނާ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އެހެންކަމުން މެސީއަށް މުބާރާތުގައި އިތުރު ލަނޑުތަކެއް ޖެހުމުގެ ފުރުސަތު އެބައޮތެވެ.

ވޯލްޑް ކަޕުން ޕޯޗުގަލްއަށް ލިބުނު ނާކާމިޔާބީގެ އިތުރުން، ރޮނާލްޑޯގެ ކެރިއަރުވެސް ވަނީ އަނދަވަޅަކަށް ވެއްޓީފައެވެ. 12 އަހަރަށްފަހު މެންޗަސްޓާ ޔުނައިޓެޑަށް އެނބުރި އައިސް ރޮނާލްޑޯ ހޭދަކުރި ދެވަނަ ސީޒަނުގެ ތެރޭގައި، ޓީމުގެ ކޯޗާ ގިނަ މައްސަަލަތަކެއް ޖެހި، އޭނާއަށް ޓީމުން ފުރުސަތު ނުލިބުންއިރު، ވޯލްޑް ކަޕުގައި ޕޯޗުގަލްއިން ކުޅުނު ފުރަތަމަ މެޗު ފަށަން 24 ގަޑިއިރަށްވެފައި ވަނިކޮށް މެންޗަސްޓާ ޔުނައިޓެޑުން ވަނީ ރޮނާލްޑޯގެ އެއްބަސްވުން ބާތިލްކުރިކަން އިއުލާންކޮށްފައެވެ. އެއީ ދެ ފަރާތުން ވާހަކަދައްކައިގެން، މަޝްވަރާގެ މަތިން ނިންމި ނިންމުމެއް ކަމަށް ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ދުނިޔެދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯ މިވަގުތު ހުރީ ފްރީ އޭޖެންޓެއްގެ ގޮތުގައެވެ. ސައުދީ އަރަބިއްޔާގެ ކުލަބުތަކުން ރޮނާލްޑޯއަށް ޝައުގުވެރިކަން ފާޅުކޮށް، ބޮޑު މުސާރައެއް ހުށަހަޅާފައިވީ ނަމަވެސް، ޔޫރަޕުގެ ބޮޑު ކުލަބަކަށް ކުޅުމުގެ ވިސްނުމުގައި ރޮނާލްޑޯ، ސައުދީގެ ހުށަހެޅުންތައް ގަބޫލުކޮށްފައެއް ނުވެއެވެ.

މިރޭގެ މެޗަކީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ގައުމީ ޖާޒީގައި ކުޅޭނެ ފަހު މެޗަށްވިޔަސް، އަދި ކެރިއަރުގެ ފަހު މެޗަށްވިޔަސް، އޭނާގެ ގާބިލްކަމާއި، އޭނާ އަކީ މި ކުޅިވަރުގެ ތާރީޚުގައިވެސް އެންމެ މަތީ ފަންތީގައި ގުނޭނެ ކުޅުންތެރިއެއް ކަމާއިމެދު އެކަކުވެސް ދެބަހެއް ނުވާނެއެވެ.

މިއީ ޕޯޗުގަލްގެ ޖާޒީގައި ރޮނާލްޑޯ ފެނުނު ފަހު ފަހަރުކަމަށް ވެއްޖެނަމަ، އެއީ މުޅި ފުޓުބޯޅަ އާއިލާއިންވެސް އެކަމާއި ހިތާމަކުރާނެ ކަމެކެވެ.

ރޮނާލްޑޯ އޭނާގެ ކެރިއަރުގެ ކުރިމަގާއިމެދު ނިންމާ ނިންމުމެއް ބަލަން، ގިނަބަޔަކު މިހާރު ތިބޭނީ ކެތްމަދުވެފައެވެ.

comment ކޮމެންޓް