ކާންޔޭ އަތުން ޑިގްރީ އަތުލައިފި

މި ފާއިތުވި ދެ މަހެއްގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ދައްކާފައިވާ ވާހަކަތަކާ ގުޅިގެން އޭނާއަށް ދީފައިވާ އޮނޮރަރީ ޑިގްރީ އޭނާގެ އަތުން އަތުލައިފިއެވެ.

ޖޯޖް ފްލޮއިޑްގެ މަރާ ގުޅޭގޮތުން ދެއްކި ވާހަކަތަކާއި އެންޓި ސެމިޓިކް ކޮމެންޓުތަކާއެކު ސޯޝަލް މީޑިއާ އެކައުންޓުތަކުން ވަނީ ކާންޔޭ ވެސްޓް ދާދިފަހުން ސަސްޕެންޑު ކޮށްފައެވެ. އެ ކޮމެންޓުތަކާ ގުޅިގެން ބޮޑެތި ކުންފުނިތަކާއެކު ކާންޔޭ ވެފައިވާ އެއްބަސްވުންތައް ވެސް ވަނީ ގެއްލިފައެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން އެންމެ ފަހުން ވަނީ އޭނާގެ އަތުގައި އޮތް ޑިގްރީ ވެސް އަތުލާފައެވެ. އޮނޮރަރީ ޑިގްރީ އަކީ މީހަކު މަސައްކަތް ކުރާ ދާއިރާއަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށް ބަލައި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އިތުބާރު ހިފޭ އިންސްޓިޓީއުޓް ތަކުން ދޭ ޑިގްރީއެކެވެ.

މިއުޒިކުގެ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކާންޔޭއަށް ވަނީ ސްކޫލް އޮފް އާޓް އިންސްޓިޓިއުޓް އޮފް ޝިކާގޯ އިން 2015 ވަނަ އަހަރު އޮނޮރަރީ ޑިގްރީއެއް ހަވާލުކޮށްފައެވެ. ނަމަވެސް އެންމެފަހުން މިދިޔަ ހަފުތާ ބަންދުގައި އެ އިންސްޓިޓިއުޓުން ވަނީ އެ ޑިގްރީ ކާންޔޭގެ އަތުން އަތުލާފައެވެ.

އެ އިންސްޓިޓިއުޓުން ބުނާގޮތުގައި ކާންޔޭ ދައްކަމުން އަންނަ ވާހަކަތަކާއި އަމަލުތަކަކީ އެއްވެސް ގޮތެއްގައި ސަޕޯޓް ކުރެވޭނެ އަމަލުތަކެއް ނޫނެވެ. އަދި އެއާއެކު ކާންޔޭގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް އިންސްޓިޓިއުޓުން ބުނެފައިވެއެވެ.

comment ކޮމެންޓް