މެސީއަށް ރެކޯޑެއް، އާޖެންޓީނާ ސެމީ ފައިނަލަށް

އާޖެންޓީނާއާއި ނެދަލެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި, ލިއޮނެލް މެސީ ލަނޑު ރެކޯޑެއް ހެދިއިރު، ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާއިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގަތަރުގެ ލުސެއިލް ސްޓޭޑިއަމުގައި ކުޅުނު މި މެޗު އާޖެންޓީނާއިން ކާމިޔާބު ކުރީ ޕެނަލްޓީގައި 3-4 އިން ކުރިހޯދައިގެންނެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނެދަލެންޑްސްއިން ކުޅުނު ނަމަވެސް، ގިނަ ހަމަލާތަކެއް އުފައްދާ، އެޓޭކިންގް ގޭމެއް ކުޅުނީ އާޖެންޓީނާއިންނެވެ.

އާޖެންޓީނާއިން މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައެވެ. މިއީ މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ނަހުއެލް މޮލީނާ ޖެހި ލަނޑެކެވެ.

އާޖެންޓީނާއިން ދެވަނަ ލަނޑުޖެހީ ދެވަނަ ހާފުގައި، މެޗުގެ 73 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރެއިން އާޖެންޓީނާގެ އަކޫނިއާއަށް، ނެދަލެންޑްސްގެ ޑަމްފްރިސް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއަކުން މެސީ ކާމިޔާބުކުރި ލަނޑެކެވެ.

މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި މެސީ ޖެހި ހަތަރުވަނަ ލަނޑެވެ. އޭގެ ތެރެއިން ދެ ލަނޑަކީ ޕެނަލްޓީން މެސީ ކާމިޔާބުކުރި ލަނޑުތަކެކެވެ. މި ލަނޑާއެކު މެސީ އަކީ މިފަހަރުގެ މުބާރާތުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ ފަސް ލަނޑު ޖަހާފައިވާ ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭއެވެ.

ނެދަލެންޑްސް ކޮޅަށް ޖެހި ލަނޑާއެކު، ވޯލްޑް ކަޕުގައި މެސީ ޖެހި ޖުމްލަ ލަނޑުގެ އަދަދު ވަނީ 10އަށް އަރާފައެވެ. އަދި މިއާއެކު އޭނާ ވަނީ، ވޯލްޑް ކަޕުގައި އާޖެންޓީނާއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ގެބްރިއެލް ބަޓިސްޓޫޓާގެ ރެކޯޑާއި އަރައި ހަމަކޮށްފައެވެ. މެސީ ވަނީ އާޖެންޓީނާގެ ގައުމީ ޖާޒީގައި ކުޅުނު 170 މެޗުން ޖުމްލަ 95 ލަނޑު ކާމިޔާބު ކޮށްފައެވެ.

ލަނޑުޖެހުމަށްފަހު މެސީ އުފާ ފާޅުކުރަނީ --ފޮޓޯ/ގެޓީ އިމޭޖަސް

މެޗުގައި ނެދަލެންޑްސްއިން ފަރަގު ކުޑަކުރި ލަނޑު، މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވައުޓް ވެގްހޯސްޓެވެ.

މެޗުގައި ނެދަލެންޑްސްއިން ނަތީޖާ ހަމަހަމަ ކުރީ، މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރުވަގުތުގެ 10 މިނެޓުގެ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައެވެ. މިއީ ޑީއޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމެއްގައި، ކޫޕްމެއިނާސް ޖައްސާލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ވެގްހޯސްޓް ކާމިޔާބުކުރި ލަނޑެކެވެ.

ނަތީޖާ ހަމަހަމަ ކުރުމަށްފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --ފޮޓޯ/ގެޓީ އިމޭޖަސް

މި މެޗުގައި ދެ ޓީމުގެ ކުޅުންތެރިންނަށް ޖުމްލަ 14 ރީނދޫ ކާޑު ދައްކާފައިވެއެވެ. އެއީ ނެދަލެންޑްސްގެ ފަސް ކުޅުންތެރިއަކާއި އާޖެންޓީނާގެ ނުވަ ކުޅުންތެރިއަކަށެވެ. މިއާއެކު މި މެޗު ވެފައި މިވަނީ މިފަހަރުގެ ވޯލްޑް ކަޕުގައި އެންމެ ގިނަ ކާޑު ފެނިގެންދިޔަ މެޗަށެވެ. އަދި މި މެޗުގެ 90 މިނެޓާއި އިތުރުވަގުތުގެ ދެ ހާފު ނިމުނުއިރު، ދެ ޓީމުގެ ކުޅުންތެރިން ކުރި ޖުމްލަ ފައުލުގެ އަދަދު ވަނީ 48 އަށް އަރާފައެވެ.

މެޗުގެ ތެރެއިން ހިނގައިދިޔަ ހަމަނުޖެހުމެއްގެ ތެރެއިން-- ފޮޓޯ/ގެޓީ އިމޭޖަސް

އިތުރުވަގުތުގެ ދެހާފު ނިމުނުއިރުވެސް ނަތީޖާއަށް ބަދަލެއް ނައުމުން، ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީގައި އާޖެންޓީނާގެ ކީޕަރު މާޓިނޭޒް ދެ ޕެނަލްޓީއެއް ހުއްޓުވިއިރު، އާޖެންޓީނާގެ އެންޒޯ ފެރްނާންޑޭޒް ނޫން، ޕެނަލްޓީ ޖެހި އެހެން ހުރިހާ ކުޅުންތެރިންވެސް ޕެނަލްޓީ ކާމިޔާބު ކުރިއެވެ. އެންޑޯ ފެރްނާންޑޭޒް ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ.

މާޓިނޭޒް ޕެނަލްޓީއެއް މަތަކުރަނީ --ފޮޓޯ/ގެޓީ އިމޭޖަސް

ޕެނަލްޓީ ޝޫޓްއައުޓުގައި މާޓިނޭޒްގެ ފަރާތުން ދެ ސޭވް ފެނުނު ނަމަވެސް، މުޅި މެޗުގައި އޭނާއަށް މާގިނަ ހަމަލާތަކަކާއި ކުރިމަތިލާން ޖެހިފައެއް ނުވެއެވެ.

މި މޮޅާއެކު އާޖެންޓީނާއިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު، ސެމީގައި އެޓީމު ކުޅެން ޖެހޭނީ ބްރެޒިލްގެ މައްޗަށް ހައިރާންކުރަނިވި މޮޅެއް ހޯދި ކްރޮއޭޝިއާއާ ދެކޮޅަށެވެ.

ދެ ފަހަރެއްގެ މަތިން ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އާޖެންޓީނާއިން މި ފަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކުރިއިރު، މިއީ އެޓީމުން ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ކުޅޭނެ ހަވަނަ ފަހަރެވެ.

comment ކޮމެންޓް