މީޑިއާތަކުން ރޮނާލްޑޯއަށް ފުރައްސާރަކުރާ ކަމަށްބުނެ ކޯޗު ހިތްހަމަ ނުޖެހިއްޖެ

ރޮނާލްޑޯއާއި ކޯޗު ފެރްނާންޑޯ ސަންޓޯސް --ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕް 2022 ފެށުނީއްސުރެ، ބޮޑެތި މީޑިއާތަކުން، ހާއްސަ ގޮތެއްގައި ޕޯޗުގަލްގެ މީޑިއާތަކުން ރޮނާލްޑޯއާ ގުޅުވައިގެން ހަގީގަތާއި ހިލާފު ވާހަކަ ފަތުރާކަމަށް ބުނެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ނުރުހުން ފާޅުކޮށްފިއެވެ.

ވޯލްޑް ކަޕު ފެށެން ގާތްވެފައި ވަނިކޮށް، ޕިއާސް މޯގަންގެ ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި، މެންޗަސްޓާ ޔުނައިޓެޑާއި އެ ޓީމުގެ ކޯޗާ ގުޅޭގޮތުން ރޮނާލްޑޯ ދެއްކި ވާހަކަތަކަކާއި ގުޅިގެން، މީޑިއާތަކުގެ ފޯކަސް ރޮނާލްޑޯއަށް ވަރަށް ބޮޑަށް އަމާޒުވިއެވެ.

އަދި ވޯލްޑް ކަޕު ތެރޭގައިވެސް މެޗުތަކުގެ ވާހަކަތަކަށްވުރެ ބޮޑަށް، ރޮނާލްޑޯއާ ގުޅުވައިގެން މީޑިއާތަކުން ދިޔައީ ތަފާތު ގިނަ ޚަބަރުތަކެއް ގެނެސްދެމުންނެވެ. އެގޮތުން ރޮނާލްޑޯގެ ސަބަބުން ޕޯޗުގަލްއަށް އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވޭ ކަމަށާއި، ރޮނާލްޑޯގެ ބަދަލުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭންވެއްޖެ ކަމަށް ޕޯޗުގަލްގެ މީޑިއާތަކުން ބުނަމުން ދިޔައެވެ. އަދި ރޮނާލްޑޯއާއި ޓީމުގެ އެހެން ކުޅުންތެރިންނާ މެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށާއި، ރޮނާލްޑޯ ޓީމު ދޫކޮށްދާން އުޅޭ ކަމަށްވެސް ޕޯޗުގަލްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ --ފޮޓޯ/ގެޓީ އިމޭޖަސް

މިފަދަ ހުރިހާ ވާހަކަތަކެއް، ޕޯޗުގަލްގެ ކޯޗު ވަނީ ދޮގުކޮށްފައެވެ. ކުއާޓާ ފައިނަލުގައި މޮރޮކޯއާ ދެކޮޅަށް ޕޯޗުގަލް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޯޗު ސަންޓޯސް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ސަންޓޯސް ބުނީ، ދުވަހަކުވެސް ޓީމު ދޫކޮށްލަން އުޅޭކަމުގެ އެއްވެސް އިޝާރާތެއް ރޮނާލްޑޯ ކޮށްފައި ނުވާ ކަމަށާއި، އެފަދަ ވާހަކައެއް ނުވެސް ދައްކާ ކަމަށެވެ.

އަދި "ހެޑްލަައިން މޭކް" ކުރަން ރޮނާލްޑޯއާ ގުޅުވައިގެން ދޮގު ވާހަކަތައް ދައްކާ، "ކޮންޓްރޮވާޝަލް" ވާހަކަދެއްކުން ހުއްޓާލަން ޖެހޭ ކަމަށް ސަންޓޯސް ބުންޏެވެ. ސަންޓޯސް އިތުރަށް ބުނީ، ރޮނާލްޑޯ އަކީ ޕޯޗުގަލްއަށް އެތައް ޝަރަފަކާއި ފަހުރެއް ހޯދައިދިން ކުޅުންތެރިއެއްކަން ދަންނަން ޖެހޭ ކަމަށާއި، އެކަމުގެ އަގުވަޒަންކުރަން ޖެހޭ ކަމަށެވެ.

ގައުމީ ޓީމަށް ރޮނާލްޑޯ ކޮށްދިން ޚިދުމަތްތަކުގެ އަގުވަޒަންކުރަން ޖެހޭ ކަމަށް ސަންޓޯސް ބުނިއިރު، ޕޯޗުގަލްއިން ފުޓުބޯޅައިގައި ބޮޑު މުބާރާތެއްގައި ރަން ވަނައެއް ހޯދާފައިވަނީ ހަމައެކަނި ރޮނާލްޑޯގެ ކެޕްޓަންކަމުގެ ދަށުންނެވެ. 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ޕޯޗުގަލްއިން ކާމިޔާބު ކުރިއިރު، އެންމެ އިސް ދައުރެއް އަދާކުރީ ރޮނާލްޑޯއެވެ.

ޕޯޗުގަލްއިން 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބުކުރުން -- ފޮޓޯ/ގެޓި އިމޭޖަސް

ޕޯޗުގަލްގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމުގައި އެކަކުވެސް ދެބަހެއް ނުވާނެއެވެ. ތާރީޚުގައިވެސް ޕޯޗުގަލްގެ ޖާޒީގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ ރޮނާލްޑޯއެވެ. ވަކިވަކި މުބާރާތްތަކުގައިވެސް ލަނޑު ރެކޯޑުގެ ކުރީގައި ރޮނާލްޑޯގެ ނަން ވެއެވެ.

މީޑިއާތަކުން ރޮނާލްޑޯއާ ގުޅުވައިގެން ތަފާތު ވާހަކަތައް ގެނެސްދިން ނަމަވެސް، އެފަދަ ވާހަކަތައް އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗުވެސް ދޮގުކުރެއެވެ.

comment ކޮމެންޓް