ޑރ. ނާޒްގެ މައްސަލަ: ޓްވިޓާގައި ކަންބޮޑުވުން ފާޅުކުރި މީހުންގެ ބަޔާން ނަގަނީ

ނަފްސާނީ ބަލިތަކަށް ފަރުވާ ދެއްވާ، ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް --- ފޮޓޯ/ ސޯޝަލް މީޑިއާ

ނަފްސާނީ ބަލިތަކަށް ފަރުވާ ދެއްވާ، ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް ފަރުވާ ދިނުމުގައި އިހުމާލުވާ ކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅުކުރި މީހުންގެ ބަޔާން ނަގަމުން ދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ ޝަފީއު މިއަދު 'ސަން' އަށް ވިދާޅުވީ އެކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމުން އިސްވެ ބަލާ މައްސަލައެއްގެ ގޮތަށް ބަލަން ފަށާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ކަންބޮޑުވުން ފާޅުކުރި ވަކިވަކި މީހުންނަށް ގުޅައި ބަޔާން ނެގުމުގެ މަސައްކަތް ކަމަށް ޝަތުފާ ވިދާޅުވިއެވެ.

މިފަހުން ގިނަ ބަޔަކު އަންނަނީ ޑރ. ނާޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ސޯޝަލް މީޑިއާގައި ޝުއޫރުފާޅު ކުރަމުންނެވެ. އެގޮތުން ބޮޑު އަގު ނެގުމަށް ފަހު ޓެސްޓްތަކުގެ ނަތީޖާ ނުދޭކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އަދި ރަނގަޅަށް ނުބަލައި ނަފްސާނީ ބަލިތައް ހުންނަ ކަމަށް ނާޒް ނިންމާ ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރެއެވެ.

މިކަމާ ގުޅޭގޮތުން ޑރ. ނާޒްއާ "ސަން" އިން ސުވާލު ކުރުމުން ވިދާޅުވީ ސޯޝަލް މީޑިއާގައި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރާ ކަމަށެވެ. މި މައްސަލާގައި އިތުރަށް ވާހަކަ ދައްކާނީ ގާނޫނީ ވަކީލުން ކަމަށް ވެސް ނާޒް ވިދާޅުވިއެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް، "މިޕްސްޓާ"ގެ ނަމުގައި އަމިއްލަ ކްލިނިކެއް ނާޒް ހިންގަވާތާ ވެސް އަހަރުތަކެއް ވެއްޖެއެވެ. އޭގެ އިތުރުން އޭނާ މިފަހުން ގެންދަވަނީ އަތޮޅުތެރެއަށް ދަތުރުތައް ކޮށް، ރަށްރަށުގައި ފަރުވާގެ ކަންކަން ކުރިއަށް ގެންދަމުންނެވެ.

comment ކޮމެންޓް