އެންމެ މުއްސަނދި މީހާގެ ލަގަބު މަސްކު އަތުން ހިނދުކޮޅަކަށް ގެއްލިއްޖެ

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު ހޯދާފައިވާ ބިލިއަނަރު، އަދި ޓެސްލާ އާއި ސްޕޭސްއެކްސްގެ އިތުރުން ޓްވިޓާގެ އޯނަރު އީލޮން މަސްކު އަތުން އެ ލަގަބު ހިނދުކޮޅަކަށް ގެއްލިއްޖެއެވެ.

މަސްކްގެ މިލްކިއްޔާތަށް އެންމެ ބޮޑު އެއްޗެއް ލިބެނީ ޓެސްލާގެ ހިއްސާއިންނެވެ. ނަމަވެސް އެކުންފުނީގެ ހިއްސާ އަންނަނީ މަޑުމަޑުން ދަށްވަމުންނެވެ.

ފޯބްސް އިން ބުނާގޮތުގައި ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު، މަސްކު އަތުން ވަނީ އިއްޔެގެ ވަގުތެއްގައި ކުޑަ ހިނދުކޮޅަކަށް ގެއްލިފައެވެ. އެއާއެކު ކުޑަ ވަގުތު ކޮޅަކަށް އެންމެ މުއްސަނދި މީހާގެ ލަގަބު ލިބިފައިވަނީ ބާނާޑް ރެނޯލްޓް އަށެވެ. ރެނޯލްޓް އަކީ، މަޝްހޫރު ފެޝަން ބްރޭންޑް ލުއީ ވުޓާންގެ ބެލެނިވެރި ކުންފުނި އެލްވީއެމްއެޗުގެ ސީއީއޯއެވެ.

ނަމަވެސް ބާނާޑް އަކަށް އެ ލަގަބު މާ ގިނައިރު ހިފަހައްޓައެއް ނުލެވުނެވެ. މިހާރު ދެވަނައިގައި ބާނާޑް އިނީ މިލްކިއްޔާތު 185.3 ބިލިއަން ޑޮލަރާއެކުގައެވެ. އަދި މަސްކް އަލުން އެއްވަނަ އަރާފައިވާއިރު އޭނާގެ މިލްކިއްޔާތު 185.7 ބިލިއަން ޑޮލަރަށް އަރައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު މަސްކު އަންނަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ދަމަހައްޓަމުންނެވެ. މަސްކުގެ ކުރީން ދުނިޔޭގެ އެންމެ މުއްސަނދި މީހަކީ އެމޭޒަންގެ ސީއީއޯ ޖެފް ބޭޒޮސްއެވެ.

ޓެސްލާގެ ހިއްސާ ދުވަހެއް ދުވަހަކަށް ދަށްވަމުން އަންނައިރު އެންމެ ބޮޑަށް ދަށްވެފައިވަނީ މިއަހަރު މަސްކު 44 ބިލިއަން ޑޮލަރު ދީފައި ޓްވިޓާ ގަތުމުންނެވެ. އެއާއެކު ޓެސްލާގެ ހިއްސާގެ އަދަދު 47 ޕަސެންޓް ވަނީ ދަށްވެފައެވެ. އޭގެކުރިން މަސްކުގެ މިލްކިއްޔާތު 200 ބިލިއަން ޑޮލަރަށް ވުރެ ބޮޑެވެ.

comment ކޮމެންޓް