ބެލްޖިއަމްގެ ގައުމީ ފުޓުބޯޅަ ޓީމާއެކު ބޮޑު ކާމިޔާބީއެއް ނުހޯދެނީސް، ޓީމުގެ ކެޕްޓަން އެޑެން ހަޒާޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފިއެވެ.
އުމުރުން 31 އަހަރުގެ ހަޒާޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައި ވަނީ، ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖާއި ހަމައިން އެ ޓީމަށް މުބާރާތް ނިމިފައިވާ ދަނޑިވަޅެއްގައެވެ. އަދި ޓީމު ތެރޭގައި، ދޭދޭ ކުޅުންތެރިންގެ މެދުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމާއި، ބައިބައިވުން އޮތް ކަމަށް މީޑިއާތަކުން ރިޕޯޓު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށް ހަޒާޑް ބުނީ، މިއަދަކީ އޭނާގެ ހަޔާތުގައި އައު ސޮފްހާއެއް ލިޔެވޭ ދުވަހެއް ކަމަށެވެ. އަދި 2008 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ދުވަހުން ފެށިގެން މިއަދާއި ހަމައަށް މި ވޭތުވި މުއްދަތުގެ ތެރޭގައި، ޓީމުގެ ސަޕޯޓަރުންނާއި ބެލްޖިއަމްގެ ރައްޔިތުންގެ ފަރާތުން ލިބުނު ސަޕޯޓާއި ލޯތްބައް އިންތިހާއަށް ޝުކުރުވެރިވާ ކަމަށްވެސް ހަޒާޑް ބުންޏެވެ.
ރިޓަޔާމަންޓް އިއުލާންކޮށް ހަޒާޑް މީސްމީޑިއާގައި ކުރި ޕޯސްޓު ނިންމާލަމުން ބުނީ، ޓީމާއެކު ކާމިޔާބީތަކެއް ހޯދޭނެ ފެންވަރުގެ ކުޅުންތެރިންތަކެއް މިހާރު ޓީމުގައި ތިބިކަމަށް ގަބޫލު ކުރެވޭ ކަމަށާއި، މިއާއެކު ޓީމުން ރިޓަޔާކުރަން ނިންމާފައިވާ ކަމަށެވެ.
ހަޒާޑް ގައުމީ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅުނީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އެއީ ބެލްޖިއަމްއިން ލަގްޒެމްބާގާއި ދެކޮޅަށް ކުޅުނު މެޗެއްގައެވެ.
އުމުރުން 17 އަހަރާއި 316 ދުވަހުގައި ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދީ ހަޒާޑް ވަނީ، ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅެދިން އަށްވަނައަށް އެންމެ އުމުރުން ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 126 މެޗުން ހަޒާޑް 33 ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ. ގައުމީ ޓީމާއެކު ހަޒާޑަށް ހޯދުނު ހަމައެކަނި ކާމިޔާބީއަކީ، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތިންވަނަ ހޯދުމެވެ.
2019 ވަނަ އަހަރުގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވި ހަޒާޑަށް، އަނިޔާގެ މައްސަލަތަކުގެ ސަބަބުން އެ ޓީމުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަދި މާގިނަ މެޗުތަކެއް މިހާތަނަށް އޭނާ ކުޅެފައެއް ނުވެއެވެ. މިހާތަނަށް ރެއާލްގެ ޖާޒީގައި ހަޒާޑް ކުޅެފައި ވަނީ 72 މެޗެވެ. މި މެޗުތަކުން ޖުމްލަ ހަތް ލަނޑު ހަޒާޑް ކާމިޔާބު ކޮށްދީފައިވެއެވެ.