ސްކޭމް ކޯލުތައް ހުއްޓުވުމަށް ފުލުހުންނާއި ސިފައިން މާފުށީ ޖަލަށް

މާފުށި ޖަލު: ސްކޭމް ކޯލު ހުއްޓުވުމަށް ޖަލުގައި އޮޕަރޭޝަނެއް ވަނީ ފަށާފަ ---

މޯލްޑިވްސް ކަރެކްޝަން ސާވިސްގެ އެދުމުގެ މަތިން ކ. މާފުށީ ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ރޭ ފަށައިފިއެވެ.

ފުލުހުން ރޭ ކުރި ޓުވީޓެއްގައި ބުނީ މާފުށީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާ ގުޅިގެން މާފުށި ޖަލު ބަލައި ފާސްކޮށްދިނުމަށް ކަރެކްޝަންސްއިން ފުލުހުންގެ އިދާރާގައި އެދިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާއި ކަރެކްޝަންސް އަދި ފުލުހުން ގުޅިގެން މާފުށީ ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ރޭ ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޖަލަށް މަނާތަކެތި ވައްދައި ސްކޭމް ކުރުމުގެ އަމަލުތައް ގިނަ ކަން ފުލުހުން ވަނީ އެކި ޕްލެޓްފޯމުތަކުގައި މީގެ ކުރިން ވެސް ފާހަގަކޮށްފައެވެ.

އެގޮތުން ޖަލުތަކަށް ވެއްދުން މަނާ ތަކެތި ވައްދަން މަސައްކަތްކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު، އެކަން ހައްލުކުރުމަށް ޓަކައި ފާއިތުވި އަހަރުތަކުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ޖަލުތަކުން ކުށްވެރިން ކުރާ ސްކޭމް ކޯލްތައް ހުއްޓުވުމަށް ޓަކައި ޖަލުގައި ޖޭމަރުތައް ހަރުކުރި ނަމަވެސް އޭގެ އެދެވޭ ނަތީޖާ ނުފެންނަ ކަމަށް ސީޕީ އަހުމަދު ވަނީ ވިދާޅުވެފައެވެ.

https://sun.mv/170497

އެ މައްސަލަ ހައްލުކުރުމަށް ޓަކައި ކަމާ ގުޅުންހުރި އިދާރާތަކާއެކު ވާހަކަ ދައްކާފައިވާކަމަށް ވެސް ސީޕީ އަހްމަދު ވިދާޅުވިއެވެ. އެގޮތުން ނެޓްވޯކް ޚިދުމަތްދޭ ފަރާތްތަކާއި ފުލުހުންނާ މަޝްވަރާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޖަލަށް ވަގަށް ފޯނު ވައްދާ މައްސަލަ ހައްލު ކުރުމަށް ޓަކައި އިތުރު މައުލޫމާތު ހޯދަމުން އަންނަކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.

ނަމަވެސް އެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް އިތުރު ވަގުތު ނަގާނެ ކަމަށާއި އިތުރު ވަސީލަތްތައް ހޯދައި، ގާއިމްކޮށް ބައެއް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭކަން ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް