ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ބިދޭސީއެއްގެ އަތުން ފައިސާ ހޯދުމަށް ޑިމާންޑްކޮށް ފައިސާ ދީފި ނަމަ މައްސަލަ ކުރިއަށް ނުގެންދާނެ ކަމަށް ތުހުމަތުވި ފުލުސް މީހާއަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ ހާދިސާ ހިނގާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު 19 ވަނަ ދުވަހުއެވެ. ހަށިވިއްކުމުގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ބިދޭސީ މީހާ އަތޮޅުވެއްސަށް ގެންގޮސް އެއްލައްކަ ރުފިޔާ ދީފި ނަމަ އޭނާއަށް އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮށްލާނެ ކަމަށް ފުލުހަކު ބުނި ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.
ނަމަވެސް އޭނާގެ އަތުގައި އެވަގުތު ހުރީ 10،000 ރުފިޔާއެވެ. އަދި އެ ފައިސާ އޭނާގެ އަތުން އަތުލުމަށްފަހު އިތުރަށް 20،000 ރުފިޔާ ދިނުމަށް މަޖުބޫރުކޮށް އެކަމަށް އޭނާ އެއްބަސްވުމުން ބަންދުން ދޫކޮށްލި ކަމަށް ދައުވާގައި ބުނެފައިވެއެވެ.
އަތޮޅުވެހިން ދޫކޮށްލުމުން ކަން ހިނގައިދިޔަ ގޮތް އޭނާ ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. އަދި ހަމަ އެ ރޭ ފުލުސް މީހާއަށް އިތުރު ފައިސާ ހަވާލުކުރުމަށް ގޮސްފައިވަނީ ކުލަ ހެދުމުގައި ތިބި ފުލުހުން ގޮވައިގެންނެވެ.
އަމީނީ މަގު ދިރާގު ހެޑް އޮފީސް ކައިރީގައި ބިދޭސީ މީހާ ފައިސާ ހިފައިގެން ހުރިއިރު ފުލުސް މީހާ ދިޔައީ ކާރެއްގައެވެ. ނަމަވެސް ފައިސާއާ ހަވާލުވުމުގެ ކުރިން އެ ސަރަހައްދުން ކުލަ ހެދުމުގައި ތިބި ފުލުހުން ފެނުމުން އޭނާ ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.
އެކަން ސާބިތުކުރުމަށް ދައުލަތުން ގިނަ ހެކިތަކެއް ވެސް ހުށަހެޅިއެވެ. ނަމަވެސް މައްސަލަ ނިމުމުގެ ކުރިން ބިދޭސީ މީހާ ރާއްޖެ ދޫކޮށް ދިއުމުން އޭނާގެ ހެކިބަސް ނެގޭ ގޮތް ވަނީ ނުވެފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުސް މީހާގެ މައްޗަށް އުފުލީ ފޭރުމާއި ފޭރެން އުޅުނު ކަމުގެ ކުށުގެ ދައުވާއެވެ.
ނަމަވެސް ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ބިދޭސީމީހާގެ އަތުން ފޭރުނު ކަމާއި ފޭރެން އުޅުނުކަން ސާބިތުވާ ވަރަށް ހެކި ނެތުމެވެ.