ވެރިކަމަށް ވަޑައިގެންނެވުނު ގޮތް ރައީސް ޞާލިޙް ހަނދުމަފުޅު ބަހައްޓަވަން ޖެހޭ: ވައްޑެ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) --- ފޮޓޯ/ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް 2018 ވަނަ އަހަރު ވެރިކަން ލިބިވަޑައިގެންނެވި ގޮތް ހަނދުމަފުޅުބަހައްޓަވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ވެރިކަމަށް އަންނަތާ 18 މަސްދުވަސް ތެރޭ ނިޒާމާ ބެހޭ ވޯޓެއް ނެގުމަށް ކޯލިޝަނުން އެއްބަސްވި މެނިފެސްޓޯގައި ހިމަނާފައިވާކަމަށް، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. އަދި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެޕާޓީގެ މެމްބަރުން ގާތުވީ އެންމެ ބޮޑު ވައުދަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުން ކަމަށާއި، ނަމަވެސް އެ ވައުދު ނުފުއްދޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކަމަށް ރައްދު ދެއްވައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ފަހުން ވިދާޅުވީ ރައީސް ޞާލިޙްގެ މިދައުރުގައި، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން އެއްބަސްވެފައި ނެތް ކަމަށެވެ. އަދި، ސަރުކާރުން ތަންފީޒުކުރަމުން އަންނަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އާންމު ކުރި މެނިފެސްޓޯ ކަމަށާއި، އޭގައި ނިޒާމީ ވޯޓާ ގުޅޭ އެއްވެސް ވާހަކައެއް ނެތް ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ވައްޑެ "ސަން"އަށް ވިދާޅުވީ ސިޔާސަތުތައް އެކުލަވާލައި ރައްޔިތުންނަށް ވައުދުވާ ބަޔަކީ އެމްޑީޕީ ކަމަށާއި، އެޕާޓީއަކީ ވަކި އިންތިޒާމުތަކެއްގެ ދަށުން ހިންގާ ޕާޓީއެއް ކަމަށެވެ. އަދި "ޖަޒީރާ ރާއްޖެ" މެނިފެސްޓޯ ވެސް އެކުލަވާލާފައިވާނީ އެގޮތުގެ މަތީން ރައްޔިތުންގެ ޚިޔާލު ހޯދައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: އެމްޑީޕީ ޕީޖީ މެމްބަރުން --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އެމްޑީޕީ މެނިފެސްޓޯ އޭނީ އަދިވެސް ވެބްސައިޓުގަ. ދޮގު ހެދިދާނެ ދޯ ކޮންމެ ފަދަ ދޮގެއްވެސް. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ފައިސަލް ނަސީމްގެ ޕޯސްޓަރު މަތީގަވެސް އިނީ ޖަޒީރާ ރާއްޖެ. ހަމަ އެ ފޮންޓުގަ އެގޮތަށް ޖަހާފަ. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

މީގެއިތުރުން، ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީ ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ޖަލުގައި ތިއްބެވުމުން ކަމަށާއި، އެއީ ހުރިހާ ރައްޔިތުންވެސް ދަންނަ ހަގީގަތެއް ކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި ރައްޔިތުން ވޯޓު ދިނީ ރައީސް ޞާލިޙަށް ނޫން ކަމަށާއި، އެއީ ޕާޓީއަށް ތާއިދުކުރާ މީހުން އެޕާޓީގެ ކެންޑިޑޭޓަށް ދިން ވޯޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ފެންނަނީ ރައީސް ޞާލިޙް އެމަނިކުފާނުގެ ވައުދުފުޅާ ޚިލާފްވެވަޑައިގެން، ފާޅުކަން ބޮޑު ގޮތެއްގައި އިތުރުފުޅު ހައްދަވާ މަންޒަރު ކަމަށާއި، ރައީސް އޮފީހުގެ ތަރުޖަމާނަށް އެމްޑީޕީ އަކީ ކޮބައިކަން ވެސް އެނގިވަޑައިނުގަންނަވާނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.

1 ޑިސެންބަރ 2018 ގައި އެމްޑީޕީއިން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިއުވާންއަކަށް ނުވެސް އިނގޭނެ މިޕާޓީއެއް. މިއުވާންއަކީ މިޕާޓީގަ އެއްވެސް ހައިސިއްޔަތެއް އޮތް ބައެއް ވެސް ނޫން. އެބޭފުޅާއަށް އަންގާހާ ގޮތަކަށް ވިދާޅުވަނީ. ކޮންމެ ފަދަ ދޮގެއް ހަދަންވެސް ވިދާޅުވީމާ އެދޮގެއް ހަދަމުން ގެންދާނެ. އެކަމު ލިޔެ އާންމު ކޮށްފައި ހުރި ކަންކަމުގެ ވާހަކަ މި ދައްކަނީ. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

މިވާހަކަތަކަށް ރައްދު ދެއްވައި މިއުވާން މިއަދު "ސަން"އަށް ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީން އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވި ފަހުން ސިޔާސީ މަސްރަޙު އެނބުރިގެން ދިޔަ ގޮތާއި، ކޯލިޝަން ހެދި ކަމާއި، ކޯލިޝަން އިން އިންތިޚާބު ކާމިޔާބު ކުރިކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވާ އުސޫލުން ނިޒާމު ބަދަލުކުރުމުގެ އެއްވެސް ވާހަކައެއް ސަރުކާރުން ތަންފީޒުކުރާ ގޮތަށް އެ ޕާޓީއިން އާންމުކޮށްފައިވާ، ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއަކު ނެތެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ އިރު، އެކަމަށް ރައީސް ޞާލިޙް ތާއިދު ނުކުރައްވައެވެ.

comment ކޮމެންޓް