ނ. ލަންދުއާއި ށ. މަރޮށީ ހެލްތް ސެންޓަރުގައި އިމާރާތްކުރި އާ އިމާރާތްތައް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލް ހުޅުވައިދެއްވައިފިއެވެ.
ލަންދޫ ހެލްތް ސެންޓަރުގެ އާ އިމާރާތް ހުޅުވާފައި ވަނީ އިއްޔެއެވެ. މި އިމާރާތް ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގައި މަނަދޫ ދާއިރާގެ މެންބަރު އަޙުމަދު ހާރޫން އާއި، ލަންދޫގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި އަތޮޅު ހޮސްޕިޓަލްގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ލަންދޫ ހެލްތް ސެންޓަރުގެ އާ އިމާރާތް -- ފޮޓޯ/ ހެލްތް މިނިސްޓްރީ
މަރޮށީ ހެލްތް ސެންޓަރުގެ އާ އިމާރާތް ހުޅުވާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
މި އިމާރާތް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި މަރޮށީގެެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ހެލްތު ސެންޓަރުގެ އިސްވެރިންނާއި މުވައްޒަފުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައިއެވެ.
ލަންދޫ ހެލްތު ސެންޓަރުގެ އާ އިމާރާތް އެޅުމަށް ސަރުކާރުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި މަރޮއްޓަށް ސަރުކާރުގެ ބަޖެޓުން 3.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މަރޮށީ ހެލްތް ސެންޓަރުގެ އާ އިމާރާތް -- ފޮޓޯ/ ހެލްތް މިނިސްޓްރީ
ހެލްތު މިނިސްޓްރީއިން ބުނީ މި އިމާރާތުގެ ސަބަބުން ދެ ރަށުގެ ސިއްހީ ޚިދުމަތް އިތުރަށް ފުޅާވެގެން ދާނެ ކަމަށެވެ. އަދި މި އިމާރާތް ހުޅުވުމާ ގުޅިގެން ޕަބްލިކް ހެލްތު ޔުނިޓާއި އިދާރީ ހުރިހާ ބައެއް ވަނީ މި އިމާރާތްތަކަށް ބަދަލުކޮށްފައެވެ.