ޙަބީބާ ޙުސައިން ޙަބީބްގެ ތައުޒިޔާގެ ދަފުތަރުގައި ރައީސް ލިޔުއްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ޙަބީބާ ޙުސައިން ޙަބީބްގެ ތައުޒިޔާގެ ދަފުތަރުގައި ލިޔުއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ދިވެހިބަހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވި ނިޝާން ދިޔަމިގިލީ އިއްޒަތުގެ ވެރިޔާ، އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބްގެ ތައުޒިޔާގެ ދަފުތަރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ލިޔުއްވައިފިއެވެ.

ތައުޒިޔާގެ ދަފުތަރުގައި ރައީސް ލިޔުއްވި ބަޔާނުގައި ވަނީ، ޙަބީބާ އަވަހާރަވުމަކީ ވަރަށް ގިނަ ގޮތްގޮތުން ދިވެހި ގައުމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ދިވެހި ދައުލަތަށް އެކަމަނާ ޚިދުމަތްކުރެއްވި 49 އަހަރަށް ވުރެ ދިގު މުއްދަތުގައި ދައްކަވާފައި ވަނީ، މަސައްކަތަށް ކަމޭ ހިއްތެވުމާއި، ދިވެހި ދައުލަތަށް އިޚްލާސްތެރިވުމާއި، ސަރުކާރަށް ވަފާތެރިވުމުގައި ވަރަށް މަތިވެރި ނަމޫނާއެއްކަމުގައިވެސް ރައީސްގެ ބަޔާނުގައި ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން ލިޔުންތެރިކަމުގެ ރޮނގުންނާއި ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީޚަށް ޙަބީބާ ކުރެއްވި ޚިދުމަތްތަކުގެ އިތުރުން، ދިވެހިރާއްޖޭގައި ލައިބްރަރީގެ ޚިދުމަތް ތަރައްގީ ކުރައްވައި، ފުޅާ ކުރެއްވުމުގައި ޙަބީބާ އަދާކުރައްވާފައި ވަނީ ޝުކުރުވެރިވުން ހައްގު ދައުރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ، ޙަބީބާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށާއި، އެކަމަނާގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދިވަޑައިގެން ދުއާ ދަންނަވާފައެވެ.

ޙަބީބާ އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިދިޔަ މަހުގެ 21ވަނަ ދުވަހުގެ ހަވީރު އޭޑީކޭ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.

ޙަބީބާ އަވަހާރަވުމާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީގައި އެކަމަނާގެ ތައުޒިޔާގެ ދަފުތަރެއް ހުޅުވީ މިދިޔަ ހޯމަ ދުވަހުއެވެ.

https://sun.mv/171009

ޙަބީބާގެ ތައުޒިޔާގެ ދަފުތަރު ހުޅުވައިދެއްވައި އެންމެ ފުރަތަމަ ލިޔުއްވީ މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޙަބީބާ ޙުސައިން ޙަބީބްގެ ތައުޒިޔާގެ ދަފުތަރުގައި ލިޔުއްވާފަ --- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ބުރާސްފަތި ދުވަހު ނައިބު ރައީސް ފައިސަލް ނަސީމް ޙަބީބާގެ ތައުޒިޔާގެ ދަފުތަރުގައި ލިޔުއްވާފައިވާއިރު މިއަދު ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވެސް ވަނީ ޙަބީބާގެ ތައުޒިޔާގެ ދަފުތަރުގައި ލިޔުއްވައިފައެވެ.

https://sun.mv/171286

ޙަބީބާގެ ތައުޒިޔާގެ ދަފުތަރުގައި ލިޔުމަށް ހުޅުވާލާފައި ވަނީ، ކުރިއަށް އޮތް ހަފުތާގެ ނިޔަލަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00އިން ފެށިގެން މެންދުރު 14:00އަށް ދިވެހި ބަހުގެ އެކަޑަމީގައެވެ.

ޙަބީބާ، ފުރަތަމަ އަދާކުރެއްވީ މަދްރަސަތުއް ސަނިއްޔާގެ މުއާވިނާކަމެވެ. އޭގެފަހުން، ދެ ނަންބަރު މުދައްރިސާ ކަމާއި، ޚާއްސަ މުދައްރިސްކަމާއި، މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ސެކްރެޓަރީ ކަމާއި، ވޯލްޑް ހެލްތު އޯގަނައިޒޭޝަނާބެހޭ ބައިގެ ސެކްރެޓަރީކަން ކުރައްވާފައިވެއެވެ.

ސަރުކާރުގެ ޚިދުމަތުގައި އެންމެ ގިނަދުވަހު ޙަބީބާ މަސައްކަތްޕުޅު ކުރައްވާފައިވަނީ ގައުމީ ކުތުބުޚާނާގައެވެ. އެގޮތުން 29 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ގައުމީ ކުތުބުޚާނާގައި ޚިދުމަތް ކުރެއްވިއިރު، ތަފާތު މަގާމުތައް ފުރުއްވިއެވެ.

ޙަބީބާ އަކީ، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެ ކަމަނާއަކީ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ގައުމީ މަރުކަޒަށް ލަފާދޭ މަޖިލީހުގެ މެންބަރުކަމާއި، ތާރީޚު ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ހަމައެހެންމެ، ގަރުނު ފޮތް ލިޔުމުގައި ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެއިތުރުން، ސްކޫލް ކުދިންނަށް ތާރީޚާބެހޭ މައުލޫމާތު ދެއްވައި، ރޭޑިއޯ މެދުވެރިކުރައްވައި ތާރީޚާއި ސަގަފަތާބެހޭ މައުލޫމާތު އިނގިރޭސިބަހުން ދެއްވިއެވެ.

ލިޔުންތެރިކަމުގެ މަސައްކަތް ޙަބީބާ ފެއްޓެވީ 1954 ވަނަ އަހަރުއެވެ. އެ މަސައްކަތް ފެށިގެން އައީ އެ އަހަރު ނުކުތް "މުންނާރު" ނޫހުންނެވެ. އޭގެފަހުން 1958 ވަނަ އަހަރު "ވިޔަފާރި މިއަދު"ންނެވެ. މިނޫނަސް އެދުވަސްވަރު ނުކުތް ވަރަށް ގިނަ ނޫސް މަޖައްލާތަކުގައި ޙަބީބާގެ ލިޔުއްވުންތައް ޝާއިއު ކޮށްފައިވެއެވެ. އެކަމަނާ ވަނީ ވަރަށް ގިނަ ވާހަކަތައް ލިޔުއްވައި ވަރަށް ގިނަ ވާހަކަތައް ތަރުޖަމާ ވެސް ކުރައްވާފައެވެ.

ޙަބީބާއަށް ވަނީ ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު، 2007 ވަނަ އަހަރު ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު، 1981 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ.

އެކަމަނާއަށް "މިނިވަން 25"ގެ އިނާމު ވެސް ވަނީ ލިބިވަޑައިގެންފައެވެ. މީގެއިތުރުން، "ނޫސްވެރިކަމުގެ ރަން ގަލަން" ވެސް އެ ކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ. ޙަބީބާއަށް "ނިޝާން ދިޔަމިގިލީގެ ޝަރަފްގެ އިއްޒަތް" އެރުވީ، 2011 ވަނަ އަހަރުގެ މިނިވަން ދުވަހުއެވެ.

comment ކޮމެންޓް