އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބްގެ ތައުޒިޔާގެ ދަފްތަރު ހުޅުވައިފި

ޙަބީބާ ޙުސައިންގެ ތައުޒިޔާ ދަފުތަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ދިވެހި ބަހުގެ އެކަޑަމީ

ދިވެހިބަހަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވި ނިޝާން ދިޔަމިގިލީ އިއްޒަތުގެ ވެރިޔާ، އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބްގެ ތައުޒިޔާގެ ދަފުތަރު މިއަދު ހުޅުވައިފިއެވެ.

ޙަބީބާ އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިދިޔަ ހޯމަ ދުވަހުގެ ހަވީރު އޭޑީކޭ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.

ދިވެހިބަހުގެ އެކެޑަމީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޙަބީބާގެ ތައުޒިޔާގެ ދަފުތަރު ހުޅުވައިދެއްވައި އެންމެ ފުރަތަމަ ލިޔުއްވީ މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.

އެ ރަސްމިއްޔާތުގައި ދިވެހިބަހުގެ އެކެޑަމީގެ އިސްވެރިންނާއި ގައުމީ ކުތުބުހާނާގެ އިސްވެރިންނާއި ހެރިޓޭޖެ މިނިސްޓްރީގެ އިސްވެރީންގެ އިތުރުން ޙަބީބާގެ އާއިލާ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޙަބީބާގެ ތައުޒިޔާގެ ދަފުތަރުގައި ލިޔުމަށް ހުޅުވާލާފައި ވަނީ، ކުރިއަށް އޮތް ދެ ހަފުތާގެ ނިޔަލަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00އިން ފެށިގެން މެންދުރު 14:00އަށް ދިވެހި ބަހުގެ އެކަޑަމީގައެވެ.

ޙަބީބާ ޙުސައިންގެ ތައުޒިޔާ ދަފުތަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ދިވެހި ބަހުގެ އެކަޑަމީ

ޙަބީބާ، ފުރަތަމަ އަދާކުރެއްވީ މަދްރަސަތުއް ސަނިއްޔާގެ މުއާވިނާކަމެވެ. އޭގެފަހުން، ދެ ނަންބަރު މުދައްރިސާ ކަމާއި، ޚާއްސަ މުދައްރިސްކަމާއި، މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ސެކްރެޓަރީ ކަމާއި، ވޯލްޑް ހެލްތު އޯގަނައިޒޭޝަނާބެހޭ ބައިގެ ސެކްރެޓަރީކަން ކުރައްވާފައިވެއެވެ.

ސަރުކާރުގެ ޚިދުމަތުގައި އެންމެ ގިނަދުވަހު ޙަބީބާ މަސައްކަތްޕުޅު ކުރައްވާފައިވަނީ ގައުމީ ކުތުބުޚާނާގައެވެ. އެގޮތުން 29 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ގައުމީ ކުތުބުޚާނާގައި ޚިދުމަތް ކުރެއްވިއިރު، ތަފާތު މަގާމުތައް ފުރުއްވިއެވެ.

ޙަބީބާ އަކީ، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެ ކަމަނާއަކީ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ގައުމީ މަރުކަޒަށް ލަފާދޭ މަޖިލީހުގެ މެންބަރުކަމާއި، ތާރީޚު ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ހަމައެހެންމެ، ގަރުނު ފޮތް ލިޔުމުގައި ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެއިތުރުން، ސްކޫލް ކުދިންނަށް ތާރީޚާބެހޭ މައުލޫމާތު ދެއްވައި، ރޭޑިއޯ މެދުވެރިކުރައްވައި ތާރީޚާއި ސަގަފަތާބެހޭ މައުލޫމާތު އިނގިރޭސިބަހުން ދެއްވިއެވެ.

ޙަބީބާ ކިޔަވާ ވިދާޅުވީ، ހައިދަރުއާބާދުންނާއި، ސްރީލަންކާއިންނެވެ. ރާއްޖޭގެ ތާރީޚަށް ސަމާލުކަން ދެއްވައި، ތާރީޚުގެ ތެރެއަށް އެ ކަމަނާ ވެދެވަޑައިގެންނެވީ، 1955ން ފެށިގެން އައި އަހަރުތަކުގައި މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލްގެ މުދައްރިސާއެއްގެ ވަޒީފާގައި ހުންނެވި ދުވަސްވަރު، ތާރީޚު އުނގަންނަވައިދެއްވަން ފެއްޓެވުމާ ހިސާބުންނެވެ.

ލިޔުންތެރިކަމުގެ މަސައްކަތް، ޙަބީބާ ފެއްޓެވީ 1954 ވަނަ އަހަރުއެވެ. އެ މަސައްކަތް ފެށިގެން އައީ އެ އަހަރު ނުކުތް "މުންނާރު" ނޫހުންނެވެ. އޭގެފަހުން 1958 ވަނަ އަހަރު "ވިޔަފާރި މިއަދު"ންނެވެ. މިނޫނަސް އެދުވަސްވަރު ނުކުތް ވަރަށް ގިނަ ނޫސް މަޖައްލާތަކުގައި ޙަބީބާގެ ލިޔުއްވުންތައް ޝާއިއު ކުރައްވާފައިވެއެވެ.

"އަދަބީ ޝުއޫރު" އާއި، "ޖިންސުއްލަތީފް" އާއި، "ހުވަނދު" އާއި، "މޫންލައިޓް" އާއި،"އަމާޒު" އާއި، "ހިޔަލަ" ފަދަ ނޫސް މަޖައްލާތަކަށް ޙަބީބާ ލިޔުއްވާފައިވެއެވެ. އަދި 1980 ވަނަ އަހަރުން ފެށިގެން "ފަތްތޫރަ" މަޖައްލާއަށް ލިޔުއްވަމުން ގެންދެވިއެވެ. ޙަބީބާ ވަނީ ވަރަށްގިނަ ވާހަކަތައް ލިޔުއްވާފައެވެ. އަދި ވަރަށް ގިނަ ވާހަކަތައް ތަރުޖަމާ ވެސް ކުރައްވާފައެވެ.

ބޮޑުތަކުރުފާނު ވާހަކައިން މައުލޫމާތު ހޯއްދަވައި "މުޙައްމަދު ތަކުރުފާނު ދަ ގްރޭޓް"ގެ ނަމުގައި އެ ތަކުރުފާނުގެ ހަޔާތްޕުޅާ ބެހޭގޮތުން އިނގިރޭސިބަހުން ޙަބީބާ ވަނީ ފޮތެއް ލިޔުއްވާފައެވެ. އަދި "ދިވެހި ތާރީޚަށް އަވަސް ކަޅިއެއް" މިނަމުގައި ދިވެހިބަހުން ތާރީޚު ފޮތެއް އެކުލަވައިލައްވާފައިވެއެވެ.

މީގެއިތުރުން، "އިސްލާމީ ތާރީޚު 1" އާއި، "އިސްލާމީ ތާރީޚު 2" ވަނީ އެކިއެކި ދިރާސާ ކުރެއްވުމަށްފަހު، އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާ ކުރައްވައި ނިންމަވާފައެވެ. އަދި "ފޯކްލޯ"އާ ބެހޭގޮތުން އެކި މަޒުމޫނުތައް ވަނީ ލިޔުއްވާފައެވެ.

ޙަބީބާއަށް ވަނީ ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމު، 2007 ވަނަ އަހަރު ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު، 1981 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ.

އެކަމަނާއަށް "މިނިވަން 25"ގެ އިނާމު ވެސް ވަނީ ލިބިވަޑައިގެންފައެވެ. މީގެއިތުރުން، "ނޫސްވެރިކަމުގެ ރަން ގަލަން" ވެސް އެ ކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ. ޙަބީބާއަށް "ނިޝާން ދިޔަމިގިލީގެ ޝަރަފްގެ އިއްޒަތް" އެރުވީ، 2011 ވަނަ އަހަރުގެ މިނިވަން ދުވަހުއެވެ.

comment ކޮމެންޓް