ފަގީރުކަމުން ބޯޅައެއް ނުގަނެވުނު ޕެލޭ ފުޓުބޯޅައިގެ ރަސްކަމަށް ކުރި ދަތުރު

ޕެލޭ --

1940 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ބްރެޒިލްގެ މިނަސް ޖެރައިސްއަށް ނިސްބަތްވާ ފަގީރު އާއިލާއަކަށް އުފަން އެޑްސަން އަރާންޓޭޒް ޑޯ ނަސިމެންޓޯ ނުވަތަ އާންމު ނަމުންނަމަ ޕެލޭ އަކީ، ދައްޗާއި ވޭނާ ތުރާލުން އަރައިގަނެ، ތަނަވަސްކަމާއި، އަރާމާއި އުފާ ހޯދާ، އެތައް ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ ޝަހްސެކެވެ.

ޕެލޭގެ ބައްޕަ ޖާއޮ ރާމޮސް ޑޮ ނަސިމެންޓޯ އަކީވެސް ޕްރޮފެޝަނަލް ފެންވަރުގައި ފުޓުބޯޅަ ކުޅުނު މީހެއް ނަމަވެސް، އޭނާގެ ކެރިއަރުގައި މާބޮޑު ކާމިޔުާބީތަކެއް ހޯދިފައި ނުވާއިރު، އާއިލާއާއި ގޭތެރޭގެ ޚަރަދު ބެލެހެއްޓޭ މިންވަރަށް ފައިސާއެއް ނުލިބެއެވެ.

ޕެލޭގެ ހަޔާތުގެ ވާހަކަތައް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޕެލޭ ކުޑައިރު، ބޯޅައެއް ގަންނަން އެދުމުންވެސް އޭނާގެ އާއިލާއަށް އެ މިންވަރުވެސް ފުއްދައި ދެވިފައެއް ނުވެއެެވެ. އެހެންނަމަވެސް ފުޓުބޯޅަ ކުޅުމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން، ޕެލޭ ވަނީ އަމިއްލަ ގޮތަކަށް ބޯޅައެއް ހަދާފައެވެ.

އެގޮތުން ބައިވަރު އިސްޓާކީނުތަކެއް އެއްކޮށް، އެއް އިސްޓާކީނު ތެރެެއަށް އަނެއް އިސްޓާކީނު ލައިގެން، އެގޮތަށް ބޯޅަ ބޮޑުކުރަމުން ގޮސް، ކުޅެވޭ މިންވަރަށް ބޯޅައިގެ ސައިޒު ދަންދެން ޕެލޭ އިސްޓާކީނު އެއްކުރިއެވެ.

އާއިލާގެ ތަނަވަސްކަން ނެތުމުން އިތުރު އާމްދަނީއެއް ހޯދުމަށް ޕެލޭ ވަނީ "ޓީ ސްޓޯލް" ތަކުގައި ނޯކަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އެކަމުން ލިބޭ ފައިސާގެ ކޮންމެވެސް މިންވަރެއް އެއްކޮށްލައިގެން، ފުޓުބޯޅަ ކުޅުމުގެ ކަންކަމަށް ޕެލޭ ހޭދަކޮށްފައިވެއެވެ.

މަޑުމަޑުން ފުޓުބޯޅަ ކެރިއަރެއް ފެށުމަށް ކުރަމުން އައި މަސައްކަތުގައި ޕެލޭ ވަނީ ބްރެޒިލްގެ ދަށް ޑިވިޝަނުގެ ބައެއް ކުލަބުތަކަށް ކުޅޭފައެވެ.

ކެރިއަރު ބިނާކުރުމަށް ކުރަމުން އައި މަސައްކަތުގައި ޕެލޭއަށް ކާމިޔާބު ލިބެން ފެށީ ބައުރޯ އެތުލެޓިކް ކްލަބް ޖޫނިއާސްއަށް ކުޅެންފެށި ހިސާބުންނެވެ. ޓީނޭޖް އުމުރުގައި ޕެލޭ ވަނީ އެ ޓީމާއެކު ދެ ފަހަރަށް ސައޮ ޕައުލޯ ސްޓޭޓް ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ. އަދި އެއަށްފަހު އިންޑޯ ފުޓުބޯޅަ ޓީމެއް ކަމަށްވާ ރޭޑިއަމްއަށް ވެސް ޕެލޭ ކުޅުނެވެ.

ސީނިއާ ފުޓުބޯޅަ ކެރިއަރު ފެށުމަށް ޕެލޭއަށް އެންމެ ބޮޑު އެހީތެރިކަމެއްވީ ބައުރޯ އެތުލެޓިކް ކްލަބް ޖޫނިއާސްގައި އޭނާއަށް އިރުޝާދުދިން ކޯޗު، ބްރިޓޯ އެވެ.

1956 ވަނަ އަހަރުގެ ތެރޭގައި ބްރިޓޯ ވަނީ ޕެލޭ ގޮވައިގެން ބްރެޒިލްގެ ސަންޓޯސްއަށް ގޮސް، ސަންޓޯސް އެފްސީގެ ވެރިންނާ ވާހަކަދައްކައި، އެ ޓީމުން ޕެލޭއަށް ފުރުސަތު ހޯދައިދޭން މަސައްކަތް ކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން ބްރިޓޯ ވަނީ އެ ކުލަބުގެ ވެރިންގެ ގާތުގައި، ޕެލޭ އަކީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށް ވާނެ ކުޅުންތެރިއެއް ކަމަށް ބުނެފައެވެ.

ޕެލޭ --

ބްރިޓޯއަށް ކުރި އިތުބާރާއެކު ޕެލޭއަށް ޓީމުގެ ޓްރަޔަލްއިން ފުރުސަތު ދިންއިރު، ޓްރަޔަލްގައި ޕެލޭ ވަނީ ޓީމުގެ ކޯޗު، ލޫލާ ހައިރާންކޮށް، އަންތަރީސް ކޮށްލާފައެވެ. މިއާއެކު ޓީމުގެ ކޮންޓްރެކްޓުގައި ހަމަ އެ އަހަރު ޕެލޭ ސޮއިކުރިއިރު، ކެރިއަރުގެ ބޮޑުބައި އޭނާ ނިންމާލީ ސަންޓޯސް އެފްސީގައެވެ. އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޕެލޭ ކޮންޓްރެކްޓުގައި ސޮއިކުރިއިރު، އޭނާ އެ ޓީމުގެ ޖާޒީގައި އެންމެ ފުރަތަމަ މެޗެއް ކުޅުނީ، އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. ބްރެޒިލްގެ ކޮރިންތިއަންސް ޑި ސަންޓޯ އަންދްރޭއާ ދެކޮޅަށް ކުޅުނު މި މެޗު 1-7 އިން ސަންޓޯސް އެފްސީ ކާމިޔާބު ކުރިއިރު، އެ މެޗުގައި ޕެލޭ ވަނީ ލަނޑު ޖަހާފައެވެ. އެއީ އޭނާގެ އުމުރުން 15 އަހަރުގައެވެ.

ޖެހިގެން އައި 1957 ވަނަ އަހަރު ސަންޓޯސް އެފްސީން ކުޅޭ މެޗުތަކުގެ ފުރަތަމަ 11 އިން ޕެލޭއަށް ޖާގަ ކަށަވަރުވެފައި ވާއިރު، އެ އަހަރު ބްރެޒިލް ލީގުގެ ޓޮޕް ސްކޯރާ އަކީ ވެސް ޕެލޭ އެވެ. ސީނިއާ ކެރިއަރުގައި ކުޅެން ފެށިތާ 10 މަސް ދުވަސް ތެރޭގައި ޕެލޭއަށް ބްރެޒިލްގެ ގައުމީ ޓީމުން ޖާގަ ލިބުނުއިރު، ޔޫރަޕުގެ މުއްސަނދި ކުލަބުތަކުން ވަނީ ޕެލޭގެ ސޮއި ހޯދަން މަސައްކަތް ކޮށްފައެވެ.

ޕެލޭ --

ސަންޓޯސްއާއެކު ހޭދަކުރި 19 އަހަރުގެ ތެރޭގައި ޕެލޭ ވަނީ ރަސްމީ މެޗުތަކުގައި އެ ޓީމަށް 643 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ސަންޓޯސްއިން ބުނާ ގޮތުގައި އެކުވެރި ކަމުގެ މެޗުތަކުގައި ޕެލޭ ޖަހާފައިވާ ލަނޑުތަކާއެކު މި އަދަދު 1000 އަށްވުރެ މައްޗަށް އަރާނެއެެވެ.

ސަންޓޯސްއާއެކު ޕެލޭ ވަނީ ހަ މުބާރާތަކުން 25 ތަށްޓެއް ކާމިޔާބު ކޮށްފައެވެ.

ސަންޓޯސްއަށްފަހު ފުޓުބޯޅަ ކުޅުން ހުއްޓާލުމުގެ ކުރިން ޕެލޭ ވަނީ އެމެރިކާގެ ނިއުޔޯކް ކޮސްމޯސްއަށް ދެ އަހަރުގެ މުއްދަތެއްގައި ކުޅެފައެވެ. އެ ކުލަބާއެކު ހޭދަކުރި ދެ އަހަރުގެ ތެރޭގައި 37 ލަނޑު އޭނާ ޖަހާފައިވެއެވެ. އަދި އެ ޓީމާއެކު ދެ މުބާރާތެއްގެ ތަށި އުފުލާލާފައިވެއެވެ.

1957 ވަނަ އަހަރުން ފެށިގެން 1971 ވަނަ އަަހަރާ ދެމެދު ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެދިން 97 މެޗުގެ ތެރޭގައި އެ ޓީމަށް 77 ލަނޑު އޭނާ ކާމިޔާބު ކޮށްދީފައިވެއެވެ.

އުމުރުން 82 އަހަރުގައި މުޅި ފުޓުބޯޅަ އާއިލާ ރޮއްވާލުމަށްފަހު ޕެލޭ މަރުވިއިރު، އޭނާ އަކީ ފުޓުބޯޅައިގައި އެތައް ޝަރަފަކާއި ފަހުރެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. ހުރަސްތަކާއި އަޑިގުޑަންތައް ގިނަ މަގަކުން ކުރި ދަތުރު ޕެލޭ ނިންމާލީ، މި ކުޅިވަރުގެ އެންމެ ކާމިޔާބު، އެންމެ ހައިބަތު ބޮޑު، އެންމެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައެވެ.

comment ކޮމެންޓް