ޚަރަދުކުޑަކުރަން މަސައްކަތްތައް ހުއްޓާނުލެވޭނެ، އޮތް ގޮތަކީ ބަޖެޓު ލީކޭޖު ހުއްޓުވުން: ނާޝިޒް

ނޮވެމްބަރ 5، 2019: އަންނަ އަހަރަ(2020)އަށް ލަފާކުރާ ދައުލަތުގެ ބެޖެޓު ދިރާސާކުރާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުން ކުރާ ޚަރަދުތައް ކުޑަކުރުމަށް ޓަަކައި އުމްރާނީ ތަރައްގީއާއި ރައްޔިތުންނާ ގުޅުންހުރި މަސައްކަތްތައް ހުއްޓާލުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތ. ކިނބިދޫ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓާއި ޚަރަދުތަކާ ގުޅޭގޮތުން މިއަދު "ސަން"އާ ވަހަކަދައްކަވަމުން ނާޝިޒް ވިދާޅުވީ އެ ކޮމިޓީން ބަޖެޓާއި ޚަރަދުތަކާ ގުޅޭގޮތުން މުހިންމު ދިރާސާތައް ކުރަމުން އަންނަކަމަށެވެ.

އެގޮތުން ބަލާއިރު ޚަރަދުކުޑަކުރަން، ރައްޔިތުންނާ ގުޅުންހުރި މަސައްކަތްތައް ހުއްޓައިފިނަމަ ގެއްލުންތަކާ ކުރިމަތިވާނެކަމަށާއި އޭގެ ބަދަލުގައި މަސައްކަތްކުރަން ޖެހޭނީ ބަޖެޓު ލީކޭޖު ނުވަތަ ބަޖެޓުން ކުރާ ބޭކާރު ޚަރަދުތައް މަދުކުރުންކަމަށެވެ.

"ޚަރަދު ކުޑަކުރީމާ އޭގެ އެހެންކަހަލަ ނެގެޓިވް އިފެކްޓްސް ވަރަށް ބައިވަރު އަންނާނެ. މިސާލަކަށް، ޕްރޮޖެކްޓުތައް ހުއްޓާލީ. ހުއްޓާލައިފިއްޔާ ރާއްޖޭގައި މަސައްކަތްކުރާ އެތައް ބައެއްގެ މަސައްކަތްތައް ހުއްޓޭނެ. އެއީ އިކޮނޮމީ ޝްރިންކުވާނެ ކަމެއް. މީގައި މުހިންމު ކަމަކަށްވާނީ ޕްރޮޖެކްޓުތައް ކުރިއަށް ގެންދެވޭނެ އެއަށް ބޭނުންވާ ކޭޝްފްލޯއެއް ދައުލަތުގެ ތެރެއިން ހަމަޖެހުން،" ނާޝިޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ވެސް މަސައްކަތްކުރަނީ މަޝްރޫތައް ކުރިއަށް ގެންދިއުމަށްކަމަށެވެ.

ހަމައެއާއެކު ބަޖެޓު ލީކޭޖު ކުޑަކުރުމާ ގުޅޭގޮތުން ވާހަަކަދައްކަވަމުން ނާޝިޒް ވިދާޅުވީ މިހާރު ވެސް ސަރުކާރުގެ އެކި ސްކީމްތަކުގެ ތެރެއިން ބޭކާރު ޚަރަދުތައް ކުރަމުން އަންނަކަމަށެވެ.

އެގޮތުން އާސަންދައިން ހިލޭ ބޭސްފަރުވާ ލިބޭއިރު، އެއް ކަމެއްގައި ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ހިލޭ އެ ޚަރަދު ހަމަޖެހުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ.

"ވަރަށް ބަައިވަރު ޑުޕްލިކޭޓު ޚަރަދުތައް އެބަ ހިނގާ. އެއް ކަމެއްގައި އެއް ޑޮކްޓަރަށް ދައްކައި އެއް ބޭސްތަކެއް ނެގުމަށްފަހު އޭގެ އަސަރު ނުފެނުމުން ހަމަ އެ ބޭސް އެބަ ހޯދާ އެހެން ޑޮކްޓަރަކަށް ދައްކައިގެން ހިލޭ. ރަނގަޅު އުސޫލަކުން މި ކަން ކުރިއަށްދާނަމަ ވަރަށް އެފިޝަންޓްވާނެ،" ނާޝިޒް ވިދާޅުވިއެވެ.

އެއާއެކު ސަރުކާރު މުވައްޒަފުންނާއި ސިވިލް ސާވަންޓުންގެ މުސާރަ ކުޑަކޮށްގެން ޚަރަދުކުޑަކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަދި އިސްކަން ދޭންވީ ޚަރަދުތައް ކުޑަކުރުމަށްވުރެ ބަޖެޓު އެންމެ ފައިދާހުރި ގޮތަށް ބޭނުންކުރުންކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް