ފުޓުބޯޅައިގެ ރަސްގެފާނު ޕެލޭ މަރުވެއްޖެ

ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިސްބަތްކުރެވޭ އެޑާސަން އަރަންޓޭޒް ޑޯ ނަސިމެންޓޯ ނުވަތަ އާންމު ނަމުންނަމަ ޕެލޭ މަރުވެއްޖެއެވެ.

އުމުރުން 82 އަހަރުގެ ޕެލޭ މަރުވީ، ގޮހޮރުގެ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުންނެވެ. އޭނާއަށް ކެންސަރު ޖެހިފައިވާކަން ދެނެގަނެވުނީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.

ހުސްވި ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ޕެލޭގެ ހާލު ދެރަވެ ހޮސްޕިޓަލުގައި ވަނީ އެޑުމިޓުވެސް ކޮށްފައެވެ. އޭނާ އެޑްމިޓު ކުރީ، މުޅި ހަށިގަނޑު ދުޅަވެ، މުޅި ގައިގައި ރިއްސާސީ ޑޮކްޓަރަށް ދެއްކުމުންނެވެ. އެޑްމިޓު ކުރުމަށްފަހު ޕެލޭގެ ޓެސްޓުތައް ހެދިއިރު، އެ ޓެސްޓުތަކުގެ ނަތީޖާއިން، ޕެލޭގެ ހިތުގެ ހިނގުން ވަރަށް ބޮޑަށް ދައްވެފައިވާކަމާއި، ކެންސަރަށް ފަރުވާ ހޯދުމަށް ދެމުން ގެންދިޔަ ކީމޮތެރަޕީ ޓްރީޓްމަންޓުން އެއްވެސް ހެޔޮ އަސަރެއް ނުކުރާކަން ދެނެގަނެވުނެވެ.

މިއާއެކު މި މަހުގެ ތިންވަނަ ދުވަހު ސައޮ ޕައުލޯގެ އެލްބަޓް އެއިންސްޓައިން ހޮސްޕިޓަލުން ވަނީ، ޕެލޭ ޕެލިއޭޓިވް ކެއާއަށް ބަދަލުކޮށްފައެވެ. ޕެލިއޭޓިވް ކެއާ އަށް ބަދަލު ކުރުމުގެ މާނައަކީ، ބައްޔަށް ދޭނެ އިތުރު ފަރުވާއެއް ނެތުމުން، ހަށިގަނޑުގައި އަޅާ ވޭން ކުޑަކުރުމަށް، މަރުވަންދެން ބެހެއްޓުމަށް ކިޔާ ނަމެކެވެ.

މިކަން މީޑިއާއަށް ތިލަވުމާއެކު ޕެލޭ ވަނީ އޭނާގެ ސަޕޯޓަރުންނަށް، މީސްމީޑިއާގައި ހާއްސަ މެސެޖެއްދީ ވީޑިއޯއެއް ހިއްސާކޮށްފައެވެ.

މި ވީޑިއޯގައި ޕެލޭ ބުނީ، އޭނާއަށް 80 އަށްވުރެ ގިނަ އަހަރު ދުނިޔޭގައި އުޅުމުގެ ފުރުސަތު ލިބުނީތީ އަދި މަރުވުމުގެ ކުރިން އޭނާގެ ސަޕޯޓަރުންނާއި އޭނާ ދެކެ ލޯބިވާ މީހުންނާ މުހާތަބުކޮށް ޝުކުރު އަދާކުރުމުގެ ފުރުސަތު ލިބުން އެއީ ޝުކުރުވެރިވާ ކަމެއް ކަމަށެވެ.

މިރޭގެ ވަގުތެއްގައި ޕެލޭ މަރުވެފައިވާއިރު، އޭނާގެ ހާލަތު އިތުރަށް ގޯސްވާން ފެށުމުން، އޭނާގެ މުޅި އާއިލާ ވަނީ ހުސްވި ހަފްތާގެ ތެރޭގައި ހޮސްޕިޓަލަށް، ޕެލޭގެ ގާތަށް އައިސްފައެވެ.

ފުޓުބޯޅައިގެ ދިގު ތާރީޚުގައިވެސް، އެފަދަ ދެވަނަ ކުޅުންތެރިއަކު ނުފެންނަ ކަމަށް ފުޓުބޯޅަ މާހިރުން ބުނާ ޕެލޭ އުފަންވީ 1940 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ޕެލޭ އަކީ އޭނާ ފުޓުބޯޅަ ކުޅުނު ދުވަސްވަރުގައި، އެންމެ މަގުބޫލު، އެންމެ އަގުބޮޑު ކުޅިވަރު އެތުލީޓެވެ.

ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕް ފަސް ފަހަރަށް ކާމިޔާބު ކޮށްފައިވާ ބްރެޒިލްއިން އެ މުބާރާތް ތިން ފަހަރަށް ކާމިޔާބު ކުރީ ޕެލޭގެ މުހިންމު ދައުރަކާ އެކުއެވެ.

ބްރެޒިލް އިން 1995 ވަނަ އަހަރު މިނިސްޓްރީ އޮފް ސްޕޯޓްސް ވުޖޫދުކުރުމާއެކު، އެ ވުޒާރާގެ ވަޒީރުގެ މަގާމާއި އެންމެ ފުރަތަމަ ހަވާލުވީ ޕެލޭ އެވެ.

ޕެލޭ މަރުވިއިރު އޭނާގެ ހަތް ކުދިން އެބަތިއްބެވެ. އޭނާ ވަނީ ޖުމްލަ ތިން ކައިވެންޏެއް ކޮށްފައެވެ. އެންމެފަހުން ޕެލޭ މީހަކާ އިނީ 2016 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެއީ އޭރު އުމުރުން 41 އަހަރުގެ މާޝިއާ އަޔޯކީ ނަމަކަށް ކިޔާ ޖަޕާނު ދަރިކޮޅުގެ ބްރެޒިލް ރައްޔިތަކާއެވެ.

ޕެލޭ މަރުވުމާ ގުޅިގެން މުޅި ފުޓުބޯޅަ ދުނިޔެއަށް ސިހުން ގެނުވާފައިވާއިރު، މަޝްހޫރު އެތައް ކުޅިވަރު ޝަހްސިއްޔަތަކުން އަންނަނީ ޕެލޭގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

comment ކޮމެންޓް