ޕެލޭއަށް ދޭނެ ފަރުވާއެއް ނެތިގެން އުއްމީދު ކަނޑާލައިފި

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، އަދި ބްރެޒިލްގެ ލެޖެންޑް، އެޑްސަން އަރާންޓޭޒް ޑޮ ނަސިމެންޓޯ ނުވަތަ އާންމު ނަމުންނަމަ ޕެލޭއަށް، ދޭނެ އިތުރު ފަރުވާއެއް ނެތި އުއްމީދު ކަނޑާލައިފިއެވެ.

ޕެލޭ އަކީ ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ. އޭނާއަށް ކެންސަރު ޖެހުނުކަން ދެނެގަނެވުނީ، 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ.

އުމުރުން 82 އަހަރުގެ ޕެލޭ އެ ދުވަހުން ފެށިގެން ކެންސަރަށް ފަރުވާ ހޯދުމަށް ކީމޯ ތެރަޕީ ހަދަމުން އަންނައިރު، ހާލު ދެރަވެ ހުސްވި ހަފްތާގެ އަންގާރަ ދުވަހު އޭނާ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައިވެއެވެ. ހޮސްޕިޓަލުގައި ޕެލޭ އެޑްމިޓު ކުރީ، މުޅި ހަށިގަނޑު ދުޅަވެ، ގައިގައި ރިއްސާތީއެވެ. އަދި އެއިރު އޭނާއަށް އަމިއްލައަށް ކަންކަން ނުކުރެވޭ ކަމަށާއި، އަމިއްލައަށް ނުވެސް ކެވޭކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މީގެއިތުރުން ހޮސްޕިޓަލުން ހެދި ޓެސްޓުތަކުގެ ނަތީޖާ ދައްކާ ގޮތުގައި، ޕެލޭގެ ހިތުގެ ހިނގުން ވަރަށް ބޮޑަށް ދައްވެފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އޭގެފަހުން ހަތަރު ދުވަސް ފާއިތުވެފައިވާއިރު، އޭނާ އެޑްމިޓް ކޮށްފައި އޮތް ސައޮ ޕައުލޯގެ އެލްބަޓް އެއިންސްޓައިން ހޮސްޕިޓަލުން ވަނީ، އޭނާ ޕެލިއޭޓިވް ކެއާއަށް ބަދަލުކޮށްފައެވެ. ޕެލިއޭޓިވް ކެއާ އަށް ބަދަލު ކުރުމުގެ މާނައަކީ، ބައްޔަށް ދޭނެ އިތުރު ފަރުވާއެއް ނެތުމުން، ހަށިގަނޑުގައި އަޅާ ވޭން ކުޑަކުރުމަށް، މަރުވަންދެން ބެހެއްޓުމަށް ކިޔާ ނަމެކެވެ.

އެ ހޮސްޕިޓަލާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ޕެލޭ ޕެލިއޭޓިވް ކެއާއަށް ބަދަލުކުރީ، އޭނާގެ ހަށިގަނޑި ކީމޯ ތެރެޕީއަށް ރެސްޕޮންޑު ނުކުރާތީއެވެ.

މިކަން މީޑިއާއަށް ތިލަވުމާއެކު ޕެލޭ ވަނީ އޭނާގެ ސަޕޯޓަރުންނަށް، މީސްމީޑިއާގައި ހާއްސަ މެސެޖެއްދީ ވީޑިއޯއެއް ހިއްސާކޮށްފައެވެ.

މި ވީޑިއޯގައި ޕެލޭ ބުނީ، އޭނާއަށް 80 އަށްވުރެ ގިނަ އަހަރު ދުނިޔޭގައި އުޅުމުގެ ފުރުސަތު ލިބުނީތީ އަދި މަރުވުމުގެ ކުރިން އޭނާގެ ސަޕޯޓަރުންނާއި އޭނާ ދެކެ ލޯބިވާ މީހުންނާ މުހާތަބުކޮށް ޝުކުރު އަދާކުރުމުގެ ފުރުސަތު ލިބުން އެއީ ޝުކުރުވެރިވާ ކަމެއް ކަމަށެވެ.

1956 ވަނަ އަހަރު ބްރެޒިލްގެ ސައު ޕައުލޯއިން ސީނިއާ ފުޓުބޯޅަ ކެރިއަރު ފެށި ޕެލޭ އަކީ، ފުޓުބޯޅައިގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ސައޮ ޕައުލޯއަށް ކުޅުނު 636 މެޗުގެ ތެރެއިން 618 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް ޕެލޭ ކުޅެން ފެށީ 1957 ވަނަ އަހަރުއެވެ. އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 1971 ވަނަ އަހަރުއެވެ. އެ މުއްދަތުގެ ތެރޭގައި ބްރެޒިލްގެ ގައުމީ ޖާޒީގައި 92 މެޗު ކުޅެދީ 77 ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ.

ޕެލޭ ވަނީ ބްރެޒިލްއާއެކު ތިން ފަހަރެއްގެ މަތިން ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.

comment ކޮމެންޓް