ފީފާ ވޯލްޑް ކަޕް 2022 ގެ ގުރޫޕު ސްޓޭޖާއި ހަމައިން ޔުރުގުއާއިއަށް މުބާރާތް ނިމުމާއެކު، އެޓީމުގެ ތަރި އެޑިންސަން ކަވާނީގެ ރުޅިގަނޑު ދަނޑުގައި ހުރި ވީއޭއާރް ސްކްރީނަށް ބާލައިފިއެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޔުރުގުއާއިއާ ވާދަކުރީ ގާނާއެވެ. އެ މެޗުން 0-2 ގެ ނަތީޖާއަކުން ޔުރުގުއާއި މޮޅުވިނަމަވެސް، އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ނުލިބުނީ، ލަނޑުގެ ތަފާތުން ސައުތު ކޮރެއާގެ މައްޗަށް ޕޮއިންޓު ތާވަލުގައި ކުރި ނުލިބޭތީއެވެ.
މި ގުރޫޕުގެ އެއްވަނަ ހަ ޕޮއިންޓާއިއެކު ހޯދީ ޕޯޗުގަލްއެވެ. ދެވަނައިގައި އޮތް ސައުތު ކޮރެއާއަށާއި ތިންވަނައިގައި އޮތް ޔުރުގުއާއިއަށް ހަތަރު ޕޮއިންޓު ލިބިފައިވެއެވެ. ފުލުގައި އޮތީ ގާނާއެވެ. ސައުތު ކޮރެއާއާއި ޔުރުގުއާއި، ޕޮއިންޓުގެ ގޮތުން އަދި ފައިދާ ގޯލުގެ ތަފާތުންވެސްވީ އެއްވަރެވެ. ސައުތު ކޮރެއާއަށް ކުރި ލިބެނީ ޖަހާފައިވާ ލަނޑުގެ ތަފާތުންނެވެ.
ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުރުގުއާއި އިތުރަށް އެންމެ ލަނޑެއް ޖެހި ނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ކުރިހޯދައި، މި ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ރައުންޑް އޮފް 16ގެ ޖާގަ ލިބޭނެއެވެ.
މެޗަށްފަހު ކަވާނީ ރުޅިގަދަވީ، ތިންވަނަ ލަނޑެއް ޖެހުމަށް ލިބުނު ފުރުސަތު ގެއްލުނީ ރެފްރީގެ ނިންމުމުގެ ސަބަބުން ކަމަށް ދެކިގެންނެވެ.
މެޗުގައި ޔުރުގުއާއިގެ ކުޅުންތެރިންނަށް ޕެނަލްޓީ އޭރިއާ ތެރެއިން ފައުލު ކުރިކަމަށް ބުނެ، ގިނަ އެޕީލްތަކެއް ކޮށްފައިވެއެވެ. ކުޅުންތެރިންގެ ނުރުހުން މެޗުގައި އިންސާފުކުރި ރެފްރީ، ޑެނިއެލް ސިއެބާޓަށް އެންމެ ބޮޑަށް އަމާޒުވީ، މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޕެނަލްޓީ އޭރިއާ ތެރެއިން ޔުރުގުއާއިގެ އެޑިންސަން ކަވާނީއަށް، ގާނާގެ އަލިޑޫ ސައިޑޫ ފައުލުކުރި ނަމަވެސް، ޕެނަލްޓީއެއް ނުދިނުމުގެ އިތުރުން ވީއޭއާރުވެސް ނުބެލި ކަމަށް ބުނެއެވެ.
އެވަގުތު ވެސް ޔުރުގުއާއިގެ މުޅި ޓީމު ކަހަލަ ގޮތަކަށް ރެފްރީގެ ނިންމުމާއިމެދު ހިތްހަމަ ނުޖެހި ނުރުހުން ފާޅުކޮށްފައިވެއެވެ. އަދި މި ރުޅިގަނޑުގެ ހުޅުފަޅައިގެން ދިޔައީ މެޗުގައި ރެފްރީގެ އެންމެފަހު ކަށިގަނޑާއެކުއެވެ. މެޗު ނިމުމުން އެޓީމުގެ ގިނަ ކުޅުންތެރިންތަކެއް ވަނި ރެފްރީ ވަށާލައި، ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެހެންނަމަވެސް ސެކިއުރިޓީގެ އެހީއާއިއެކު ރެފްރީ ވަނީ ޑްރެސިންގް ރޫމަށް ގޮސްފައެވެ.
ދެން ފެނުނީ ޔުރުގުއާއިގެ ކުޅުންތެރިން ޑްރެސިންގް ރޫމަށް ދިޔަ މަގުމަތީގައި، ޓަނެލްގައި ބަހައްޓާފައި ހުރި ވީއޭއާރު ސްކްރީނުގައި އަތުން ޖަހައި، ކަވާނީ އެ ސްކްރީން ވައްޓާލި މަންޒަރެވެ.
ޔުރުގުއާއި ކުޅުންތެރިންގެ އަމަލުތަކާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، ބޮޑެތި އަދަބުތަކެއް މި ކުޅުންތެރިންނަށް ފީފާއިން ދޭނެކަމަށް ބެލެވެއެވެ.